ޔޫރަޕްގެ ގައުމުތަކުގެ އިގްތިސާދު މިދުވަސްވަރު ހީނަރު ވަމުންދިޔަ ނަމަވެސް ދުނިޔޭގެ ފަޤީރު ގައުމުތަކަށް ދެމުން ގެންދާ އެހީ އެގޮތުގައި ދެމެހެއްޓުމަށް މައިކްރޮސޮފްޓުގެ ބާނީ އަދި އިޖުތިމާއީ ކަންކަމަށް އެހީތެރިވާ ބިލިއަނަރު ބިލް ގޭޓްސް ގޮވާލައިފިއެވެ.
ޔޫރަޕިއަން ޕާލިމެންޓުގައި ދެއްވި ތަގުރީރެއްގައި ގޭޓްސް ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުން ގޮންޖެހުންތައް ކިތަންމެ ބޮޑުވި ނަމަވެސް ފަގީރު ގައުމުތަކަށް ދޭ އެހީ ކަނޑާލުމަށް ނުވަތަ މަދުކުރުމަށް އެއީ ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އޭނޭ އިތުރަށް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައިހޫނު ކަމާއި އެޗްއައިވީ އޭޑްސް ފަދަ ނުރައްކާތެރި ބަލިތަކުގެ ވޭނުގައި އެތައް މިލިއަން މީހުން ދުވަސްތައް ގުނަމުންދާއިރު، ޔޫރަޕުން އިސްކަންދޭން ޖެހެނީ ހާލުގައި ޖެހިފައިވާ ފަރާތްތަކާއިމެދު ގުޅިގެން މަސައްކަތް ކުރެވޭނެ އިންވެސްޓްތަކެއްގެ މައްޗަށް ކަމަށެވެ.
މައިކްރޮސޮފްޓުގެ ކޯ ފައުންޑާ ވަނީ ސިއްހީ ކަންކަމާއި ތަރައްގީ އަށް ޔޫރަޕްގެ އިއްތިހާދުން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކުރައްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަރައްގީ އާއި ސިއްހީ ކަންކަމުގައި ޔޫރަޕްގެ އެހީތެރިކަމުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށާއި އެގޮތުގައި އެހީގެ ކަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ވަރަށް މުހިއްމު ކަމަށެވެ.
ގޭޓްސް އަކީ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ ރައީސްއެވެ. އެ ޖަމާއަތުން ދަނީ ފަގީރު ގައުމުތަކަށް އެހީވުމަށް އެކި ބާވަތުގެ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ހާއްސަ ގޮތެއްގައި ފާހަގަކުރެވެނީ އެފްރިކާގެ ތަރައްގީއަށް ވެދެމުން އަންނަ އެހީތަކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...