މިދިޔަ އަހަރު އަފްޣާނިސްތާނުގައި ހިނގި ހަމަނުޖެހުންތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށާއި ހަނގުރާމައާ ގުޅުން ހުރި ހަމަނުޖެހުންތަކުގައި މަރުވި އާންމުންގެ އަދަދު ވެސް މަދުވެފައިވާ ކަމަށް އެމެރިކާގެ ކޮންގްރެސް އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
ކޮންގްރެސްގެ ރިސާޗް ސާވިސް އިން އެކުލަވާލާފައިވާ މި ރިޕޯޓްގައި ބުނެފައި ވަނީ 2010 ވަނަ އަހަރު އަފްޣާނިސްތާނުގެ ހަމަނުޖެހުންތަކުގައި 2777 މީހުން މަރުވިއިރު މިދިޔަ އަހަރުގެ އެ އަދަދު އުޅެނީ 2262 ގައި ކަމަށެވެ. ރިޕޯޓްގައި ބުނެފައި ވަނީ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ތިރިވިއިރު މިދިޔަ އަހަރަކީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ވެސް ކުރިއަށް ވުރެ ލުއި އަހަރެއް ކަމަށެވެ.
ރިޕޯޓްގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ހަމަނުޖެހުންތަކުގައި ސިފައިންގެ 821 މީހުން މަރުވެފައިވާއިރު މިދިޔަ އަހަރުގެ ހަމަނުޖެހުންތަކުގައި މަރުވެފައި ވަނީ އަފްޣާނިސްތާން ސިފައިންގެ 289 މީހުން ކަމަށެވެ. މަރުވި ފުލުހުންގެ އަދަދު 522 އަށް ތިރިވެފައިވާއިރު 2010 ވަނަ އަހަރު މި އަދަދު އުޅުނީ 1292 ގަ އެވެ.
އެމެރިކާ ސިފައިން އަފްޣާނިސްތާން ހިފީ 2001 ވަނަ އަހަރު އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކާ އެކު ފެށި "އެންޑުއަރިން ފްރީޑަމް" ހަރަކާތުގެ ދަށުންނެވެ. މި ހަރަކާތުގައި އެމެރިކާ އިން ވަނީ ފަހުން އިރާގު ވެސް ހިފައިފަ އެވެ. އިރާގު ހަނގުރާމަ ނިންމާލުމަށް ފަހު އަފްޣާނިސްތާނުން ވެސް ސިފައިން ބޭލުމުގެ އަމަލީ މަސައްކަތް އެމެރިކާ އިން ފަށާފައިވާއިރު މި ދެ ހަނގުރާމާގައި މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު 1864 އަށް އަރައެވެ. ޒަހަމްވި ސިފައިންގެ އަދަދު 15،262 އަށް އަރައެވެ.
އެމެރިކާ އިން ދަނީ 2014 ވަނަ އަހަރުގެ ނިޔަލަށް އަފްޣާނިސްތާން އެގައުމުގެ ސަލާމަތީ ބާރުތަކުގެ އަތް ދަށަށް ދޫކޮށްލުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...