އޭޝިއާ ތާލިބާނުންގެ މައްސަލައިގައި އަފްޣާނިސްތާނާއި ޕާކިސްތާނުން އަލުން މަޝްވަރާ ކުރަނީ

ތާލިބާނުންގެ މައްސަލައިގައި އަފްޣާނިސްތާނާއި ޕާކިސްތާނުން އަލުން މަޝްވަރާ ކުރަނީ

ތާލިބާނުންގެ މައްސަލައިގައި އަފްޣާނިސްތާނާއި ޕާކިސްތާނުން އަލުން މަޝްވަރާ ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތާލިބާނުންގެ މައްސަލާގައި ޕާކިސްތާނުން އަފްޣާނިސްތާނާ އެކު ކުރިއަށް ގެންދިޔަ ވާހަކަތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ވާހަކަތައް ކުރިއަށް ގެންދިއުމަށް ޕާކިސްތާނުން މަސއްކަތް ކުރަމުންދާ ކަމުގައި ރަސްމީ ފަރާތްތަކުން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ. ފުރަތަމަ ބުރުގެ ވާހަކަތައް ހުއްޓާލީ ކާބުލްގެ ސުލްހައިގެ އިސް މަންބޫދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތާލިބާނުންގެ ހަމަލާއެއްގައި އަވަހާރަކޮށްލުމުންނެވެ.

އެހަމަލާ އާއި ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރުވި އެންމެބޮޑު ސަބަބަކަށްވެގެންދިޔައީ އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީގެ ފާޑުކިޔުންތައް ޕާކިސްތާނަށް އަމާޒުކުރުމުންނެވެ. މީގެ އިތުރުން ޕާކިސްތާނުގައި ގާއިމުވެ ތިބި ތާލިބާން ހަނގުރާމަވެރިންގެ ހަރަކާތްތައް ހުއްޓުވުމުގައި ޕާކިސްތާނުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާ މައްސަލައިގެ ސަބަބުންވެސް ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެގެންދިޔައެވެ.

އަފްޣާނިސްތާނުގެ ހައި ޕީސް ކައުންސިލްގެ މެމްބަރަކު ވިދާޅުވެފައިވާ ގޮތުން ވާހަކަތައް އަލުން ފެށުމަށް ޕާކިސްތާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެކަމަށް އަފްޣާނިސްތާނު ވެސް ތައްޔާރަށް އޮތް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ގުޅުން ބަދަހިކުރުމުގެ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ޣިލާނީ ވެސް ވަރަށް އަވަހަށް އަފްޣާނިސްތާނަށް ވަޑައިގަތުމަށް ވަނީ ހަމަޖައްސާފައެވެ.

އަފްޣާނިސްތާނުގެ ވެރިކަމުން 2001 ވަނަ އަހަރު އެމެރިކާގެ އަސްކަރީ ބާރާއެކު ބޭރުކޮށްލާފައިވާ ތާލިބާނުން ދަނީ ހަނގުރާމައިގެ މައިދާން ދޫކޮށް އަފްޣާނިސްތާނުގެ ސިޔާސީ މައިދާނަށް އަލުން ނުކުތުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެމެރިކާއާ އެކު ސުލްހައިގެ ވާހަކަތައް ފެށުމަށް އެމީހުން ވަރަށް އަވަހަށް ގަތަރުގައި އޮފީހެއް ވެސް ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.