މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނާއިބު އަންވަރު އިބްރާހިމް އެއް ޖިންސުން ގުޅުން ހިންގެވިކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ކުރިއަށް ގެންދިޔަ ދައުވާ ސާބިތުނުވެ މައްސަލަ ނިމިއްޖެއެވެ.
މެލޭޝިއާގައި މިހާރު އެންމެ މަގްބޫލު އިދިކޮޅު ލީޑަރުގެ މައްޗަށް އުފުލި ދައުވާ ކޯޓުން ދޫކޮށްލާފައިވަނީ އޭނާއާއި ދެކޮޅަށް ހުށަހެޅި ޑީއެންއޭ ހެކި ބަލައިގަތުމަށް ދެކޮޅުހެދުމަށް ފަހުގައެވެ. ކޯޓުން ބުނެފައިވަނީ އަންވަރުގެ މައްސަލާގައި އޭނާއާއި ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ.
މިނިންމުން ވެގެން ދިޔައީ މި ޝަރީއަތް ފެށުނީއްސުރެ މިއީ ސިޔާސީ ކުލަ ޖެހިފައިވާ ޝަރީއަތެއްގެ ގޮތުގައި ސިފަކުރައްވަމުން ގެންދެވި އަންވަރުގެ ސިޔާސީ ހަޔާތަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ އަކަށެވެ. މި ނިންމުކާ އެކު އިދިކޮޅު ފަރާތްތަކާ އެކު އުފާ ފާޅުކުރަމުން ގެންދަވާ އަންވަރު ވަނީ މެލޭޝިއާގެ ސަރުކާރު ކުރިއަށް އޮތް އިންތިހާބުގައި ވައްޓާލާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.
އަންވަރުގެ މައްސަލައިގެ ނިޔާ ކަނޑައެޅިއިރު ކޯޓް ހިމެނޭ ސަރަހައްދު އޮތީ އޭނާގެ ސަޕޯޓަރުންނާ އެކު ފުރިފައެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި އޮތް ނަމަވެސް ޝަރީއަތް ނިމުނުތާ މާ ގިނަ އިރުތަކެއްނުވެ އެ ސަރަހައްދުން އާދައިގެ ތިން ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އަންވަރު ސަލާމަތްވެ ވަޑައިގަތުމާ ގުޅިގެން މެލޭޝިއާގެ އިންފޮމޭޝަން މިނިސްޓަރު ރާއިސް ޔާތިމް ވިދާޅުވެފައި ވަނީ މެލޭޝިއާގެ ޝަރުއީދާއިރާއަކީ މިނިވަން ދާއިރާއެއްކަން އެނގިގެން ހިނގައްޖެ ކަމަށެވެ.
މެލޭޝިއާގައި އަންވަރު ބޮޑުވަޒީރުކަމުގެ ނާއިބުކަން އަދާކުރެއްވީ 90ގެ އަހަރުތަކުގައި އޭރުގެ މަގްބޫލު މަހާތީރު މުހައްމަދުގެ ސަރުކާރުގައެވެ. ނަމަވެސް ހިޔާލު ތަފާތުވުންތަކާ އެކު މަހާތީރުގެ ސަރުކާރުން އޭނާ ބޭރުކޮށްލީ 1998 ވަނަ އަހަރުއެވެ.
އޭނާ ޖަލުން ސަލާމަތްވެ ވަޑައިގަތީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން ނުފޫޒުގަދަ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަންވަރު ވަނީ އެންމެފަހުން ބޭއްވ އިންތިހާބުގައި ވެސް ސަރުކާރު ސިއްސުވާލާފައެވެ.
އެއް ޖިންސުން ގުޅުން ހިންގިކަމުގެ ދެ ވަނަ ދައުވާއެއް އަންވަރާ ދެކޮޅަށް އުފުލީ އިންތިހާބަށް ފަހުގައެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ މެލޭޝިއާގައި 20 އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ މެލޭޝިއާގެ އިންތިހާބު އަވަސްކުރާނެ ކަމަށް ބެލެވޭއިރު އަންވަރަށް ވަނީ ސިޔާސީ މައިދާން ހުޅުވި، ފުރުސަތު ބޮޑުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...