ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ މަޤާމުން ދުރުކުރުމަށް އެޤައުމުގެ އަސްކަރިއްޔާއިން ބާރުއަޅަމުން ގެންދާކަމަށް ދާދިފަހުން ފެތުރިގެންދިޔަ ޚަބަރުތައް އޭނާ ދޮގުކުރައްވައިފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަރުދާރީ ވިދާޅުވީ މަޤާމުން އިސްތިއުފާ ދިނުމަށް އެއްވެސް ފަރާތަކުން އޭނާގެ ކިބައިން ނޭދޭކަމަށާއި އެކަމާބެހޭ އެއްވެސް ފިއްތުމެއް މިހާތަނަށް ކުރިމަތިނުވާ ކަމަށެވެ. ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާކުރެއްވުމަށް ދާދިފަހުން ޒަރުދާރީ ޤައުމު ދޫކުރައްވައި ދުބާއިއަށް ވަޑައިގެންނެވީ ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމުން ޒަރުދާރީގެ ފުރާނައަށް ގެއްލުމެއްދީފާނެ ކަމުގެ ބިރުއޮތުމުން ކަމަށް ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.
ޕާކިސްތާނުން ފިއްލެވުމަކީ ހަމައެކަނި އޮތް ޙައްލުތޯ ދެންނެވުމުން ޖަވާބުގައި މީގެ 4 ހަފްތާކުރިން ދުބާއިގައި ޒަރުދާރީވަނީ އެއީހަމައެކަނި ޙައްލުނޫންކަމާއި އެނޫން ޙައްލުތައްވެސް ހުންނާނެކަމަށް ވިދާޅުވެ އޭނާމަޤާމުން ދުރުކުރުމަށް ބާރުގަދަ ފަރާތަކުން މަސައްކަތްކުރަމުން ގެންދާހެން ހީވާފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ޕާކިސްތާނުގައި ދެއްކި ޓީވީ ޕްރޮގްރާމެއްގައި ޒަރުދާރީ އިއްޔެ ފެނިފައިވަނީ ވަރަށްވެސް ސާބިތުކަމާއި ހިތްހަމަޖެހުމާއެކުގައި ކަމަށް ޚަބަރުތައް ބުނެއެވެ.
އިޤްތިސާދީ ހީނަރުކަމާއި ދާޚިލީ ތަޅާފޮޅުމާއި އެމެރިކާފަދަ ބޭރުގެ ބާރުތަކުގެ ނުފޫޒު ޕާކިސްތާނަށް ކުރިމަތިުވުންފަދަ ކަންކަމުގެ ސަބަބުން ޒަރުދާރީގެ މަޤްބޫލުކަން ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުންނާއި ރައީސުން މަޤާމުން ދުރުކޮށް ޢަސްކަރީ އިންޤިލާބުތައް ގެނައުމަކީ އެޤައުމުގައި ހިނގަމުންދާ ކަމެކެވެ. އަދި މަޤާމުން އިސްތިއުފާ ދިނުމަށްވެސް ސިފައިން ވަރަށް ގިނަފަހަރު ޕާކިސްތާނުގެ ރައީސުންގެ ކިބައިން އެދި އެމީހުންގެ މަސައްކަތުގެ ތެރެއަށް ބާރުގެ ބޭނުންކޮށްގެން ވަނުމަކީވެސް ޕާކިސްތާނުގައި ސިފައިން ހިންގާފައިވާ ކަންތައްތަކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...