ޓެރަރިޒަމްގެ އެއްވެސް އަސަރެއް ރާއްޖޭގެ ފަތުރުވެރިކަމަށް ނެތްކަމަށް ޢަދާލަތު ޕާޓީގެ އިސް ތަރުޖަމާނު ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މުޙައްމަދު ޝަހީމް ވިދާޅުވީ ޓެރަރިޒަމްގެ އެއްވެސް އަމަލަކަށް ޖާގަވެސް ނުދޭނެކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ފުރިހަމަ ރައްކާތެރިކަމާއި އަމާންކަން ފޯރުކޮށްދިނުމުގެ ޤާބިލްކަން ރާއްޖޭގެ ރައްޔިތުންގެ ކިބައިގައި ހުންނާނެކަމަށެވެ. އަދި ރާއްޖެ އަންނަ ޓުވަރިސްޓުންނަށް އަބަދުވެސް ޢަދާލަތު ޕާޓީން މަރުހަބާ ކިޔާނެ ކަަމަސް ޝަހީމް ވިދާޅުވިއެވެ.
މާޒީގައި ވެސް ދައްކާފައިވާ ރީތި ނަމޫނާ މުސްތަޤްބަލްގައި ވެސް ފެނިގެންދާނެ ކަމަށާއި މިކަމުގެ ފުރިހަމަ ޔަޤީންކަން ޢަދާލަތުޕާޓީގެ ފަރާތުން ވެސް ބައިނަލްއަޤުވާމީ މުޖްތަމަޢަށް ދެއްވާކަމަށްވެސް ޝައިޚް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާޒީއަށް ބަލާއިރު ފަތުރުވެރިންނަށް ރާއްޖެއިން ދައްކުވާދީފައިވަނީ ވަރަށް މަތިވެރި އިސްލާމީ އަޚްލާޤީ ނަމޫނާއެއްކަމަށެއެވެ. އެހެންކަމުން ބައިނަލްއަޤުވާމީ މުޖްތަމައިން އެއްވެސް ކަންބޮޑުވުމެއް ނެތި ރާއްޖެއާ މުޢާމަލާތު ކުރުމަށް އަދާލަތު ޕާޓީން ގޮވާލާކަމަށް ޝެއިޚް ޝަހީމް ވިދާޅުވިއެވެ.
ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާއާ ގުޅިގެން ދައުލަތުގެ މީޑިއާއިން ރާއްޖޭގެ ރައްޔިތުންނަކީ ހަރުކަށި ބައެއްގެގޮތުގައި ސިފަވާގޮތަށް ޚަބަރު ފަތުރާފައިވުމަކީ ރާއްޖޭގެ ފޮރިން ޕޮލިސީ ކަނޑައަޅަންތިއްބެވި ބޭފުޅުންގެ ދުރުވިސްނުފުޅު ނެތްކަން ސާބިތުވާ ކަމެއްކަމަށާއި އަދި ޓުވަރިޒަމަށް މި ކަމުގެ ސަބަބުން ނޭދެ އަސަރެއްކޮށްފާނެކަމަކީ ޢަދާލަތު ޕާޓީން ކަންބޮޑުވާނެކަމެއް ކަމަށް ޝައިޚް ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...