އިޒްރޭލުގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރަން ނިއްމާފައިވާކަމަށް އަޑުތަށް ފެތުރިފައިވާއިރު ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް މިއަދު އެކަން ދޮގުކޮށްފިއެވެ.
އިޒްރޭލުގެ ފްލައިޓްތައް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ދީފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހުށެއެޅިފައިވާ މައްސަލަ ބެލުމަށް ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކުރުމުން އޭނާ ވިދާޅުވެފައިވަނީ އިޒްރޭލުގެ އެއްވެސް މަތިންދާ ބޯޓަކަށް އަދި އެ ގައުމުގެ އެއްވެސް އެއާލައިނަކުން ރާއްޖެ އަށް ދަތުރުކުރުމުގެ ހުއްދަ މިހާތަނަށް ދީފައި ނުވާނެކަމަށެވެ.
އެހެންނަމަވެސް އާދިލް ސަލީމް ވަނީ މީގެ ކުރިން އިޒްރޭލުގެ ފްލައިޓްތައް ރާއްޖެއަށް ޖެއްސުމަށް ހުއްދަ ދީފައިވާކަމަށް ބެލެވޭ ގޮތަކަށް ވާހަކަ ދައްކަވައިފައެވެ. އެގޮތުން މިނިސްޓަރ ކުރިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްގެން ނޫނީ އިޒްރޭލުގެ ފްލައިޓްތައް ޖެއްސުމުގެ ހުއްދަ ނުހިފެހެއްޓޭނެ ކަމަށެވެ.
އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއާލް" އިން ހުށަހަޅާފައި ވަނީ ދަތުރުތައް މި މަހު ފަށަން ކަމަށް ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން މީގެކުރިން ވަނީ ބުނެފައެވެ.
އިޒްރޭލުގެ ފްލައިޓްތައް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަން ބަލައިދިނުމަށް އެދިވަޑައިގެން ، މި މައްސަލަ ރައްޔިތުން މަޖިލީހަށް ހުށަަޅައިފައިވަނީ އަދާލަތު ޕާޓީގެ ނާއިބު ރައީސް ޑރ. މައުރޫފު ހުސެއިނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...