ދުނިޔޭގެ އިގްތިސާދު މިވަގުތު އޮތީ ވަރަށް ނުރައްކާ ފައްތަރެއްގައި ކަމަށާއި އެކަމުގެ ނޭދެވޭ އަސަރުތައް ފަގީރު ގައުމުތަކަށް ވަރަށްބޮޑަށް ކުރާނެ ކަމުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓީން ލަގާޑް ވިދާޅުވެއްޖެއެވެ.
އައިއެމްއެފްގެ ވެރިއެއްގެ ހައިސިއްޔަތުން އެފްރިކާ ސަރަހައްދަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ނައިޖީރިއާ އަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލަގާޑް ވިދާޅުވީ ދުނިޔޭގެ އިގްތިސާދާ މެދު ލަފާކުރާ ގޮތް ޖެނުއަރީ މަހު އިއުލާނުކުރެވޭ ވަރު ވާނެ ކަމަށާއި ސެޕްޓެމްބަރު މަހު ލަފާކޮށްފައިވާ ވަރަށް ވުރެ އިގްތިސާދީ ކުރިއެރުން ދަށްވާނެ ކަމަށް މިހާތަނަށް ބެލެވޭކަމަށެވެ.
ލަގާޑް ވިދާޅުވީ 2008 އިން 2009 އަށް ކުރިމަތިވި މާލީ ހީނަރުކަމުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް މިވަގުތު ކުރިމަތިވެފައިވާ ކަމަށާއި ގިނަ ހުރަސްތަކެއް ގިރާކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ އާއި އެކަމާ ގުޅުން ހުރި އެހެން މައްސަލަތައް ވެސް ފާހަގަކުރައްވައި ވާހަކަ ދައްކަވާފައިވެއެވެ.
ޔޫރަޕްގެ މާލީ މައްސަލަތައް ހައްލުކުރުމަށް އެ ސަރަހައްދުގެ ގައުމުތަކުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް ފާސްކޮށްފައިވާ ކަންކަން ތަންފީޒުކުރުމާއި ހިސާބުން އަނެއްކާވެސް މައްސަލަ ޖެހިދާނެ ކަމަށް ލަގާޑް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިގްތިސާދާ މެދު ޔަގީންކަން އިތުރުވާ ފަދަ މަސައްކަތްތަކެއް ކުރަންވެއްޖެ ކަމަށާއި މުއްސަނދި ގައުމުތަކަށް އިންވެސްޓަރުންގެ ޔަގީންކަން ބޮޑުވާ ފަދަ ސިޔާސަތުތަކެއް މިހާރުން މިހާރަށް ކުރިއަށް ނެރެން ޖެހިފައިވާ ކަމަށެވެ.
މިކަމަށްޓަކައި މަސައްކަތްކުރާނެ އުޞޫލްތަކެއް ކަނޑައަޅައިގެން ގިނަ ބައެއްގެ އިސްނެގުމާއެކު މަސައްކަތް ކުރެވިގެން ނޫނީ ކުރިމަގުގައި ކުރިމަތިވާން ހުރި ދަތިތަކާއި އުނދަގޫތައް ވަރަށް ގިނަ ކަމުގައިވެސް ލަގާޑް ވިދާޅުވެ އިންޒާރު ދެއްވާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...