އަންނަ ހުކުރު ދުވަހު "އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި މަދަނީ އިއްތިހާދުން މުޒާހަރާކުރަން ނިއްމާފައިވާއިރު، އެމްޑީޕީ އިންވެސް އެދުވަހު މުޒާހަރާ ކުރަން ނިއްމާފައިވާތީ ވަކި ފަރާތަކަށް ނުޖެހި، ފުލުހުންގެ ވާޖިބް އަދާކުރުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ފުލުހުންނަށް އިލްތިމާސްކޮށްފިއެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިސެމްބަރ 23 ވަނަ ދުވަހުގެ މުޒާހަރާގެ ކަންކަން ބެލެހެއްޓެވުމުގައި ވެސް ފުލުހުންގެ މުއައްސަސާގެ ޒިންމާ އާއި ވާޖިބުތައް ހަނދުމަފުޅުކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގައި ވަކި ފަރާތަކަށް ޖެހިވަޑައިނުގެން މަސައްކަތް ކުރެއްވުމަށް އެ ކޮމިޝަނުން ފުލުހުންނަށް އިލްތިމާސްކުރާކަމަށެވެ.
މީގެއިތުރުން މުޒާހަރާގެ އިންތިޒާމްކުރާ ފަރާތްތަކުންނާއި މަގުމަތީގައި ހަރަކާތްތަކުގައި ބަައިވެރިވާ ފަރާތްތަކުން ސުލްހަވެރިކަން ގާއިމްކުރެވޭނެ ގޮތްތަކަށް އަމަލުތައް ބެހެއްޓުމަށާއި އެއްބަޔަކު އަނެއްބަޔެއްގެ ހައްގުތަކަށް އަރައިނުގަތުމަށް މުޒާހަރާގެ ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް އެ ކޮމިޝަނުން ގޮވާލާފައިވެއެވެ.
"އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހީން" މި ނަމުގައި ބާއްވާ މުޒާހަރާގައި މުޅި އެކު 100000 މީހުން ބައިވެރިވާނެކަމަށް އެކަން އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...