އިސްލާމް ދީން ހިމާޔަތް ކުރުމަށް ގޮވާލައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން އަންނަ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާއާ ދެކޮޅަށް އެމްޑީޕީއާ އެކު ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނުކުންނެވުމަކީ އެ ޕާޓީ އާއި ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހުތުރެއް ކަމަށް މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިއަދު ވިދާޅުވީ ދީނީ ކަންކަމަށް އަޑުއުފުލުމަށް ބާއްވާ މުޒާހަރާއަކާ ދެކޮޅަށް ރައީސް ނުކުންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށާއި ވާދަވެރި ފަރާތްތަކާ ދެކޮޅު ހެއްދެވުމަށް މުޒާހަރާ އަށް ނުކުންނެވުމަކީ "މަންޒަރު ވަރަށް ހުތުރުވާނެ" ކަމެއް ކަމަށެވެ. 23 ވަނަ ދުވަހުގެ މުޒާހަރާއާ ދެކޮޅު ހެދުމަށް އެމްޑީޕީގައި 50.000 މެމްބަރުން ނުކުންނާނެކަމަށް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ އިތުރަށް ވިދާޅުވީ "23 ވަނަ ދުވަހު މުޒާހަރާ އަށް ނުކުންނަ މީހުން ވަޅި އާއި ކަނޑި އާއި ބަޑި ހިފައިގެން ނުނުކުންނާނެކަމަށާއި އަދި އެމީހުން ބޭނުންވާނީ ރައީސުލް ޖުމްހޫރިއްޔާ އާއި ބައިނަލްއަގުވާމީ މުޖުތަމައަށް ރައްޔިތުން ދެކޭގޮތް ހާމަކޮށްދިނުން ކަމުގައެވެ. " އެމީހުންނަކީ އިސްލާމް ދީން ހިމާޔަތްކުރުމުގެ ނަމުގައި ނުކުންނަ ބައެއް. ދެން ކީއްކުރަންތޯ އަޅުގަނޑުމެން އެ ނޫން ގޮތަކަށް މަންޒަރު ދައްކަން ނުކުންނަންވީ" މުސްތަފާ ވިދާޅުވިއެވެ.
23 ވަނަ ދުވަހުގެ ބޮޑު މަޒާހަރާއަށް އެމްޑީޕީއިން ނުކުމެއްޖެނަމަ އޭގެން ވަރަށް ނުބައި އަސްރުތަކެއް ކުރާނެކަމަށާއި އަދި ރައީސް މުޒާހަރާ އަށް ނުކުންނެވުމަކީ ސިޔާސީ ގޮތުން ރަނގަޅު ނިންމެވުމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން މުސްތަގުބަލުގައި "ވަރަށް ނުބައި އިނގިލިތަކެއް" ދިއްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.
އެހެންކަމުން ރައީސް މުޒާހަރާގެ އިސް ސަފުގައި ހުންނަވައި "ރައްޔިތުންނާ މާރާމާރީ ހިންގި" ކަމުގެ ތުހުމަތު އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވޭކަށް އޭނާ ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"ރައީސް ނުކުމެވަޑައިގެން ކޮންފްރަންޓޭޝަނަކަށް ދިޔައީއޭ. މިސާލަކަށް އަޅުގަނޑުމެން މަޖީދީމަގުގެ އެއްކޮޅުން، އިދިކޮޅު މީހުން އަނެއްކޮޅުން އައިސް މި ބައްދަލު ވަނީ. އޭރު ފުލުހުންނާއި ސިފައިން މެދުގައި. ދެން ވާނެގޮތް ތަސައްވަރުކޮށްލައްވާ. ދެކޮޅުން ފެންފުޅި އޮއްސައިގަތީ. އަޅައިނުލައެއް ނުތިބޭނެ. މި ކަހަލަ އެތައް ކަމެއް ވާނެ. ރައީސް ހުންނަވާނީ މުޒާހަރާގެ އެންމެ އިސް ސަފުގައި. އަޅުގަނޑަށް މަންޒަރު ވަރަށް ސާފު،" މުސްތަފާ ވިދާޅުވި އެވެ..
ރައީސް މުޒާހަރާއަށް ނުކުމެ ވަޑައިގަތުމާއި ދެކޮޅު ހައްދަވަމުން މުސްތަފާ ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް އެސްއެމްއެސް ވެސް ފޮނުއްވައިފަ އެވެ. ރައީސުލް ޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ރައީސެއް ނޫން. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް އަލްހާން ފަހްމީ ވެސް ވަނީ އެމްޑީޕީގެ މުޒާހަރާއާ ދެކޮޅު ހައްދަވައި، ދީނުގެ ނަމުގައި ނުކުންނަ ބަޔަކާ ދެކޮޅަށް އެ ޕާޓީން ނުނުކުތުމަށް ގޮވާލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...