ޢިރާޤު ހަނގުރާމަ ނިންމާލިކަން ހާމަކުރަމުން ނުވަ އަހަރު ފަހުން އެމެރިކާގެ ހުރިހާ ސިފައިން ޢިރާޤުން ފަބައިފިކަން ރަސްމީ ގޮތުން އިއްޔެ ހެނދުނު އެމެރިކާއިން އިޢްލާންކޮށްފިއެވެ.
އެމެރިކާ ސިފައިންގެ ނެރުނު ބަޔާނެއް ބުނިގޮތުގައި ޢިރާޤުގައި ހަނގުރާމަ ކުރަމުން ގެންދިޔަ އެމެރިކާ ސިފައިންގެ އެންމެ ފަހުގެ ޤާފިލާ އިއްޔެ ހެނދުނު ޢިރާޤާއި ކުވައިތުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޢިރާޤުން ފައިބައިގެން ކުވައިތަށް ގޮސްފައިވާ ކަމަށެވެ. މިއާއެކު މީގެ 8 އަހަރާއި 9 މަސްކުރިން ޢިރާޤަށް އަރައިގަތް އެމެރިކާ ސިފައިންގެ އެންމެން ޢިރާޤުން ބާލައި ނިމުނީ ކަމަށް މިބަޔާނުގައިވެއެވެ.
ޢިރާޤުން ފޭބި އެމެރިކާ ސިފައިންގެ އެންމެ ފަހުގެ ޤާފިލާގައި 100 އާމެޑް ޓޭންކާއި 500 ސިފައިން ހިމެނޭކަމަށްވެސް ޚަބަރުތައް ބުނެއެވެ. މިހާރު ޢިރާޤުގައި ތިބޭނީ ޢިރާޤު ސިފައިންނަށް ތަމްރީން ދިނުމަށްޓަކައި ދާދިފަހުން އެޤައުމަށްއައި އެމެރިކާގެ ޢަސްކަރީ މުދައްރިބުންގެ 157 މީހުންގެ އިތުރުން އެމެރިކާގެ އެމްބަސީ ޙިމާޔަތްކުރުމަށް ޚާއްސަ ކޮމާންޑޯގެ ފަންސާހަކަށް މީހުން ކަމަށް އެމެރިކާ ސިފައިން ބުނެއެވެ.
މިދިޔަ ހުކުރުދުވަހު ޢިރާޤުގައި އެމެރިކާ ސިފައިންތިބި ހުރިހާތަނެއްގައި ނަގާފައިވާ އެމެރިކާގެ ހުރިހާ ދިދަތަކެއް ތިރިކުރުމަށްފަހު އެތަންތަނުގައިވަނީ ޢިރާޤުގެ ދިދަ ނަގާފައެވެ. ޢިރާޤުގައި މިޙާރު އެމެރިކާގެ ދިދަ ނަގާފައިވަނީ ބަޣްދާދުގައިވާ އެމެރިކާގެ އެންބަސީއާއި ޢިރާޤުގެ ދެސަރަޙައްދެއްގައިވާ އެމެރިކާގެ ދެ ކޮންސިއުލޭޓް ގައެވެ.
2003 ވަނަ އަހަރު އެމެރިކާއިން ފެށި އަސްކަރީ އޮޕަރޭޝަނުގައި އެމެރިކާ ސިފައިންގެ 4500 މީހުންނާއި ޢިރާޤުގެ ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ޢިރާޤުގައި ފެށުނު ޓެރަރިޒަމާއި ބޮންގޮއްވުމުގެ ޢަމަލުތަކުގައި ދެލައްކައެއްހާ ޢިރާޤު ރައްޔިތުން މަރުވެ މިލިޔަނަކަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހަނގުރާމައަށް އެމެރިކާގެ ބަޖެޓުން 1.2 ޓްރިލިޔަން ޑޮލަރު ޚަރަދުވުމުގެ ސަބަބުން އެމެރިކާވަނީ އިޤްތިސާދީ އަދި މާލީ ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
ޢިރާޤާއި ދެކޮޅަށް އެމެރިކާކުރި ހަނގުރާމަ ނިމުމަކަށް އައިސް އެމެރިކާގެ އަޅުވެތިކަމުން ޢިރާޤު މިނިވަންވުމުން ޢިރާޤު ރައްޔިތުން ގެންދަނީ އެޤައުމުގެ އެކިކަންކޮޅުތަކުގައި އުފާފާޅުކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...