އިސްލާމްދީނުގެ ހިމާޔަތުގައި ނުކުންނަބަޔަކާއި ދެކޮޅަށް ނުކުތުމަކީ މި ރާއްޖޭގައި އިސްލާމްދީން ބޭއްވުމާ ދެކޮޅު އަމަލެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ބީއޭ ނަސީމް ވިދާޅުވެއްޖެއެވެ.
ރޭޑިޔޯ އެޓޯލްގެ "ހެނދުނުފަރުވާ" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ބީއޭ ނަސީމް ވިދާޅުވީ އިސްލާމް ދީން ހިމާޔަތްކުރުމާ، ސައްތައިން ސައްތަ މުސްލިމް ދިވެހި ރާއްޖޭގައި ދީނާ ދެކޮޅަށް ބައަކު ހަރަކާތްތެރިވާން ފެށުމުންނާއި އެފަދަ ކަންކަން ޢާންމުވާން ފެށުމުން ދީނުގެ ހިމާޔަތުގައި މުސްލިމުން ނުކުންނަން ޖެހޭނެ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ބައަކު ނުކުތުމަކީ މުސްލިމުންނާ، ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމާ ދެކޮޅު އަމަލެއް ކަމަށެވެ.
އެމްޑީޕީގެ ދީނީ މަޖިލީހުގެ ކުރީގެ ރައީސް ، ބީއޭ ނަސީމް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީން 23 ޑިސެމްބަރ 2011 ގައި "އިސްލާމްދީން ހިމާޔަތުގައި ދިވެހިން" މި ނަމުގައި ކުރާ މުޒާހަރާއާ އިދިކޮޅަށް ނުކުންނާނެކަމަށް އެމްޑީޕީ އިން ހާމަކުރުމުންނެވެ. މީގެއިތުރުން އިސްލާމް ދީނުގެ ހިމާޔަތުގާ ބައަކު ނުކުންނަނަން ނިންމުމުން އެމީހުންނާ ދެކޮޅަށް އެމްޑީޕީ އިން ނުކުންނަން ނިންމުމުން ރާއްޖޭގައި ހިންގާ ލާދީނީ ކަންތައްތަކުގެ ފަހަތުގައި ތިބީ ކޮންބައަކުކަން ވަރަށް ރަނގަޅަށް އެނގިއްޖެކަމަށްވެސް ބީއޭ ނަސީމް ވިދާޅުވިއެވެ.
އެމްޑީޕީ އިން ޑިސެމްބަރ 2011 ގެ މުޒާހަރާއަށް ނުކުންނާތީ އެކަމަށް ރައްދުދެމުން ބީއޭ ނަސީމް ވިދާޅުވީ ލޭ އޮހުރުވާމީހުންނަކީ ދީން ހިމާޔަތްކުރަން ދީނީ އިލްމުވެރިން ނުކުންނާތީ އެކަމާ އިދިކޮޅަށް ނުކުންނަ މީހުން ކަމަށެވެ. އަދި އެމްޑީޕީގެ މަޤްޞަދަކީ ވެސް އެއީ ކަމަށެވެ. އަދި ދީން ކުރިއަރުވަން ހަދާ ސައިޓްތައް ހެކްކުރުމާ ދޮގު ލިޔުންތައް ލިޔާނެކަން ޤަބުލުކުރަންޖެހޭނެ ކަމަށެވެ.
ދީނީ ކަންކަމުގައި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވެ އެމްޑީޕީ އިން ވަކިވެވަޑައިގެންނެވި ނަސީމް ވިދާލުވީ 23 ވަނަ ދުވަހުގެ މުޒާހަރާގެ ކަންކަން އިޚްލާޞްތެރިކަމާއެކު ކުރިއަށް ދާނެކަމަށާއި އަދި ދީނީ އިލްމްވެރިންނާ ދިމާކުރުމަށް އެމްޑީޕީ އިން ނުކުންނަކަން އެއީ ވަރަށް ދެރަކަމެއް ކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...