ދިއިސްލާމްގެ އެގްޒެކެޓިވް އެޑިޓަރ ޢަލީ އަހްސަން ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
މިރޭ 21:00 ހާއިރު ފުލުހުން އަހްސަން ހައްޔަރު ކުރީ ކޯޓު އަމުރަކަށް އެދި ކޯޓުން އަމުރު ހޯދައިގެންނެވެ.
އަދި އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ޑިސެމްބަރ 23 ވާ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާ ޕްރޮމޯޓްކުރުމަށް ލޯންޗުކޮށްފައިވާ 23december.com ވެބްސައިޓުގައި ދީނީ ގޮތުން ހަރުކަށި ޝިޢާރުތައް ޝާއިއުކޮށް މީހުން މެރުމަށް ހިތްވަރު ދީފައިވާ މައްސަލަ ތަޙްޤީޤް ކުރުމަށް ކަމަށް ބުނެފައި ވެއެވެ.
މި ވެބްސައިޓްގެ މައްސަލައިގައި އަހްސަން ވަނީ ރޭ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި އެ ވެބްސައިޓް ހަދަން ގެންގުޅުނު އޭނާގެ ހާޑް ޑިސްކެއް ފުލުހުންގެ ތަޙްޤީޤަށް ގެންގޮސްފައި ވެއެވެ. އަހްސަންގެ އިތުރުން، މި މައްސަލައިގައި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި، މަދަނީ އިއްތިހާދުގައި އިސްކޮށް އުޅުއްވާ ޢަބްދުﷲ މުޙައްމަދު ވެސް އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އެ ވެބްސައިޓް ހެދި ފަރާތްތަކުން ބުނެފައިވަނީ އެ ވެބްސައިޓް ބަޔަކު ހެކްކޮށްފައިވާ ކަމަށާއި ވެބް ސައިޓް ލޯންޗު ކުރިއިރު އެފަދަ ލިޔުމެއް ނުހުންނާނެ ކަމަށެވެ.
ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ ލިޔުންތައް ލިޔެ ފާޅުގައި އިސްލާމްދީނަށް ގޮންޖަހާލައި ފުރައްސާރަކޮށް ލިޔަމުންދާ ރާއްޖޭގެ އެތައް ވެބްސައިޓްތަކެއްގެ މައްސަލަތައް ފުލުހުން ތަޙްޤީޤްކުރަމުން ނުދާ ކަމާއި، އެ ވެބްސައިޓް ޑޮމެއިން ރަޖިސްޓަރކޮށްފައިވާ ފަރާތް ނުވަތަ އެކަމުގައި ބައިވެރިވާ ފަރާތްތައް ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެގޮތުން ސަން އޮންލައިންގައި ސަން ސެޓްގެ ނަމުގައި އިސްލާމްދީނާ ޚިލާފަށް އޮޕަރޭޝަނެއް ހިންގައި ޒިނޭކުރިކަން އިއުތިރާފުވެ ދަށުދަރަޖައިގެ ބަހުރުވައިން ލިޔުންތައް ލިޔެ ޝާއިއުކުރި މައްސަލައިގައި ވެސް ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އެމްޑީޕީ ސަރުކާރު އަޑީގައި އޮވެގެން ހިންގާ "މިނިވަން ނިއުސް" އަކީ ވެސް ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރަމުންދާ ނޫހެކެވެ. ނަމަވެސް، އެނޫސް ހިންގާ މީހުންނާ މެދު ފުލުހުން އެއްވެސް ތަޙްޤީޤެއް ކުރަމުން ނުދެއެވެ. އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރަމުންދާ ހިލްއަތު ރަޝީދަކީ މާރާލަން ޖެހޭ މީހެއް ކަމުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫގައި ހުންނަ ޑިޕާޓްމަންޓް އޮފް އެންވަޔަރަމެންޓް ހިންގުމާ ހަވާލުވެ ހުންނެވި އެމްޑީޕީގެ އިބްރާހީމް ދީދީ މިހަފްތާގައި ވިދާޅުވެ ހިލްއަތު މަރާލަން ގޮވި މައްސަލަވެސް ފުލުހުން ތަޙްޤީޤްކުރަމުން ނުދެއެވެ.
އަހްސަން ހައްޔަރު ކުރުމާ ގުޅިގެން އޭނާ މިނިވަންކުރުމަށް ގޮވާލައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އިހްތިޖާޖުކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި އަހްސަން ހައްޔަރުކުރީ ޑިސެމްބަރ 23 ގެ މުޒާހަރާ އާމެދު ސަރުކާރުގެ އިސްވެރިން ބިރުގަނެގެން، އެ މުޒާހަރާގެ ކަންތަކުގައި އުޅޭ މީހުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އުނދަގޫތައް ކުރިމަތި ކުރުމަށެވެ.
ފޭސްބުކް ގްރޫޕް :

ކޮމެންޓް (0)
ލޯޑް ކުރަމުން...