މޯލްޑިވްސް އިސްލާމިކް ބޭންކަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެއެވެ.
މެދުއިރުމަތީގެ އިޤްތިޞާދީ ޚަބަރުތައް ގެނެސްދޭ އެންމެ މަޝްހޫރު އެއް ފަރާތްކަމަށްވާ ސީޕީއައި ފައިނޭންޝަލް އިން ހޮވި "ބެސްޓް ނިއު ބޭންކް" ގެމަޤާމަށް ހޮވިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ބޭންކެވެ. ދުބާއީގައި އިއްޔެ ބޭއްވުނު އިޙްތިފާލެއްގައި ބޭންކުގެ ފަރާތުން އެވޯޑާ ޙަވާލުވީ ބޭންކްގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް ހާރޫނެވެ. އިސްލާމީ މާލީ ދާއިރާގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ އެތައް ފަރާތަކުން މި ހަފްލާގައި ބައިވެރިވިއެވެ.
ސީޕީއައި ފައިނޭންޝަލްއިން ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވާގޮތުން އިސްލާމީ މާލީ ދާއިރާއަށް ދެވޭ އެވޯޑްތަކަކީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ހިންގާ މުޢައްޞަޞާތަކަށް ހިތްވަރުދީ އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑްތަކެކެވެ. މި އެވޯޑަށް ރާއްޖޭގެ އިސްލާމީ ބޭންކްގެ ނަން ހުށަހެޅީ ބައިނަލްއަޤްވާމީ ފަނޑިޔާރުންތަކެއް ހިމެނޭ ޕެނަލަކުންނެވެ. އެވޯޑް ލިބޭ ފަރާތް ހޮވީ ސީޕީއައި ފައިނޭންޝަލް ނޫހަށް ރަޖިސްޓްރީކޮށްފައިވާ ކިޔުންތެރީންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.
ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް ހާރޫން ވިދާޅުވީ މި އެވޯޑަކީ ބޭންކް އިތުރަށް ހަރުދަނާކޮށް ރާއްޖޭގެ ފެންވަރުގައި ފާހަގަކުރެވޭފަދަ ބޭންކަކަށް ހެދުމަށް ލިބުނު ހިތްވަރެއް ކަމަށާއި މުވައްޒަފުންގެ ބުރަ މަސައްކަތް ހާމަކޮށްދޭ އެވޯޑެއް ކަމަށެވެ. އަދި ބޭންކުގެ ކަސްޓަމަރުންނަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބޯޑް އޮފް ޑިރެކްޓަރުންނަށް ވެސް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށްވެސް ހާރިސް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...