
ބޮޑު މުޒާހަރާގެ ވެބްސައިޓް އަލުން ހުޅުވުމަށް ފަހު (މަތީގައި) އަދި ރޭ ހެކްކޮށްފައި އަރުވާފައިވާ މެސެޖް (ތިރީގައި)
އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ޑިސެމްބަރ 23 ގައި ބާއްވާ ބޮޑު މުޒާހަރާގެ ރަސްމީ ވެބްސައިޓް ރޭ ބަޔަކު ހެކްކުރުމުން، އަލުން އެވެބްސައިޓް މިއަދު ހުޅުވައިފި އެވެ.
23december.com ވެބްސައިޓަކީ ބޮޑު މުޒާހަރާ އާ ބެހޭ އެންމެ ފަހުގެ ޚަބަރާއި، މަޢުލޫމާތު އަދި ފޮޓޯތައް ގެނެސްދިނުމަށް މުޒާހަރާ ރޭވުމުގައި ހަރަކާތްތެރިވާ ޒުވާނުންކޮޅެއް ހަދާފައިވާ ސައިޓެކެވެ. މި ވެބްސައިޓުގައި މިހާރު ހިމަނާފައިވާ ބައިތަކުގެ ތެރޭގައި ޚަބަރާއި، މަޢުލޫމާތުގެ އިތުރުން، ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަކާއި ފޮޓޯ އަދި ވީޑިއޯ ވެއެވެ. އޭގެ އިތުރުން މުޒާހަރާގެ ކައުންޓު ޑައުންވެސް ހިމަނާފައި ވެއެވެ.
ސައިޓު ހެކްކުރުމަށް ފަހު އިންޒާރުދީ ލިޔެފައިވަނީ “ކަލޭމެންނަށް ކޮން މުޒާހަރާއެއް ކުރެވޭނީ…ނިކަން މުޒާހަރާ ކޮށްބަލަ… ކަލޭމެންނާ ދެކޮޅަށް އަހަރުމެން ނިކުންނާނީ ކަތިވަޅި ހިފައިގެން..” ކަމަށެވެ.
އެމްޑީޕީ އިން ރޭ މާލޭ މަގުމަތީގައި ބޭއްވި ޖަލްސާގައިވަނީ މުޒާހަރާ އާއި ދެކޮޅަށް ނިކުންނާނެ ކަމަށް ބުނެފައިވެއެވެ. އަދި އިސްލާމްދީނާ ގުޅޭ ކަންކަމުގައި މުޒާހަރާ ނުކުރެވޭނެ ކަމަށާއި، މުޒާހަރާ ކުރެވޭނީ ސިޔާސީ ކަންކަމުގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...