މަސްޖިދުލް އަޤްޞާ އަށް ވަދެވެން ހުންނަ ހުރިހާ ދޮރާށްޓެއް މުސްލިމުންނަށް ބަންދުކުރުމަށް އަލްޤުދުސް ސިޓީ ކައުންސިލްގެ އިސް އޮފިޝަލެއް ގޮވާލައިފިއެވެ.
ޤުދުސް ސިޓީ ކައުންސިލްގެ ޕްލޭނިންގް އެންޑް ކޮންސްޓްރަކްޝަން ކޮމިޓީގެ މެމްބަރެއްކަމުގައިވާ ސަސަން ގަބައި ބުނިގޮތުގައި "މަސްޖިދުލްއަޤްޞާގެ "އަލްމަޣްރަބާ" ގޭޓްގެ ފާލަން ހަލާކުކޮށްލަން އިސްލާމިކް ވަޤްފް ޑިޕާޓްމެންޓުން އެއްބަސްވަންދެން މަސްޖިދުލް އަޤްޞާއަށް ވަދެވެން ހުރި ހުރިހާ ދޮރާށްޓެއް މުސްލިމުންނަށް ބަންދުކުރަންޖެހޭނެއެވެ." އޭނާ އިތުރަށް ބުނި ގޮތުގައި މުސްލިމުންނަށް މިސްކިތަށް ވަނުން މަނާކުރާ ޤަރާރު ދާޚިލީ ވަޒީރަށް ފޮނުވުމުގެ ކުރިން ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ސޮއި ހޯދުމަށް އޭނާ މަސައްކަތްކުރާނެއެވެ. އަދި އޭނާ ވަނީ މިނިސްޓަރަށް ލިބިފައިވާ ބާރު ބޭނުންކޮށްގެން މުސްލިމުންނެކޭ އެއްފަދައިން ޔަހޫދީންނަށްވެސް އެސަރަޙައްދު ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލާފައެވެ.
އިޒްރޭލުން މި ފާލަން ހަލާކުކޮށްލަން އުޅެނީ ރައްކާތެރިނޫންކަމަށް ބުނެ އަލުން ބިނާކުރުމުގެ ބަހަނާގައެވެ. ނަމަވެސް ފަލަސްޠީނުގެ ފަރާތްތަކުން ބުނާގޮތުގައި އިޒްރޭލުން އުޅެނީ ފަލަސްޠީނުގެ ރައްޔަތުން އެތަނަށް އެއްވާ އެއްވުންތައް ރޫޅާލުމަށްޓަކައި އެފާލަން ހުރި ސަރަޙައްދުގައި އިޒްރޭލުގެ ފުލުހުންގެ އުޅަނދުތަށް ޕާކްކުރާނެ ޖާގަހެދުމަށެވެ.
އަނެއްކޮޅުން ޤުދުސްގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޮމެޓީން ވަނީ މަސްޖިދުލް އަޤްޞާ މުސްލިމުންނަށް ބަންދުކޮށް އަޅުކަންކުރުން މަނާކުރުމަށް ގޮވާލާފައިވާ ގޮވާލުމަކީ މުސްލިމުންގެ އަޅުކަންކުރުމުގެ މިިނިވަންކަމަށް ކަނޑައެޅިގެން އެޅޭ ހުރަހެއްކަމަށް ބުނެ އެކަމަށް އިޖާބަ ނުދޭނެކަމަށް ބުނެފައެވެ.
އެ ކޮމެޓީން ބުނި ގޮތުގައި ޒަޔަނިސްޓް އޮފިޝަލުންގެ މި ގޮވާލުންތަކުގެ ބޭނުމަކީ މި ތާރީޚީ ފާލަން ހަލާކުކޮށްލުމަށް އިސްލާމިކް ވަޤްފް ޑިޕާޓްމެންޓު އެއްބަސްކުރުވުމަށް ފިއްތުންތައް ކުރިމަތިކުރުމެވެ. މީގެ އިތުރުން މަސްޖިދުލް އަޤްޞާގެ ސަރަޙައްދަކީ އިސްލާމިކް ވަޤްފް މިނިސްޓްރީގެ މިލްކެއްކަމަށާއި އެތަނަށް ގެނަންޖެހޭ އެއްވެސް ބަދަލެއްވެސް ގެނެވޭނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކަމަށްވެސް އެކޮމެޓީން ބުނެފައިވެއެވެ.
ލަކުޑިން ހަދާފައިވާ މިފާލަން ބިނާކުރެވުނީ އެތާނގައި ކުރިން ހުރި ފާލަން ޔަހޫދީންނާ ޒަޔަނިސްޓު އަސްކަރިއްޔާއިން ހަލާކުކޮށްލުމާއި ގުޅިގެންނެވެ. އިޒްރޭލުން މިހާރުވަނީ މިފާލަން ބަންދުކޮށްފައެވެ.
___________________________
މަޞްދަރު: އިންޓަނޭޝަނަލް މިޑްލް އީސްޓް މީޑިއާ ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...