މުރުތައްދުވުމާއި، ބާޠިލް ދީންތަކުގެ މިނިވަންކަމަށް ގޮވާލައި އިއްޔެ ހަވީރު މާލޭ އާޓިފިޝަލް ބީޗަށް އެއްވި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޢަދާލަތު ޕާޓީން އެމައްސަލަ ފުލުހުންނަށް ހުށައަޅައިފި އެވެ.
ޢަދާލަތުން ފުލުހުންގެ މުއައްސަސާ އަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ މަދު ބަޔަކު ހިންގި އެ ޖަރީމާ އަކީ އިސްލާމްދީނުގެ އުޞޫލުތަކާއި ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީއާއި ޚިލާފަށް ހިންގާފައިވާ ޣައިރު ޤާނޫނީ ޢަމަލެއް ކަމަށެވެ. އަދި އެފަދަ ދަށުދަރަޖައިގެ ޢަމަލަތު ތަކަކީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެތެރޭގައި އެއްވެސް ސިފައެއްގައި ކުރެވިގެންވާނޭ ކަންތައްތަކެއް ނޫން ކަމަށް ޢަދާލަތުން ބުނެފައި ވެއެވެ.
"މިފަދަ ބޮޑެތި ފަސާދަތައް ފާޅުކަންބޮޑުގޮތެއްގައި މިރާއްޖޭގައި ހިންގަމުންގެންދިއުމަކީ ދިވެހި ރާއްޖޭގެ އަމަންއަމާންކަން ގެއްލި، ދީނީގޮތުން ރާއްޖޭގައި މިއޮތް އެއްބައިވަންތަކަމާއި ވަޙުދަތު ގެއްލި، ޤައުމުގައި ބޮޑުވެގެންވާ ލޭ އޮހޮރުވުމެއް ފެށިގެން ހިނގައިދާނެ ކަމެކެވެ." ޢަދާލަތުގެ ސިޓީގައި ވެއެވެ.
ޢަދާލަތުން ބުނީ މިމުޒާހަރާގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ އެއްޖިންސުން ގުޅުންހިންގުމަށް ގޮވާލައި، އިސްލާމްދީނަށް ފުރައްސާރަ ކުރަމުންގެންދާ ލިޔުންތެރިޔާ، ގ. ޕާކަރުގެ، ހިލްއަތު ރަޝީދު ކަމަށެވެ. އަދި ދިވެހިންގެ މަދު ބަޔަކު މަގުމައްޗަށް ނުކުމެ ފާޅުގައި އިސްލާމްދީން ނޫން އެހެންދީންތަކަށް ފުރުޞަތު ދިނުމަށް ގޮވާލުމަކީ އެމީހުންގެ ޢަޤީދާއާއި އީމާންކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމުގައި ޢަދާލަތުން ބުންޏެވެ.
"މިކަން ތަޙްޤީޤުކުރައްވައި، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދިނުން އެދި ދެންނެވީމެވެ." ޢަދާލަތުގެ ސިޓީގައި ވެއެވެ.
ޢަދާލަތުން ވަނީ މި ސިޓީ އިސްލާމިކް މިނިސްޓްރީ އަށް ވެސް ފޮނުވާފައެވެ.
މި ޖަރީމާ ހިންގުމުގެ ކުރިން ވެސް މިކަމާ މެދު ފިޔަވަޅު އެޅުމަށް އެދި ބައެއް މަދަނީ ޖަމްޢިއްޔާތަކުންނާއި އަމިއްލަ ފަރާތްތަކުން ފުލުހުންނަށް މިމައްސަލަ ހުށައަޅާފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް، މި ޖަރީމާ ހިންގުމާ ހަމައަށް މިކަމުގައި ޝާމިލުވާ އެއްވެސް މީހަކާމެދު ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅާފައި ނުވާކަމަށް ޢަދާލަތު ޕާޓީ އާއި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...