އެމެރިކާ އާއި އިސްރާއީލުގެ ދެކޮޅުހެދުންތަކާ އެކު ވެސް ޔުނެސްކޯގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު ހަދާފައި ވާއިރު އެ ޖަމިއްޔާގެ މައި މަރުކަޒުގައި އަންނަ ހަފުތާގައި ފަލަސްތީނުގެ ދިދަ ނަގާނެ ކަމަށް އެޖަމްޢިއްޔާގެ ފަރާތުން ހާމަކޮށްފިއެވެ.
ޔުނެސްކޯ އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ޔުނެސްކޯގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު ވެފައި ވާތީ އެކަން ފާހަގަކުރުމުގެ ރަސްމިއްޔާތެއްގެ ގޮތުގައި ދިދަ ނަގާނީ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ފޮރިން މިނިސްޓަރު ރިއާޒް މާލިކީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ފަލަސްތީނަށް ޔުނެސްކޯގެ މެންބަރުކަން ދިނުމާ އެމެރިކާ އާއި އިސްރާއީލުން ވަނީ ޔުނެސްކޯ އަށް ފަންޑް ދިނުން ހުއްޓާލާފައެވެ. އެމެރިކާގައި 1990ގެ ތެރެއިން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނެއްގައި ބުނަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ދަރަޖާގައި ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަންނަ އ.ދ.ގެ އެއްވެސް ޖަމާއަތަކަށް ފައިސާގެ އެހީ ދީގެން ނުވާނެ ކަމަށެވެ.
އަނެއްކޮޅުން ފަލަސްތީނުގެ މިނިވަން ދައުލަތުގެ މައްސަލަ އ.ދ.ގެ ގިނަ ޤައުމުތަކުން ބަލައިގަތުމަށް ނިންމާފައިވާއިރު، އެމައްސަލަ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރާނެކަމުގެ އިންޒާރު އެމެރިކާއިން ދެމުންދެއެވެ. ފަލަސްތީނުގެ ގިނަ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތި ކުރުވަމުންދާ ނިކަމެތިކަމަށް ހުއްޓުމެއް ގެނައުމަށް މަސައްކަތް ކުރަމުން ނުދާތީ، އ.ދ.ށްވެސް ވަރަށްބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...