ދިއިސްލާމް މިމަހު ރާއްޖެ އަށް ފަށަންއުޅޭ އިޒުރޭލުގެ ދަތުރުތަކަކީ ބޮޑު ނުރައްކަލަކަށް ވާތީ އަވަސް ފިޔަވަޅު އަޅައިދިނުމަށް ސަލާމަތީ ކޮމިޓީގައި އެދިއްޖެ

މިމަހު ރާއްޖެ އަށް ފަށަންއުޅޭ އިޒުރޭލުގެ ދަތުރުތަކަކީ ބޮޑު ނުރައްކަލަކަށް ވާތީ އަވަސް ފިޔަވަޅު އަޅައިދިނުމަށް ސަލާމަތީ ކޮމިޓީގައި އެދިއްޖެ

މިމަހު ރާއްޖެ އަށް ފަށަންއުޅޭ އިޒުރޭލުގެ ދަތުރުތަކަކީ ބޮޑު ނުރައްކަލަކަށް ވާތީ އަވަސް ފިޔަވަޅު އަޅައިދިނުމަށް ސަލާމަތީ ކޮމިޓީގައި އެދިއްޖެ

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

 

އިޒްރޭލުގެ ގައުމީ އެއަރލައިން ކަމުގައިވާ އެލް އަލް އިސްރާއީލް އެއަރލައިންގެ ފްލައިޓެއް

މިމަހު ރާއްޖެ އަށް ފަށަން އުޅޭ އިޒުރޭލުގެ ދަތުރުތަކަކީ ޤައުމަށް ބޮޑު ނުރައްކަލަކަށް ވާތީ އެމައްސަލަ ސީރިއަސްކޮށް ބަލައި އަވަސް ފިޔަވަޅު އަޅައިދިނުމަށް ޤައުމީ ސަލާމަތީ ކޮމިޓީގައި ޢަދާލަތު ޕާޓީން އެދިއްޖެ އެވެ.

އެ ކޮމިޓީގެ މުޤައްރިރު ޢަލީ ވަހީދަށް ޢަދާލަތުން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ އިސްލާމްދީނާއި ގައުމުގެ ސިޔާދަތާއި އިސްތިޤްލާލު ރައްކާތެރި ކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް ކަމަށާއި، ވަކީން ޚާއްޞަ ގޮތެއްގައި މިކަމަށް ނުރައްކާކޮށްފާނެ ކޮންމެ ކަމެއް ބައްލަވައި ފިޔަވަޅުއެޅުއްވުމަކީ ސަލާމިތީ ކޮމިޓީގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

"މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިން ކަމުގައިވާ ބައިތުލްމަޤްދިސް އާއި ފަލަސްޠީނުގެ ބިން ގަދަކަމުން ފޭރިގެން އުފައްދާފައިވާ ޒަޔަނިސްޓު ޔަހޫދީ ދައުލަތާއި ސައްތައިން ސައްތަ މުސްލިމް ދިވެހި ރާއްޖޭގެ މިއަދުގެ ސަރުކާރުން ދަނީ އާދަޔާއި ޚިލާފަށް ގުޅުން ބަދަހި ކުރަމުންނެވެ. ޒަޔަނިސްޓުންނަކީ އެމީހުންގެ އަމިއްލަ އެޖެންޑާ އެއް ނުވަތަ ބޭނުން ތަކެއް ފުއްދުމުގެ އިތުރުން ދުވަހަކުވެސް މުސްލިމުންނަށް ހެވެއް އެދޭނޭ ބައެއް ނޫން ކަމީ ތާރީޚީ ޙަޤީޤަތެކެވެ."  ޢަދާލަތުގެ ނައިބް ރައީސް ޑރ. މަޢުރޫފް ޙުސައިން ސޮއިކުރައްވާފައިވާ އެސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީގައި ވާގޮތުގައި، ދިވެހި ސަރުކާރުން އިޒްރޭލާ ގުޅުން ބަދަހި ކުރަމުންގޮސް  މި ޑިސެމްބަރު މަހުގެ 12 އިން ފެށިގެން އިޒްރޭލުގެ ގައުމީ އެއަރލައިން ކަމުގައިވާ އެލް އަލް އިސްރާއީލް އެއަރލައިންގެ ދަތުރުތައް އިޒްރޭލުގެ ވެރިރަށާއި މާލެއާދެމެދު ފެށުމަށް ސަރުކާރުން  ހުއްދަ ދެއްވާ ޚަބަރު ޢަދާލަތަށް ވަނީ ލިބިފައެވެ.

"އިޒްރޭލަކީ މުސްލިމުންގެ މުޤައްދަސް ބިން ތައް ފޭރި، އެތާގެ ވަޒަންވެރިން ބޭރުކޮށް ދުނިޔޭގެ އެތަންމިތަނަށް ވިއްސިވިހާލިކޮށް، ކެނޑިނޭޅި މުސްލިމުން މަރައި އަދި މުސްލިމުންގެ ގެދޮރު ސުންނާފަތި ކުރަމުންގެންދާ އަނިޔާވެރި، ޓެރަރިސްޓް އަދި އެޕާތެއިޑް ދައުލަތެކެވެ. އެ ދައުލަތަކާ ދެކޮޅަށް އދ. ގެ އެންމެ ގިނަ ގަރާރު ތައް ފާސްކޮށްފައިވާ ދައުލަތަކީ އިޒްރޭލް ކަމުގައި ވުމީ، އިޒްރޭލަކީ ދުނިޔޭގައިވާ އެންމެ އަނިޔާވެރި އަދި ހަމަޔަށް ބޯނުލަނބާ ދައުލަތް ކަމުގައި ބައިނަލްއަގްވާމީ މުޖުތަމަޢު ވެސް ގަބޫލު ކުރާ ކަމުގެ ހެއްކެކެވެ." އެ ސިޓީގައި ވެއެވެ.

ޢަދާލަތުން ބުނީ އިޒްރޭލުގެ ފްލައިޓް ޖައްސާ ވަގުތު ހުޅުލޭގެ ރަންވޭގެ ދެކޮޅުގައި ދެ ކޯސްޓްގާރޑް ފޯރިމެރުމާއި، ބަރުހަތިޔާރު އެޅި އުޅަނދެއް ރަންވޭ މަތީގައި އޮތުމާއި ހަތިޔާރު އެޅި ސިފައިން ޓާރމިނަލް ގެ ތެރޭގައި ތިބުމާއި އަދި ހަތިޔާރު އަޅައިގެން އާދައިގެ ހެދުމުގައި ސިފައިން ހުޅުލޭގެ އެތަންމިތާގައި ފޯރި މަރައިދީ އެމީހުންނަށް ބޭނުންވާ އެންމެހައި ރައްކާތެރިކަން އެ ފަރާތަށް ފޯރުކޮށްދިނުމަށް ޝަރުޠުކޮށްފައިވާ ކަމަށެވެ. އަދި އެހުރިހާ ޝަރުޠުތަކަށްވެސް ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި، އިޒްރޭލުގެ ދިދައިގެ ޙިމާޔަތުގައި އެފްލައިޓުގައި އެމީހުންގެ ހަތިޔާރުއެޅި ސިފައިން ތިބޭނެކަމަށް ވެސް އެގިފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އަދި ހުޅުލޭގެ ސިކިއުރިޓީއަށް ނުރައްކާ ކުރުމަށްފަހު ހިންގޭ މި އޮޕަރޭޝަނުން ދިވެހިރާއްޖެއަށް ލިބެނީ ކޮން ފައިދާ އެއްތޯއެވެ؟ އިޒްރޭލަކީ އިގްތިޞާދީ ގޮތުންވެސް ނުވަތަ ފަތުރުވެރިކަމުގެ ގޮތުންވެސް ދުނިޔޭގައި ފާހަގަ ކުރެވޭ ގައުމެއް ނޫނެވެ. އެމީހުން ފާހަގަ ކުރެވޭ ހަމައެކަނި ރޮގަކީ އަނިޔާވެރި ކަމާއި ނޭއްގާނި ކަމެވެ." ޢަދާލަތުގެ ސިޓީގައި ބުނެފައި ވެއެވެ.

ޢަދާލަތުން ބަޔާންކޮށްފައިވާ ގޮތުގައި އޯއައިސީގެ މެމްބަރުންކަމުގައި ހިމެނޭ މުސްލިމް 57 ގައުމުގެ ތެރެއިން އިޒްރޭލުގެ އެއަރލައިންގެ ބޯޓުތައް ދަތުރު ކުރުމުގެ ހުއްދަ ދީފައިވަނީ އެންމެ 4 ގައުމުންނެވެ. އެއީ މިސްރާއި ޖޯޑަން އާއި އުޒުބަކިސްތާނާއި ތުރުކީ އެވެ. އަދި މުސްލިމް ގައުމު ތަކުން އިޒްރޭލުގެ ފްލައިޓް ތަކަށް ހުއްދަ ނުދެނީ ސަބަބު ތަކެއް އޮވެގެން ކަމުގައި ޢަދާލަތުން ބުނެއެވެ.

ޢަދާލަތުޕާޓީގެ އިގްތިޞާދާ ބެހޭ ކޮމިޓީގެ ފަރާތުން މި މައްސަލަ ދިރާސާކުރުމަށްފަހު، 9 ނުގުތާއެއް އެސިޓީގައި ފާހަގަކޮށްފައިވެއެވެ.

"އިޒްރޭލުގެ އިގްތިސާދު ވަނީ ދުނިޔޭގެ 42 ވަނައިގައެވެ. އެއީ ތައިލޭންޑް އަދި ނައިޖީރިއާ ފަދަ ގައުމު ތަކަށްވުރެވެސް ފަހަތުގައެވެ. އެގައުމުގެ އިގްތިޞާދު ބިނާވެފައި އޮންނަނީ އެމެރިކާއިން ދޭ އެހީގެ މައްޗަށެވެ. ދުނިޔޭގެ އިގްތިޞާދުގައި އިޒްރޭލުގެ ޙިއްސާއަކީ 0.3 އިންސައްތައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އިޒްރޭލުގެ ޙިއްޞާއަކީ އެންމެ 0.4 އިންސައްތައެވެ. 2010 ވަނަ އަހަރު އިޒްރޭލުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2113 ފަތުރުވެރީންނެވެ. މިއީ އެއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރީންގެ ނިސްބަތުން  0.27 އިންސައްތައެވެ." އެ ސިޓީގައި ވެއެވެ.

ޢަދާލަތުން ފާހަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ މަތިންދާބޯޓު ތަކާއި އަދި އެގައުމުގެ އެހެނިހެން އަމާޒު ތަކަކީ ހަނގުރާމަވެރީންގެ ވަރަށްބޮޑު އަމާޒެކެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދުގައި މިފަދަ ހަގުރާމަވެރީންގެ ޙަރަކާތްތައް ގިނަކަމީ ޙަގީގަތެއް ކަމަށާއި، އިޒްރޭލުގެ ފްލައިޓް ތައް ރާއްޖެ އަންނަން ފެށުމާއެކު މިފަދަ ހަނގުރާމަވެރީންގެ ލޯތައް ރާއްޖެއާ ދިމާޔަށް ހުއްޓޭނެކަމީވެސް ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި ޢަދާލަތުން ބަޔާންކުރެއެވެ.

"ޒަޔަނިސްޓް އިޒްރޭލުގެ ގައުމީ އެއަރލައިން ރާއްޖެއަށް ދަތުރުކުރަންފެށުމުގެ ސަބަބުން ރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލެއް ހިގައިފިނަމަ އެޙާދިސާއަށްފަހު ޖެހިގެން އަންނަ 12 މަސްދުވަހު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރީންގެ ޢަދަދު ނިސްބަތުން 10 އިންސައްތަޔާއި 36 އިންސައްތަޔާއި ދެމެދުގެ މިންވަރަކަށް ދަށަށް ދިއުމީ އެކަށީގެންވާ ކަމެއްކަމުގައި ތާރީޚުން ހެކިދެއެވެ. އެހެންދިމާވެއްޖެނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް 200 މިލިއަން ޑޮލަރާއި 1080 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ." ޢަދާލަތުން ފާހަގަކޮށްފައި ވެއެވެ.

ޢަދާލަތުން ބުނީ އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ ގެނައުމަކީ ކަނޑައެޅިގެން ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށާއި، އެއީ އެކަމުގެ ސަބަބުން އިގްތިޞާދީ ގޮތުންވެސް އެއްވެސް ފައިދާއެއް ރާއްޖެއަށް އޮތް ކަމެއް ނޫންކަން ކަމަށެވެ.

ޢަދާލަތުން ބުނީ އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ ގެނައުމުގެ އިތުރުން، ޅ. ދިއްފުށިމާދޫ ގައި "ޕޮލިސް އެކެޑަމީ" އެއްގެ ނަމުގައި ހަދަމުންދާ ތަނަކީވެސް އެހެން ބައެއް ނުވަތަ "ތާރޑް ޕާޓީ" އެއްގެ ނަމުގައި އިޒްރޭލާ ގުޅިގެން ހަދަމުންގެންދާ ތަނެއްކަން ދައްކައިދޭ ޑޮކިއުމެންޓް ތަކެއް ލިބިފައިވާ ކަމަށެވެ. އެކަމަކީވެސް ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ވަރަށްބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ދަނޑުވެރިކަން ކުރުމުގެ ނަމުގައި އިޒްރޭލުގެ މީހުންނަށް ދިވެހި ރާއްޖޭގެ ރަށްތަކުން ބިންދޭން ސަރުކާރުން އެއްބަސްވެފައިވާ ކަން ވެސް އެނގިފައިވާ ކަމަށް ވެސް ޢަދާލަތުން ބުނެއެވެ.

"މަނިކުފާނުގެ ގާނޫނީ ޒިންމާގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް އެކުލެވޭ މި ތިން މައްސަލަކަމުގައިވާ، އިޒްރޭލުގެ ގައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެއަށް ދަތުރު ކުރުމުގެ ހުއްދަ ދެއްވުމާއި، ޅ. އަތޮޅު ދިއްފުށިމާދޫގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓާމެދު އިޒްރޭލުގެ މިލިޓަރީ ޕޯސްޓެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތެއްކަމުގައި ކުރެވޭ ތުހުމަތުތަކާއި ދިވެހި ރާއްޖޭގެ ބިން އިޒްރޭލުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ މައްސަލަ ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި މިކަމާމެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް އިލްތިމާސް ކުރަމެވެ." ޢަދާލަތުގެ ސިޓީގައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މިއަދު "ސަން" އޮންލައިނަށް ވިދާޅުވީ އިޒުރޭލުގެ "އެލްއަލް އިސްރާއީލް" ގެ އެއާލައިންގެ ދަތުރުތައް މިމަހުގެ ތެރޭގައި ރާއްޖެ އަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް  އެދަތުރުތައް ފަށާ ވަކި ތާރީހެއް ކަނޑައެޅިގެން އެނގިވަޑައިނުގަންނަވާ ކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ޢަދާލަތުގެ ސިޓީގައި ބަޔާންކުރާ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފިނަމަ އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ ދަތުރުކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވިދާނެ ކަމަށް އާދިލް ވަނީ 27 ސެޕްޓެމްބަރ 2011 ގައި ވިދާޅުވެފަ އެވެ.

ޓެގް

އިޒްރޭލުގެ ފްލައިޓް ޢަދާލަތު އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.