އިޒްރޭލުގެ ކުރީގެ ރައީސް މޯޝް ކަޓްސާވްގެ މައްޗަށް 7 އަހަރު ދުވަހުގެ ޖަލުގެ ޙުކުމެއް ތަންފީޒުކުރަން މިއަދު ފަށައިފި އެވެ.
ކަޓްސާވް އަށް މި ޙުކުމް ކުރީ އޭނާ ކެބިނެޓް މިނިސްޓަރަކަށް ހުރި ދުވަސްވަރުގައި އޮފީހުގެ އަންހެން މުވައްޒަފެއްގެ ޢިއްފަތް ފޭރިގަތް މައްސަލައެއްގައާއި 2000 ވަނަ އަހަރުން 2007 ވަނަ އަހަރާއި ހަމައަށް ރައީސްކަމުގެ މަޤާމުގައި ހުރި ދުވަސްވަރުގައި އޮފީހުގައި މަސައްކަތް ކުރި އެހެން ދެ އަންހެން މުވައްޒަފަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ކުށް ސާބިތުވުމާއެކުގައެވެ.
މި ޙުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހު 10 ވަނަ ދުވަހުގައެވެ.
ޖަލަށް ދިއުމުގެ ކުރިން އޭނާ ދިރިއުޅޭ ގޭ ކައިރީގައި ހުރެ މީޑިއާ އާއި ވާހަކަ ދައްކަމުން ކަޓްސާވް ބުނެފައިވަނީ ކޯޓްގެ ޙުކުމް ރަނގަޅު ނޫންކަމަށެވެ.
އުމުރުން 66 އަހަރުގެ ކަޓްސާވް އަށް އަލްވަދާޢު ކިޔުމަށްޓަކައި އޭނާ ޢާއިލާގެ މީހުންނާއި ބައެއް ގާތް މީހުން ތިބިއެވެ. އަދި ކަޓްސާވް ޖަލަށް ގެންދިޔައިރު އޭނާގެ ޢާއިލާގެ މީހުން ޖަލާއި ހަމައަށް އޭނާއާއި އެކު ދިޔައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...