
ބޮޑު މުޒާހަރާ އާ ގުޅޭ ގޮތުން މަދަނީ އިއްތިހާދާއި ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ : ހަވީރު ނޫސް
އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މިމަހު 23 ގައި ބާއްވާ ބޮޑު މުޒާހަރާގައި ގިނަ ޖަމްޢިއްޔާތަކާއި ޕާޓީތަކުން ބައިވެރިވެ، އެ މުޒާހަރާ އަށް ތައްޔާރުވަމުން އެބަދެއެވެ.
މި މުޒާހަރާގައި ބައިވެރިވުމަށްޓަކައި މަދަނީ އިއްތިހާދާއި 127 ށް ވުރެ ގިނަ ޖަމްޢިއްޔާ އާއި 6 ޕާޓީއަކުން މިހާތަނަށް ގުޅިފައިވާ ކަމަށް އެ އިއްތިހާދުން ބުނެއެވެ. މި ހަރަކާތާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަދަނީ އިއްތިހާދު، ޢަދާލަތު، ޕީޕީއެމް، ޑީއާރުޕީ، ގައުމީ ޕާޓީ އަދި ޕީއޭގެ ފަރާތުން ބައިވެރިވެފައި ވެއެވެ.
މަދަނީ އިއްތިހާދުން އަންދާޒާ ކުރާގޮތުގައި، މުޅި ރާއްޖޭގައި މުޒާހަރާ ބާއްވާއިރު، މި މުޒާހަރާގައި ލައްކައަކަށް ވުރެ ގިނަ މީހުން މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާނެ އެވެ.
މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ ވިދާޅުވީ އިއްތިހާދުން މުޒާހަރާ ކުރަން ނިންމީ އިސްލާމް ދީން މި ގައުމުން ފޮހެލަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ދެން ކުރެވޭނެ ކަމަކީ މުޒާހަރާ ކުރުން ނޫން ދެވަނަ ކަމެއް ނެތި، ގޮތް ހުސްވެގެން ކަމަށެވެ. އޭނާ ވިދާޅުވީ މި ގައުމުން އިސްލާމް ދީން ފޮހެލަން މެދުކެނޑުމެއްނެތި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، މިގައުމަށް ލާދީނީ ފިކުރު ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މިކަމަކީ ރާއްޖޭގެ ދާހިލީ މިނވަންކަން ގެއްލިގެން ދާނެ ކަމަށާއި، ކަމުގެ ނުރައްކާ އިހުސާސް ވާތީ، ގައުމު ސަލާމަތްކުރުމަށް ނިކުންނަން ޖެހޭ ކަމަށް މުޙައްމަދު ދީދީ ވިދާޅުވިއެވެ.
ޢަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ޢަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ފިކުރު ތަފާތުވި ނަމަވެސް އެންމެން އެއް ފިކުރެއްގައި އެއްބައިވެ އިސްލާމްދީނުގެ ހިމާޔަތުގައި ކުރަން ޖެހުނު ކޮންމެކަމެއް ކުރުމަށް މަސައްކަތްކުރަން ސާބިތުކަމާއެކު ތިބި ކަމަށެވެ. އިމްރާން ވިދާޅުވީ މަދަނީ އިއްތިހާދާއި ޕާޓީތައް ގުޅިގެން އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކު ދީން ހިމާޔަތްކޮށް، ގައުމުގެ ފިތުނަ ފަސާދަ އުފެއްދުމަށް ޖާގައެއް ނުދޭނެ ކަމަށެވެ. އެކަން އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ހަރަކާތްތަކުން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ސަރުކާރުން ދީނާ ދެކޮޅަށް ކުރާ ކަންތައްތަކަށް ކެތްނުކުރެއްވިގެން މިނިސްޓަރު ވެސް ޝުއޫރު ފާޅުކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ގައުމީ ޕާޓީ، ޖުމުހޫރީ ޕާޓީ، ޑީއާރުޕީ، ޕީޕީއެމްގެ ފަރާތުން ބައިވެރިވި ބޭފުޅުން ވެސް ވަނީ އެޕާޓީތަކުން އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ހިންގޭ ހަރަކާތަށް އެއްބާރުލުންދީ ބައިވެރިވާނެ ކަމަށެވެ. އަދި ސަރުކާރުން އިސްލާމްދީނާ ޚިލާފަށް ކުރާ ކަންތައްތައް ކުށްވެރިކޮށް އެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް ވަނީ ގޮވާލާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި މަޝްހޫރު ޤާނޫނީ ވަކީލު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު މުޙައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވީ މުޒާހަރާ ތެރޭގައި ސަރުކާރުގެ ފަރާތުން އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުތރިމަތިވެއްޖެނެމަ އެކަމުގައި ޤާނޫނީ ޓީމްގެ ފަރާތުން ހަރަކަތްތެރިވާނެ ކަމަށެވެ. އަދި އަގަކާ ނުލައި ހިލޭ ޤާނޫނީ އެހީތެރިކަން އެމީހަކަށް ފޯރުކޮށް ދޭނެ ކަމަށް ވެސް ވައްޑޭ ވިދާޅުވިއެވެ.
ސާކް ސަމިޓާ ދިމާކޮށް ކާފަރުން އަޅުކަންކުރާ ބުދުތައް އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމާއި، އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ ގެނެސްގެން އިސްލާމްދީނަށް ފުރައްސާރަކުރުވުމާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ސަރަހައްދުތައް "ފަޅުރަށްރަށު" ގެ ގޮތުގައި ހަދާ ބަނގުރާ ވިއްކަން މަސައްކަތްކުރުމާއި، ލާދީނީ ފިކުރުތައް ފަތުރަން ސަރުކާރުން މަސައްކަތްކުރަމުންދާތީ ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ދަނީ އެފަދަ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...