އާއްމު ތަންތާގައި ދަރުސް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ހުއްދަނުދީ އޮތުމަށްފަހު އަލުން ހުއްދަދީފި އެވެ.
މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗްގެ ފަރާތުން މިއަންނަ ޑިސެމްބަރ 1 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލްގައި ޝައިޚް އާދަމް ޝަމީމްގެ ދަރުސެއް ބޭއްވުމަށްޓަކައި ހުއްދަ އަށް އެދުމުން އެ ޖަމްޢިއްޔާ އަށް މިއަދު ސިޓީ ކައުންސިލުން ފުރަތަމަ ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ، ޢާއްމު ތަންތާގައި ދީނީ ދަރުސް ދިނުމަށް ވުރެ ބޮޑަށް ކައުންސިލުން ބާރުއަޅަނީ މިސްކިތްތަކާއި ސްކޫލު އަދި ސިޓީ ހޯލު ފަދަ ތަންތަނުގައި އެކަންކަން ބޭއްވުމަށް ކަމަށެވެ. މިފަދައިން ޖަވާބުދީ ފުރަތަމަ ވަނީ ކާނިވަލުގައި ދަރުސް ބޭއްވުމަށް ހުއްދަ ނުދީފައެވެ.
ކައުންސިލުން އެ ޖަމްޢިއްޔާ އަށް ފޮނުވި އެ ސިޓީގެ ކޮޕީ އެއް “ދިއިސްލާމް” އަށް ވެސް ވަނީ ލިބިފައެވެ.
"ތިޔަ ސޮސައިޓީގެ ފަރާތުން 24 ނޮވެމްބަރު 2011 ގައި ފޮނުއްވި ސިޓީ އާއި 27 ނޮވެމްބަރު 2011 ގައި ފޮނުއްވި ސިޓީ އާ ހަވާލާދީ ދަންނަވަމެވެ. ޢާއްމު ތަންތާނގައި ދީނީ ދަރުސް ދެއްވުމަށް ވުރެ ބޮޑަށް ކައުންސިލުން ބާރުއަޅަނީ މިސްކިތްތަކާއި ސްކޫލު އަދި ސިޓީ ހޯލު ފަދަ ތަންތަނުގައި މިކަންކަން ބޭއްވުމަށެވެ." ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޙަސަން ޝާކިރު މުޙައްމަދު މިއަދުގެ ތާރީޚްގައި ސޮއިކުރައްވާފައިވާ އެސިޓީގައި ޖަވާބުދީފައި ވެއެވެ.
އެ ޖަމްޢިއްޔާގެ އިސްއޮފިޝަލަކު "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފުރަތަމަ ހުއްދަ އަށް އެދުނީ އާޓިފިޝަލް ބީޗްގައި ދަރުސް ބޭއްވުމަށް ކަމަށާއި، ނަމަވެސް އެތަނުގައި އެހެން ހަރަކާތެއް އޮތްކަމަށް ބުނުމުން ފަހުން ހުށަހެޅީ ކާނިވަލް ހޯދުމަށް ކަމަށެވެ. އަދި ކާނިވަލްގައި އެރޭ ހަރަކާތެއް ނެތްކަން އެނގިފައިވާ ކަމަށާއި، އެހެން ނަމަވެސް ކާނިވަލްގައި ވެސް ދަރުސް ބޭއްވުމަށް މިއަދު ފުރަތަމަ ދިން ޖަވާބުގައި ހުއްދަ ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ދިން މިޖަވާބާ ގުޅިގެން މީޑިއާތަކުގައި މި ޚަބަރު މިއަދު ވަނީ ޝާއިއުކޮށްފައެވެ. އަދި ސިޓީ ކައުންސިލުން ސޮސައިޓީ ފޯ އިސްލާމިކް ރިސާޗަށް ފޯނުން ގުޅާފައި އެބޭފުޅުންނާއި ބައްދަލުކުރުމަށް އެދުނެވެ. މި ބައްދަލުވުން ބޭއްވުމަށް ސިޓީ ކައުންސިލުން އެދުނީ މީޑިއާގެ ޕްރެޝަރު އައުމާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ބައްދަލުކުރުމަށް އެދުމުން، އެ ޖަމްޢިއްޔާ އިން ބުނީ ކާނިވަލްގައި ދަރުސް ބާއްވަން ހުއްދަ ނުދޭ ކަމަށްވާނަމަ ސިޓީ ކައުންސިލާ ބައްދަލުކޮށް ވަގުތު ބޭކާރުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ކާނިވާ ދޫކުރާނެ ކަމަށް ސިޓީ ކައުންސިލުން އެއްބަސްވުމުން އެ ޖަމްޢިއްޔާގެ ބޭފުޅުން ކައުންސިލާ ބައްދަލުކުރިއެވެ.
ޑެޕިއުޓީ މޭޔަރު ސަމާހު ވިދާޅުވީ އެގޮތަށް ޖަވާބު ދެވިފައި ވަނީ އޮޅިގެން ކަމަށެވެ.
އެ ބައްދަލުވުމުގައި ޖަމްޢިއްޔާގެ ފަރާތުން ބައިވެރިވި އިސްއޮފިޝަލަކު "ދިއިސްލާމް" އަށް ކިޔައިދެއްވި ގޮތުގައި، އެބޭފުޅުންނާ ބައްދަލުކުރައްވައި ޑެޕިއުޓީ މޭޔަރު ސަމާހު ރަޝީދު ވިދާޅުވީ ޖަމްޢިއްޔާ އަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށެވެ. އަދި ސިޓީ ކައުންސިލުން ކޮށްދޭންވީ ކޮންކަމެއްތޯ ކައުންސިލް ބޭފުޅުން އެހި ކަމަށެވެ.
މިކަމާ ގުޅިގެން މީޑިއާގައި ކައުންސިލްގެ އަގު ވެއްޓިފައިވާ ކަމަށާއި، އެހެންވުމާއެކު ފަށުއި ޢިބަރާތުން އެކަން މީޑިއާގައި ރަނގަޅުކޮށް، ހަމަޖައްސައިދިނުމަށް ޑެޕިއުޓީ މޭޔަރު ސަމާހު އެދުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ޖަމްޢިއްޔާ އިން ބުނީ މީޑިއާ އަށް އެކަން ހިނގާދިޔަ ގޮތް އެންގުމަކީ ކައުންސިލްގެ ކަމެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ޖަވާބުގައި ސޮއިކުރައްވާފައިވާ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޙަސަން ޝާކިރު މުޙައްމަދު ވިދާޅުވެފައި ވަނީ އެ ޖަވާބު ތައްޔާރުކޮށްފައި ވަނީ އަކުރުން އަކުރަށް ޑެޕިއުޓީ މޭޔަރު އެންގެވި ގޮތަށް ކަމަށެވެ. މިހެން ބުނުމުން ސަމާހަށް ދޭނެ ޖަވާބެއް ނޭނގުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ސަމާހު ވިދާޅުވީ އެގޮތަށް ޖަވާބު ދެވިފައި ވަނީ އޮޅިގެން ކަމަށެވެ.
މިކަންތައް ހިނގައިދިޔަ އިރު މާލޭ ސިޓީގެ މޭޔަރު މައިޒާން ޢަލީ މަނިކު ރަށުގައި ނޫޅުއްވައެވެ.
މި ބައްދަލުވުމަށްފަހު، އެންމެފަހުން ކައުންސިލުން ވަނީ ކާނިވަލުގައި ދަރުސް ބޭއްވުމާމެދު އިއުތިރާޒެއް ނެތް ކަމަށް ސިޓީއަކުން މިއަދު ހަވީރު އެ ޖަމްޢިއްޔާ އަށް ޖަވާބު ދީފައެވެ.
ހުއްދަނުދީ ޖަވާބު ފޮނުވި މައްސަލައިގައި ކައުންސިލްގެ އޮފިޝަލަކާ "ހަވީރު" ނޫހުން މިއަދު ސުވާލުކުރުމުން ވިދާޅުވެފައި ވަނީ އެ ގޮތަށް ޖަވާބު ދީފައިވަނީ އެއީ ކައުންސިލުން އެކަމަށް މިހާރު ބާރުއަޅާ ކަމަކަށް ނުވާތީ ކަމަށެވެ. އަދި އާންމު ތަންތާގައި ދީނީ ދަރުސްތައް ބޭއްވުމަށް ތަރުހީބު ނުދޭ ސަބަބެއް އެނގިވަޑައިގަންނަވާނީ މޭޔަރަށް ކަމަށާއި، މޭޔަރު މި ވަގުތު ރަށުގައި ނުއުޅުއްވާތީ ޑެޕިއުޓީ މޭޔަރަށް ގުޅުމުން ޖަވާބު ދެއްވާނެ ކަމަށެވެ.
މިކަމާ ބެހޭގޮތުން ޑެޕިއުޓީ މޭޔަރު ސަމާހު ރަޝީދު "ހަވީރު" ނޫހަށް ވިދާޅުވީ އެއީ ކައުންސިލުން ނިންމި ނިންމުމެއް ނޫން ކަމަށާއި އެ އެފަދަ އިދާރީ ފިޔަވަޅުތައް އަޅުއްވަނީ ސީދާ މޭޔަރު ކަމަށެވެ. އަދި އެގޮތަށް ނިންމެވި ސަބަބެއް އޭނާއާ ހިއްސާކުރައްވާފައި ނުވާތީ އެ ޖަވާބު ދިން ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ސަމާހު ވިދާޅުވި އެވެ. ސަމާހު މިހެން ވިދާޅުވެފައި ވަނީ މިއަދު އެހުއްދަ ދިނުމުގެ ކުރިންނެވެ.
މިދަރުސް ބޭއްވުމަށް ފަހުން ހުއްދަ ދިނުމާ ގުޅިގެން މިހާރު އިސްލާމިކް ރިސާޗް ސޮސައިޓީން ދަނީ އަލިމަސް ކާނިވަލުގައި ދަރުސް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ޑިސެމްބަރ 1 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި "އިސްލާމްދީން ޙިމާޔަތްކުރުން" މިމައުޟޫއަށް ދަރުސް ދެއްވާނީ އައްޝައިޚް އާދަމް ޝަމީމް އެވެ. މިދަރުސް އެމްއެންބީސީ ވަން އިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް ރިސާޗް ސޮސައިޓީން ބުންޏެވެ.
ދަރުސްތައް އިޝްތިހާރުކުރުމަށްޓަކައި މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނަރތައް މާލޭ ސިޓީ ކައުންސިލުން ނަގާ މައްސަލަ ވެސް މީގެ ކުރިން ފެންމަތިވެފައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...