ދިއިސްލާމް އިސްލާމްދީނާ ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެމްޑީޕީން ގޮވާލައިފި

އިސްލާމްދީނާ ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެމްޑީޕީން ގޮވާލައިފި

އިސްލާމްދީނާ ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެމްޑީޕީން ގޮވާލައިފި

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

 

ރައީސް ނަޝީދާއި އެމްޑޕީގެ ބައެއް އިސްވެރިން - ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

އިސްލާމްދީނާ ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުން މިއަދު ގޮވާލައިފިއެވެ.

އެމްޑީޕީން މިފަދައިން ގޮވާލާފައި ވަނީ އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި އަދި ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުގައި ވާހަކަދައްކަމުން، އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނުއަސާސީ އަށް ފުރައްސާރަކޮށް ގޮންޖަހާލުމާ ގުޅިގެން މިއަދު އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެމްޑީޕީގެ ނޫސް ބަޔާނުގައި ބުނެފައި ވަނީ އެޕާޓީގެ އަސާސީ ޤަވަޢިދުގެ ތިންވަނަ ބާބުގެ 10 ވަނަ މާއްދާ (މަޤްޞަދު) ގެ (ހ) ގައި ބަޔާންކުރަނީ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކަމަށާއި، އެޕާޓީން އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ފުރުޞަތެއް ނުދޭނެ ކަމަށެވެ.

"މި މާއްދާގެ (ނ) ގައި ވަނީ ދިވެހިރާއްޖޭގައި އަމަންއަމާން ކަމާއި، ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށެވެ. އަދި ހަމަ މި މާއްދާގެ (ވ) ގައި ވަނީ ހުރިހާ ބާވަތެއްގެ ފިތުނަ ފަސާދަ ނައްތާލުމަށެވެ. މިއީ މި ޕާޓީގެ ސިޔާސަތެވެ. އަދި މި ޕާޓީން އަބަދުވެސް މަސައްކަތްކުރަމުން ގެންދާ ގޮތެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގައާއި، މީޑިއާގެ ކުރިމަތީގައި ނަވަނެތަމް ޕިއްލޭ މިދިޔަ ބުރާސްފަތި ދުވަހު ދިވެހި ރައްޔިތުންނަށް އެއްވެސް އިޙްތިރާމްކުރުމެއް ނެތި އިސްލާމްދީނާ ދެކޮޅަށް އަދި ދީނަށް ފުރައްސާރަކޮށް ވާހަކަދެއްކުމަކީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އާއި މުޅިން ޚިލާފް ވާހަކަތަކެއް ކަމަށެވެ. ޕިއްލޭގެ ވާހަކަތަކުގައި ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ޒިނޭގެ ހައްދަށް އިންކާރުކޮށް، އިސްލާމީ ޝަރީޢަތާ ޚިލާފަށް ރާއްޖޭގައި ޒިނޭގެ ހައްދު ޖެހުން ހުއްޓުވުމަށްޓަކައި، އާންމު ބަހުސަކަށް ގޮވާލާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.  އަދި އޭގެ އިތުރުން ދިވެހިރައްޔިތަކަށް ވުމަށްޓަކައި އިސްލާމަކު ކަމުގައި ވުމަށް، ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ އޮތުން ޤަބޫލުނުކުރާ ކަމަށް އިޢުލާންކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ އެ ނޫސްބަޔާނުގައި އެކަންތައްތަކާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ ދެވަނަ އާޔަތުގެ މާނަ އާއި، އާލުޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތުގެ މާނަ ބަޔާންކޮށްފައި ވެއެވެ.

އެމްޑީޕީން ބުނެފައި ވަނީ އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުގެ މީހަކު އެފަރާތުން ދެކޭ ގޮތް ހާމަކުރި ނަމަވެސް، އެކަމަކީ އަޅުގަނޑުމެން މުސްލިމުން އެކަމަށް ތަބާވެ، އެވާހަކަ ޤަބޫލުކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ޕިއްލޭ ކަމުގައި ވިޔަސް އަދި އެހެން ބޭފުޅެއް ކަމުގައި ވިޔަސް ރާއްޖެ ވަޑައިގެން ދައްކަވާ ވާހަކައިގައި އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފްނުވާ ގޮތަށް ވާހަކަދެއްކެވުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޑީޕީން ބުނީ މިމައްސަލައާ ގުޅުންހުރި އެމްޑީޕީ ސަރުކާރުގެ މިނިސްޓްރީ ކަމަށްވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މިކަމާމެދު ސަރުކާރުން ދެކޭ ގޮތް ވަރަށް ފުރިހަމައަށް ހާމަކޮށްދީފައިވާކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.
އަދި އެފަދަ ފުރުޞަތުތައް އެއްވެސް ފަރާތަކަށް ނުދިނުމަށް، ދިވެހި ދައުލަތުގެ 3 ބާރާއި، މިނިވަން މުއައްސަސާތަކަށް އެމްޑީޕީން ވަނީ އެބަޔާނުގައި ގޮވާލާފައެވެ.

އިސްލާމްދީނާ ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެމްޑީޕީން ގޮވާލާފައިވާ އިރު، 26 މާރޗް 2010 ވީ ހުކުރު ދުވަހު ރައީސް މުޙައްމަދު ނަޝީދު ދެއްވި 41 ވަނަ ރޭޑިއޯ ޚިޠާބު ގައި ވަނީ އިސްލާމް ދީނާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާ ޚިލާފަށް ވާހަކަދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދީނީ ޢިލްމުވެރިން ދެއްވާ ދީނީ ތަޤްރީރުތަކުގައި އަންހެނުންގެ ޙައްޤުތައް ގެއްލޭގޮތަށް ނުވަތަ އެފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން އަންނަހެން ވާހަކަތައް ބައްޓަންވަމުން ދާކަމަށާއި އަދި ސުވަރުގެ އާއި ނަރަކައިގެ ވާހަކަ ބަޔާންކުރާއިރު އަންހެނުންނާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހޭ ކަމެއްކަމަށާއި އެފަދަ ވާހަކަތައް ހުއްޓުވައި ދިނުމަށް އެމަނިކުފާނުގެ އަރިހުގައި ބައެއް ފަރާތްތަކުން އެދިފައިވާ ކަމަށެވެ.

އިސްލާމްދީނާ ފުށުއަރާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެމްޑީޕީން ގޮވާލާފައިވާ އިރު، 26 މާރޗް 2010 ވީ ހުކުރު ދުވަހު ރައީސް މުޙައްމަދު ނަޝީދު ދެއްވި ރޭޑިއޯ ޚިޠާބުގައި ވަނީ އިސްލާމް ދީނާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާ ޚިލާފަށް ވާހަކަދައްކަވާފައެވެ.

"ހަމަ އިތުރަށް މިދިޔަ ހަފްތާގެ ތެރޭގައި ހިނގާދިޔަ ބައެއް ކަންތައްތަކުގައި އަޅުގަނޑަށް ޝަކުވާ ވަރަށް ބޮޑަށް ލިބުނު އެއްކަމަކީ، ބައެއް ބާވަތުގެ ތަޤްރީރުތަކުގައި، ޚާއްޞަކޮށް ދީނީ ތަޤްރީރުތައް ކަމަށް ވިދާޅުވެ، މިސާލަކަށް [ސުވަރުގެ] ބަޔާންކުރާއިރުގައި ނުވަތަ [ނަރަކަ] ސިފަކޮށްދޭއިރުގައި، އަންހެން ބޭފުޅުންނާ ގުޅޭގޮތުން އެ ދެކެވޭހާ ވާހަކަތައް އެއީ، އެބޭފުޅުން ހިތްހަމަޖެހޭ ކަމެއް ނޫނޭ. އަދި އެބޭފުޅުންގެ ޙައްޤުތަކަށްވެސް އަދި އެބޭފުޅުން ކަންކަމާ ދެކޭގޮތަށްވެސް ވަރަށްބޮޑު ނޭދެވޭ އަސަރުތަކެއް ފޯރާ ކަމެކޭ. އެބޭފުޅުން އެދެމުން އަންނަނީ، ވަރަށްގިނަ ޢަދަދެއްގެ ޒުވާން އަންހެން ބޭފުޅުން، އަދި ޒުވާން ފިރިހެން ބޭފުޅުންވެސް، ވަރަށްގިނަ ޢަދަދެއްގެ، އަޅުގަނޑުގެ ގާތުން އެދެމުން އަންނަނީ، އެބާވަތުގެ ކަންކަން ހިނގިޔަ ނުދިނުމަށް، ހިންގިޔަ ނުދިނުމަށް ސަރުކާރުން ކަނޑައެޅިގެން ހުރަސްއަޅައިދޭށޭ. " ރައީސް ނަޝީދު އެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ފާޅުކުރެވެން ޖެހޭނީ އިސްލާމްދީނާ ޚިލާފްނުވާ ޚިޔާލާތު ކަމަށްވީ ނަމަވެސް، ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެއް ޚިޔާލާތު އެއްބަޔަކު ފާޅުކުރާއިރު އަނެއް ޚިޔާލާތަށް ވެސް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާ ވާހަކައަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާއިރުގައި، އެއްބާވަތެއްގެ ޚިޔާލާތެއް އެއްބަޔަކު ފާހަގަކުރެއްވީމާ، އެކަމާ ނުރުހޭ ކަމަށްވަނީނަމަ، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެންމެ ބުއްދިވެރި ގޮތަކަށްވާނީ، އެ އަނެއް ޚިޔާލާތަށްވެސް، ދެވަނަ ގޮތްވެސް ނުވަތަ އެހެން ވިސްނުމެއްވެސް އަނެއްކާ އަލުން އަނބުރާ އެހެން ބަޔަކު ހާމަކުރުމޭ. ރޭޑިޔޯއާއި ޓީ.ވީ އާއި މީޑިއާގެ ޒަރީޢާއިން ހުރިހާ ވާހަކައެއްވެސް، ރާއްޖޭގެ ހުރިހާ ގެއަކަށްވެސް، ހުރިހާ ރައްޔިތުންނަކަށްވެސް އިވެމުންދާނެ. އޭގެތެރެއިން ރައްޔިތުން ގަބޫލުކުރާ، ރައްޔިތުން ޚިޔާރުކުރަން ބޭނުން މަގަކަށް ރައްޔިތުން ދިރިއުޅެމުން މަސައްކަތް ކުރަމުން ގެންދާނީ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ހުރިހާ ބޭފުޅުންވެސް ޞުލްހަވެރިކަމާއި އަދި ބިރުދެއްކުމެއްނެތި އެއްވެސް ޙާލެއްގައި އަނިޔާގެ މަގަށް ނުވަތަ ހަމަނުޖެހުމުގެ މަގަށް ކަންތައް ގެންދާނެ ކަމުގެ ވާހަކަތަކާއި ނުވަތަ ޚިޔާލާތާނުލައި ސާފުކޮށް ޚިޔާލުފާޅުކުރަމުން އަދި އެބަޔަކު ދެކޭގޮތް ވަރަށް ޞަރީޙަކޮށް ބަޔާންކުރަމުން ގެންދާނެ ކަމަށް. " ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުން ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ވަނީ މިވާހަކަތަކަށް އިންކާރުކުރައްވާ މިވާހަކަތައް ކުށްވެރިކޮށްފައެވެ.

ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ އިސްލާމްދީނަށް ފުރައްސާރަވާފަދަ ވާހަކަތައް އާއްމު ތަންތަނުގައި ދައްކަވާފައެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފަށާތަޢުލީމުގެ މަރުޙަލާގައްޔާއި ސާނަވީ ތަޢުލީމުގެ މަރުޙަލާގައި ކީރިތި ޤުރުއާން އެއީ މަޖްބޫރު މާއްދާއެއްކަމަށް ޤައުމީ މަންހަޖުގައި ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ ޤަރާރާ ދެކޮޅަށް މިއަހަރު ޖުލައި 21 ގައި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ 7 މެމްބަރަކު ވަނީ ވޯޓުދީފައެވެ. އެއީ  ފޭދޫ ދާއިރާގެ އަލްހާން ފަހުމީ، މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަޙްމަދު ދީދީ، ހިތަދޫ އުތުރު ދާއިރާގެ މުޙައްމަދު އަސްލަމް، ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބް، ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މުޙައްމަދު ރަޝީދު އަދި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލްޣަފޫރު އެވެ.

ޕިއްލޭ ރާއްޖެ އައިސްފައި ވަނީ ސަރުކާރުން ދިން ދަޢުވަތަކަށްވާއިރު، ސަރުކާރުން އެފަދަ މީހުން ގެންނަ ގެނައުން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ކުށްވެރިކޮށްފައި ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.