އައްޑޫ ސިޓީ އަށް ކުރި ގަދަ ވިއްސާރައިގައި އެސިޓީގައި ބަހައްޓާފައިވާ ދޮންދޫނި ބުދު އަރިއަޅައިލައިފިއެވެ.
ސާކްސަމިޓާ ގުޅުވައިގެން ސަރުކާރުން އައްޑޫ ސިޓީގައި ބެހެއްޓި ތަފާތު ބުދުތަކުގެ ތެރެއިން ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ބެހެއްޓި ދޮންދޫނި ބުދު ވިއްސާރައިގައި އަރިއަޅާލީ ރޭ އައި ގަދަ ވިއްސާރައިގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ބުދު ބަހައްޓާފައިވަނީ ގަމުން ފޭދޫ އަށް އަރާ ހިސާބުގައެވެ.
ސަރުކާރުން ބޮޑު ޚަރަދެއް ކޮއްގެން ހެއްދި މި ބުދު މޮނިއުމެންޓަކީ މަދުވެގެން ހަމަސް ދުވަހުގެ ޔަޤީންކަން ދީފައިވާ އެއްޗެއް ކަމުގައިވެސް މައުލޫމާތު ލިބެއެވެ. އަދި މީން ކޮންމެ މޮނިއުމެންޓެއްގެ އަގު ގާތްގަނޑަކަށް ހަލައްކަ ރުފިޔާ އަށް އަރާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އައްޑޫ ސިޓީއަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގައި އެކި ތަންތަނަށާއި އެއްޗެއްސަށް ގެއްލުންތައް ދަނީ ލިބެމުންނެވެ. އެގޮތުން ސާކް ސަމިޓް ބޭއްވުމަށްޓަކައި ދިވެހިސަރުކާރުން އެތައްމިލިޔަން ރުފިޔާ ޚަރަދުކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި ހަދާފައިވާ ކޮންވެންޝަން ސެންޓަރުގެ ސީލިންގުގެ ބައެއްވެސް ވަނީ ވެއްޓިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...