އިޒްރޭލުގެ ޢިސްތިޢުމާރީ ސިފައިން ހުޅަނގުއައްސޭރީގެ ތާރީޚީ ސަހަރު "އަލްޚަލީލް" ގެ "ޔައްޠާ" އަވަށުގެ އިރުމަތީގައި ހުރި މިސްކިތެއް ބިމާ ހަމަކޮށްލައިފިއެވެ.
އެހިސާބުގަނޑުގެ މީހުން ބުނި ގޮތުގައި އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން އަވަށަށް ވަދެ "މަސްޖިދުލް މަފަޤަރާ" ކިޔާ މިސްކިތް ތަޅައި ސުންނާފަތިކޮށްލުމަށްފަހު އެމިސްކިތަށް ކަރަންޓު ދޭން ބޭނުންކުރަމުން އައި އިންޖީނުގެވެސް ވަނީ ހަލާކުކޮށްލައިފައެވެ. އަދި އަވަށުގެ ދެ ގެއެއް ބިމާ ހަމަކޮށްލައި އެ ދެ ގޭގައި ދިރިއުޅެމުން ދިޔަ ޚާއްޞައެހީއަށް ބޭނުންވާ 4 މީހުންނާއެކު ޖުމްލަ 24 މީހުން ވަނީ މަގުމަތިކޮށްލާފައެވެ.
އަވަށުގެ މީހުން އިތުރަށް ބުނިގޮތުގައި އިޒްރޭލު ސިފައިންގެ ލާއިންސާނީ މިޙަމަލާގައި ޢުމުރުން 17 އަހަރުގެ އަމަލް ހަމަމްދާ އާއި އުމުރުން 19 އަހަރުގެ ސައުސަން ޠަހާން ހައްޔަރުކޮށް އަދި އެހެން އަންހެނެއްގެ ފައިވެސް ވަނީ ބިންދާލައިފައެވެ.
ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުންވަނީ އިޒްރޭލުގެ މިޖަރީމާތަކުގެ ބަދަލު ހިފާނެކަމުގެ އިންޒާރުދީފައެވެ. އަދި ފަލަސްޠީނުގެ މިސްކިތްތަކާއި، ގެތަކާއި، ފެންވަޅުތަކާއި، ޖަނަވާރު ކޮށިތަކާއި، ގަސްގަހާގެއްސަށް ޔަހޫދީ ދައުލަތުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރިކޮށްފައެވެ.
ޙަމާސްގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ދަތިކޮށް އެމީހުންގެ އިތުރު ބިންތައް ފޭރިގަތުމަށް ހިންގާ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔަތުންގެ ޢަޒުމާއި ހިތްވަރާއި ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
______________________
މަޞްދަރު: ދި ޕެލަސްޓައިން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...