މިއަދު ގިނަ އިސްލާމީ މުޖްތަމަޢުތަކަށް ހިތާމަވެރި ޙާލަތު ކުރިމަތިވެފައިވަނީ އެބައިމީހުން އުޅުމަށް ކީރިތިވަންތަ ﷲ ދެއްކެވި ރިވެތި ގޮތަށް ފުރަގަސްދީ އޭގައި ކޮޅުފައިންޖަހާ، ތިމާމެން އަމިއްލައަށް ހަދާ، ނުވަތަ އެހެން ބަޔަކު ހަދާ ތަޖުރިބާ ކުރަމުންދާ ވަޟްޢީ ޤާނޫނުތަކެއް ބަލައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.
ޑރ. މަޖީދު މިހެން ވިދާޅުވީ އިއްޔެ އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވަމުންނެވެ.
"މިއީ ޣައިރު މުސްލިމުންގެ ގޮތްތަކަށް ތަބާވެ ހުރިހާ ކަމެއްގެ ބާރު އެބައިމީހުންނަށް ދޫކޮށްލުމުން ދިމާވެގެން އުޅޭ ގޮތް. އިލާހީ ޙަޟްރަތުން އައިސްފައިވާ މަތިވެރި ޝަރީޢަތުގެ ބަދަލުގައި ވަޟްޢީ ޤާނޫނުތަކަށް ތަބާވުމުގެ ނަތީޖާ." ޑރ. މަޖީދު ވިދާޅުވިއެވެ.
"އިސްލާމްދީނާއި އިންސާނީ ޙައްޤުތައް" މި މައުޟޫއަށް ދެއްވި ޚުޠުބާގައި ޑރ. މަޖީދު ވިދާޅުވީ އިންސާނާއަށް ލިބެންވާ ފުރިހަމަ ކަރާމަތާއި އެންމެހައި ޙައްޤުތައް އެންމެ ފުރިހަމަގޮތުގައި އޭނާއަށް ހޯދާދީފައިވަނީ މާތްވެގެންވާ އިސްލާމް ދީނުގައި ކަމަށެވެ.
"އިންސާނީ ޙައްޤުތަކުގެ ވާހަކައަކީ، ދުނިޔޭގައި މިއަދު ފެންމަތިވެގެން އުޅޭ ވާހަކައެއްނޫން. މިއީ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެ ދެކެވެމުން އަންނަ ވާހަކައެއް. އާދަމް އަލައިހިއްސަލާމް އިން ފެށިގެން ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި މުޙައްމަދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް އާ ހަމައަށް އައި ސަމާވީ ހުރިހާ ޝަރީޢަތެއްގައިވެސް އިންސާނީ ޙައްޤަށް ޚާއްޞަ ސަމާލުކަމެއްދީފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެހެނަސް މިމާތްކަމާއި މަތިވެރިކަން ބަލައި ނުގަނެ އިންސާނާ އެއަށް ފުރަގަސްދީ، ތިމާ ހިތުހުރި ގޮތަކަށް އުޅެން ދިމާކޮށްފިނަމަ، ކުރިމަތިވާ ކަންކަމުގެ ބަދުބަސް ރައްދުވާންވީ އިސްލާމް ދީނަކަށް ނޫން. އެފަދަ މީހާއަށް ލިބިދީފައިވާ މަޤާމާއި ޤަދަރު ވެއްޔާ މޮޑެލީ ޚުދު އޭނާ އަމިއްލައަށްކަން ކަށަވަރު." ޑރ. މަޖީދު ވިދާޅުވިއެވެ.
ޑރ. މަޖީދު ވިދާޅުވީ އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް ނިގުޅައިގެނެވިފައިވާ ކަމުގައި ބުނެ ދައްކާ ވާހަކަތަކަކީ ޙަޤީޤަތުގައި އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އިސްލާމް ދީނުގައި އިންސާނާއަށް ދީފައިވާ މަތިވެރި މަޤާމަކާއި ޤަދަރެއް ޙަޤީޤަތުގައި އެއްވެސް ވަޟްޢީ ޤާނޫނެއްގައިވެސް އަދި ވަޟްޢީ އެއްވެސް ފަލްސަފާއެއްގައިވެސް ލިބިދީފައިނުވާ ކަމަށް ވިދާޅުވިއެވެ.
ކީރިތި ޤުރުއާނުގެ ދަލީލުގެ އަލީގައި ޑރ. މަޖީދު ބަޔާންކުރެއްވި ގޮތުގައ ޝަރީޢަތުގައި އައިސްފައިވާ އެއްވެސް ޙުކުމެއް ދޫކޮށްލައި އެނޫން ގޮތެއް ބަލައިގަތުގެ ޙައްޤު އެއްވެސް މުސްލިމަކަށް ލިބިގެންނުވާކަން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ.
ޑރ. މަޖީދު މި ޚުޠުބާ ދެއްވާފައިވަނީ، ސަރުކާރުން ރާއްޖެ ގެނައި އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި އަދި ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުގައި ވާހަކަދައްކަމުން، އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނުއަސާސީ އަށް ފުރައްސާރަކޮށް ގޮންޖަހާލި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ޕިއްލޭ ބުނެފައި ވަނީ ޒިނޭ ކުރާ އަންހެނުންގެ ގައިގައި ޙައްދު ޖެހުމަކީ އެ އަންހެނުންގެ ޝަރަފަށް ލިބޭ އުނިކަމެއް ކަމަށާއި އެއީ ޑިމޮކްރަސީ އެއްގައި އޮވެގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި އެކަމާއި މެދު “ޢާންމު ބަހުސެއް” ރާއްޖޭގައި ބޭއްވުމަށް ޕިއްލޭ ވަނީ ގޮވާލާފައެވެ.
ޑރ. މަޖީދު އިއްޔެ ދެއްވި ޚުޠުބާގައި ވިދާޅުވީ ޙައްދުޖެހުމަކީ ހަތްއުޑުމަތިން ކީރިތިވަންތަ ﷲ ބާވާލައްވާފައިވާ ހުކުމްތަކުގެ ތެރެއިން ޙުކުމެއް ކަމަށާއި އެކަމާމެދު ބަޙުޘްކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އެނޫންގޮތެއް ބަލައިގަތުމުގެ ޙައްޤެއްވެސް އެއްވެސް މުސްލިމަކަށް ލިބިގެނެއް ނުވާ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.
ޑރ. މަޖީދު ވިދާޅުވީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ މާއްދާގައި ބުނަނީ "ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް" ކަމަށެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު ކަމުގައި ބަޔާންވެގެންވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ވެސް ކަނޑައެޅިފައިވާ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.
ޑރ. މަޖީދު ވިދާޅުވީ ފުރިހަމަ މިނިވަންކަމެއް ލިބިގެންވާ މިނިވަން މުސްތަޤިއްލު އަމިއްލަ ސިޔާދަތެއް އޮންނަ ދައުލަތަކަށް އެދައުލަތެއްގެ އާދަކާދައާއި ޘަޤާފަތާއި ދީނާއި އެބަޔަކު ޢަމަލުކުރުމަށް ބޭނުންވާ ގޮތެއްގެ މަތިން ޤާނޫނުތައް ހިންގުމުގެ މިނިވަންކަން ލިބިގެންވާ ކަމަށެވެ. އެހެން ކަމުން، ދިވެހިން 800 އެތައް އަހަރަކުއްސުރެ އުޅެމުން އަންނަ އިސްލާމް ދީނުގެ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބުމަށް ހުރަސްއެޅައި، އެކަން ބަދަލުކުރުމަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ޙައްޤެއް ބައިނަލްއަޤްވީމީ އެއްވެސް މުވައްސަސާއަކަށް ނުވަތަ އެއްވެސް ޤައުމަކަށް ވެސް ލިބިގެން ނުވާ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.
ޑރ. މަޖީދު ވިދާޅުވީ މިޤައުމު އޭގެ ސިއާދަތުގައި ދެމިއޮތުމަށްޓަކައި ޤާނޫނު އަސާސީގައި އެކުލެވިގެންވާ އެންމެހާ މާއްދާތަކަށް ޙުރުމަތްތެރިކޮށް ހިތައި، ޤާނޫނު އަސާސީ ނެގެހެއްޓުމީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ހަމަކޮންމެ ދިވެއްސަކަށްމެ ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި މިއީ ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކަށާއި ސަރުކާރަށާއި ޤައުމެއްގެ އެންމަހައި އަފްރާދުންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމުގައި ޑރ. މަޖީދު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންގެ ރާއްޖެމިވަނީ މުޅިދުނިޔެއަށް ހުޅުވާލެވިފައި. މިފަދަ ދުވަސް ވަރެއްގައި ތަހުޒީބުގެ ނަމުގައި ހުޅަގުންނާއި އިރުމަތިން އަންނަމުންދާ އޮއިވަރު ތަކަކީ އަޅުގަނޑުމެންގެ ދީނާއި އަޅުގަނޑުމެންގެ ޘަޤާފަތާ ނުގުޅޭ އޮއިވަރުތަކެއްނަމަ އެކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ." އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...