މިހާރު ރާއްޖެ އައިސް އުޅޭ އދ. ހައިކޮމިޝަނަރު ނަނިތަމް ޕިއްލޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މުޚާތަބުކޮށް ދެއްކި ވާހަކައިގައި ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމާ ދެކޮޅުހަދައި އިސްލާމްދީނުގެ ޙުކުމަށް ފުރައްސާރަކޮށްފައިވާތީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ޖަމްޢިއްޔަތުއްސަލަފުން ގޮވާލައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖްލީހުގައި ތަޤްރީރު ކުރަމުން، ތަމަޅަ އާއިލާއަކަށް އުފަން، ދެކުނު އެފްރިކާ އަށް ނިސްބަތްވާ ޕިއްލޭ ބުނީ ޙައްދު ޖެހުމަކީ އަންހެނުންގެ ޝަރަފަށް އުނިކަން ލިބި، އެބައި މީހުންނަށް ކުރެވޭ އެންމެ ލާއިންސާނީ އަނިޔާކަމަށް ދެކޭ ކަމަށެވެ. އަދި ޕިއްލޭ ވަނީ މިކަމާ ބެހޭގޮތުން އާންމު ބަހުސެއް ރާއްޖޭގައި ބާއްވަންވެއްޖެ ކަމަށް ބުނެފައެވެ.
"މިއީ ޑިމޮކްރެޓިކް ގައުމެއްގައި އޮވެގެންވާނެ ކަމެއް ނޫން. އަހަރެން ގަބޫލުކުރަނީ ކަންބޮޑުވާންޖެހޭ މިކަމާ ބެހޭގޮތުން އާންމު ބަހުސެއް ރާއްޖޭގައި ބާއްވަންވެއްޖެ ކަމަށް،" ޕިއްލޭ ބުންޏެވެ.
މިކަމާ ގުޅިގެން ސަލަފް ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވަނީ ދިވެހިރާއްޖޭގެ ދިފާޢީ ބާރަށާއި، ފުލުހުންނަށާއި، ރައްޔިތުންގެ މަޖްލީހަށް ޕިއްލޭ ހައްޔަރުކޮށް އޭނާއާއި މެދު ޝަރީޢަތް ކުރުމަށް މިއަދު ގޮވާލާފައެވެ. ޝައިޚް ޢަބްދުﷲ ވިދާޅުވީ ޕިއްލޭ ފަދަ މީހުންނާއި މެދު ސަރުކާރުން ފިޔަވަޅު އަޅައި ޤާނޫނުތައް ތަންފީޛު ނުކުރާނަމަ، ރައްޔިތުން ނުކުމެ ޤާނޫނުތައް ތަންފީޛު ކުރުމުގެ އިޚްތިޔާރު ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ.
"މާތް ﷲ އަށްވުރެ އޯގާވެރި ވާނޭ ފަރާތެއް އަންނާނެ ހެއްޔެވެ؟ ފަލަސްޠީނުގައި ކުށެއް ނެތި އެތަށް މުސްލިމުންނެއް މަރަމުންދާއިރު އެއްވެސް ވަރަކަށް އަލިފުދާލަކަށް އިންސާނުންގެ ޙައްގެއް ނުފެނި އިސްލާމީ އަމާން ގައުމެއްގެ އަމާންކަން ނަގާލައި އެމީހުންގެ ގައުމުތައްފަދަ މާރާމާރީ އާއި އިންސާނުންނަށް އިހާނެތިކޮށް ހިތާ މުޖްތަމަޢު ތަކުން އަންނަ މީހަކު ޤަބޫލުކުރާނެ އިންސާނީ ޙައްޤެއް ނުވެސް އޮންނާނެއެވެ" ޝައިޚް ޢަބްދުﷲ ވިދާޅުވި އެވެ.
ޝައިޚް ޢަބްދުﷲ ވިދާޅުވީ ޒިނޭގެ ޙައްދަކީ އިންސާނުން އުފައްދަވައި އެމީހުންނަށް ހުރިހާ ނިޢުމަތެއް ދެއްވައި، އެންމެ އޯގާވެރި ފަރާތުން އިންސާނީ ދަރިފަސްކޮޅުގެ ސަލާމަތަށްޓަކައި ބާވައިލައްވާފައި ޙައްދެއް ކަމަށެވެ.
"ހުރިހާ ޝަރީޢަތަކުވެސް ކީރިތި ﷲ ވަނީ ޒިނޭ ޙަރާމް ކުރައްވާފައި. ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގެ 2 ވަނަ އާޔަތުގައި ކަނޑައެޅިގެން ވަރަށް ސާފުކޮށް ﷲ ބާވައިލައްވާ މުއުމިންނަށް އަމުރުކުރައްވާފައިވަނީ 100 އެތިފަހަރުން ޙައްދު ޖެހުމަށް ޒިނޭ ކުރާ ދެޖިންސުގެ މީހުންގައިގާ ވެސް. އަދި ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައިވަނީ ނަމަ ޙައްދު ނުޖެހުމަށް އޯގާވެރިކަމާއި ކުލުނު ހުރަސްއެޅިޔަދީގެން ނުވާނެކަމަށް. ސަބަބަކީ ޙައްދުޖެހޭ މީހާއަށްވެސް ފަހުން ފައިދާ ކުރާނެ ކަމަކަށް ވާނެތީ. ކައްފާރާ އަކަށް ވާނެތީ. މުޖްތަމަޢުއަށް އަބުރުވެރިކަމަކަށް ވާނެތީ،" ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.
ޝައިޚް ޢަބްދުﷲ ވިދާޅުވީ ޞަރީޙަކޮށް ދިވެހމުސްލިމް މުޖްތަމަޢު ތެރެއަށް ބޭރުން އައިސް ރައްޔިތުންގެ ދީނާއި ޤަޥުމުގެ ސިޔާދަތާ ކުޅެ، ފުރައްސާރަކުރާކަށް އެއްވެސް މީހަކަށް ތަންދީގެން ނުވާނެ ކަމަށެވެ.
"ﷲ ކަނޑައަޅުއްވައި ފަރުޟު ކުރެއްވި ކަމެއް އުވާލައި އެއާއި އިދިކޮޅަށް އާ ގޮތެއް ހަދާން ގޮވާލިޔަސް، އަދި އެކަމަށް މަޝްޥަރާކުރާން ރުހުނަސް، އެކަމަކީ ކުރުމަށް މިނިވަންކަން ލިބިގެންދާ އެއްޗެއްކަމުގައި ޤަބޫލު ކުރިއަސް އެ ކުރާކޮންމެ މީހަކު އިސްލާމުން ދީނުން ޝައްކެއްނެތި ބޭރުވެ، މުރުދައްދު ވާނެކަން ކަށަވަރު ކަމެކެވެ. އަދި އޭނާ މުސްލިމުންގެ ޤަބުރުސްތާނުގައި ވެސް ވަޅުލައިގެން ނުވާނެކަމާއި، އޭނާގެ ވާރުތަ މުދާވެސް ބައިތުލްމާލަށް ނެގެވޭނެކަމާއި، އޭނާ މުސްލިމުން ވަޅުލާގޮތަށް ވަޅުވެސް ނުލެވޭނެކަން މީ އިއްތިފާގުން މުސްލިމުން ނިންމާފައިވާ ކަމެކެވެ". ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...