17ވަނަ ސާކް ސަމިޓާ ދިމާކޮށް، މޮނިއުމަންޓްގެ ނަމުގައި، އަޅުކަންކުރަން ގެންގުޅޭ ބުދު އެތެރެކޮށް، އައްޑޫގެ އެކި ސަރަހައްދުތަކުގައި އެތަކެތި އާންމުންނަށް ފެންނާހެން ބަހައްޓާފައިވާތީ، އޭގެ ސަބަބުން އެ ސިޓީގެ ރައްޔިތުންގެ ރީތި ނަމާއި ޝަރަފާއި ކަރާމަތް ވެއްޔާ މޮޑެވެމުންދާ ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން "ބުދުން ތާހިރުކުރުމަށް" ގޮވާލައި ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ފޮނުވައިފައެވެ.
މިގަރާރުގައި ރިޔާޒް ވިދާޅުވެފައި ވަނީ ".... އައްޑޫގެ އެކި ސަރަހައްދުތަކުގައި މޮނިއުމަންޓްތަކުގެ ނަމުގައި ބަހައްޓާފައިވާ ބުދުތައް ވަގުތުން ނައްތާލައި އައްޑޫ ބުދުން ތާހިރުކުރުމަށާއި ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތަށް ހީނަރުކަން އަތުވެދާނެ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށް އަދުގެ ސަރުކާރަށް ގޮވާލުމުގެ ގޮތުން"ގަރާރު ހުށަހަޅުއްވާ ކަމަށެވެ.
މިގަރާރުގައި ރިޔާޒް އިތުރަށް ވިދާޅުވީ ފުލުހުންނާއި ސިފައިން ލައްވައި، އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ބުދު ބަހައްޓައި އެ ބުދުތައް ހިމާޔަތްކުރަން ފުލުހުން ފޯރިއަށް ބޭތިއްބުމަކީ ފުލުހުންނާއި ސިފައިންގެ ފަހުރުވެރި ޚިދުމަތަށް ރައީސް ނަޝީދު މަލާމާތްކުރެއްވުން ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...