ޖަމްޢިއްޔަތުއްސަލަފާއި ޝަހީބު މީޑިއާ ކޮންސަލްޓަންސީ (އެސްއެމްސީ) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ނޫސްވެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެ ހުޅުވާލައިފި އެވެ.
ސަލަފުން ހާމަކުރާ ގޮތުގައި މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެ ޖަމްޢިއްޔާގެ ވެބްސައިޓުން ލިބޭނެއެވެ. އަދި މިއަންނަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ކޯހުގެ އެޕްލިކޭޝަން ފޯމް "ސަލަފް ލައިން" އަށް ހުށައެޅުމަށް އެ ޖަމްޢިއްޔާއިން ވަނީ އިޢުލާންކޮށްފައެވެ.
އަންނަ އަހަރުގެ ޖެނުއަރީ 2 ން 15 ށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ކޯހުގައި ކިޔަވައިދެއްވާނީ ތަޖުރިބާކާރު ނޫސްވެރިއެއް ކަމަށްވާ މުޙައްމަދު ޝަހީބެވެ. އޭގެ އިތުރުން ކޯހުގެ ގެސްޓް ލެކްޗަރަރއިންގެ ގޮތުގައި މިދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ތަޤްރީރުކުރައްވާނެ ކަމަށް ސަލަފުން ބުނެއެވެ. އޭގެ ތެރޭގައި ފަރެސް މުޙައްމަދު އާމިރު، ހިރިގާ އަޙްމަދު ޒާހިރު އަދި ސީނާ އަޙްމަދު ޒާހިރު ފަދަ ބޭފުޅުން ހިމެނެއެވެ.
ކޯސް ހިންގާ ފަރާތުން ބުނީ މިކޯހުގައި، ނޫސްވެރިކަމުގެ އަސާސީ ހުނަރުތަކުގެ އިތުރުން، ލިޔުންތެރިކަމުގައި ނޫސްވެރިންގެ ދައުރާއި، ދިވެހި ނޫސްވެރިކަމަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ކިޔަވާދޭނެ ކަމަށެވެ. އަދި އިސްލާމީ ނަޒަރަކުން ނޫސްވެރިކަމުގެ މައްޗަށް ވެސް ތަޤްރީރު ކުރެވޭނެ ކަމަށް އެފަރާތުން ބުނެއެވެ. އެގޮތުން އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ގެސްޓް ލެކްޗަރަރ އެއްގެ ގޮތުގައި ބައިވެރިވެލައްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ސަލަފުން ބުނީ އެ ޖަމްޢިއްޔާ އާއި އެސްއެމްސީގެ ފަރާތުން މިކޯހުން ފާސްވާ ދަރިވަރުންނަށް ސެޓްފިކެޓް ދޭނެ ކަމަށެވެ. ދެހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް އަމާޒުކުރެވިފައި ވަނީ 40 މީހުންގެ ޖާގަ އަށެވެ. ކޯހުގައި ބައިވެރިވުމުގެ ފީއަކީ 2,500.00 ރުފިޔާ އެވެ. ކޯސް ކުރިއަށް ދާނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 20:30 ން 22:30 ށް ކަމަށް ސަލަފުން ބުންޏެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށް ސަލަފާއި އެސްއެމްސީ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިމަހު 1 ވަނަ ދުވަހު އެވެ. މި ކޯހާބެހޭ އިތުރު މައުލޫމާތު ހޯދުމަށް ނަމްބަރު 7411078 ފޯނާއި ގުޅުމަށް ސަލަފުން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...