
މިދިޔަ އަހަރު ޖޫން މަހު ތެރޭގައި ހިލްއަތު ޑްރަގް އޯވަރޑޯޒްވެގެން ރ.އަތޮޅުގެ ފަޅު ރަށެއްގައި ހޭނެތިފައި އޮއްވާ ފެނުނު މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ - ފޮޓޯ : އިނގުރައިދޫ ލައިވް
އިސްލާމްދީނަށް ފުރައްސާރަކުރަމުންދާ މަޝްހޫރު ލިޔުންތެރިޔާ ހިލްއަތު ރަޝީދުގެ ވެބްސައިޓް ކޮމިނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިދިޔަ ބުދަ ދުވަހު ބަންދުކޮށްފި އެވެ.
ކޭމް އިން މީޑިއާ އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ވެބްސައިޓް ބަންދުކުރީ އިސްލާމްދީނާއި ރާއްޖޭގެ ސަގާފަތާ ފުށުއަރާ ވާހަކަތަކާއި އަޚްލާޤީ ގޮތުން ދަށްފެންވަރުގެ ލިޔުންތައް އަދި މަންޒަރު އެސައިޓުގައި ހިމެނޭތީ، އިސްލާމިކް މިނިސްޓްރީގެ އެންގުމަށް ކަމަށެވެ. އަދި އެ ސައިޓް ބަންދުކުރީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދުގެ 10 ވަނަ މާއްދާގެ "ހ" ގެ ދަށުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޤަޥާއިދުގެ އެ މާއްދާގައި ބުނާ ގޮތުގައި، "ދިވެހިރާއްޖޭގެ ލައިސަންސް ލިބިގެން ޓެލެކާސްޓްކުރާ ފަރާތްތަކުން ނުވަތަ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ނުވަތަ މީޑިއާގެ އެކި އުފެއްދުންތައް އުފައްދާ އެއްވެސް ފަރާތަކުން މާތް ﷲ އަށް ނުވަތަ ކީރިތީ ރަސޫލާ އަށް ނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުންނަ ޕްރޮގްރާމްތައް އުފައްދައިގެން ދެއްކުމާއި، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކައި، އެކަންކަމުގެ އަޑުފެތުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ލިޔެކިޔުންތަކާއި ކުރެހުންތަކާއި، އިޝްތިހާރުތަކާއި، އިސްލާމްދީން ނޫން ދީންތަކުގެ ދީނީ ޕްރޮގްރާމްތައް ދެއްކުމާއި ފޮނުވުމާއި ގެންގުޅުމަކީ މަނާކަމެކެވެ."
އިސްލާމްދީނަށް ފުރައްސާރަކޮށް ހިލްއަތު އޭނާގެ ވެބްސައިޓްގައި ތަފާތު ލިޔުންތަކާއި މަންޒަރުތައް ޝާއިޢުކުރަމުންދާތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު އިސްލާމިކް މިނިސްޓްރީ އަށާއި، ފުލުހުންނަށް ހުޅައަޅާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިދިޔަ އަހަރު ޖޫން މަހު ތެރޭގައި، ހިލްއަތު ޑްރަގް އޯވަރޑޯޒްވެގެން ރ.އަތޮޅުގެ ފަޅު ރަށެއްގައި ހޭނެތިފައި އޮއްވާ ފެނުނު މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކޮށްފައި ވެއެވެ.
ހިލްއަތު އާއި ޙަވާލާދީ "ސަން" އޮންލައިންގައި މިއަދު ބުނެފައި ވަނީ އެ "ސައިޓް ބްލޮކުކޮށްފައި ވަނީ އޭނާ ފާޅުކުރާ ހިޔާލުތައް ހަޖަމް ނުކުރެވޭ ބަޔަކު އެކަމާ ރުޅިއައިސް، ޝަކުވާ ކުރާތީ ކަމަށް" އޭނާ ޤަބޫލުކުރާ ކަމަށް ހިލްއަތު ބުނި ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...