ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީ ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި ބުދުތައް ވައްޓާލިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން މިރޭ ދޫކޮށްލައިފި އެވެ.
އެ ދެޒުވާނުންގެ ތެރެއިން ސ.ހިތަދޫ، އަންކާ، މުޙައްމަދު ނިހާދު ޖަމާލް މިރޭ "ދިއިސްލާމް" އަށް މަޢުލޫމާތު ދިން ގޮތުގައި އެމީހުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފައި ވަނީ މިރޭ 20:15 ހާއިރު ކަމަށެވެ. އަދި ކޯޓުން ބުނެފައި ވަނީ މި މައްސަލައިގައި އިތުރު ހެއްކެއް ނެތް ކަމުގައި ކަމަށް ނިހާދު ބުންޏެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި ބުދުތަކާ ދެކޮޅަށް އެރޭ ރައްޔިތުން ނުކުތުމުން ސަރުކާރުން އެ ބުދުތައް އެތަނުން އެރޭ ނެގިއެވެ. ނަމަވެސް ސަރުކާރުން ވަނީ އަނެއް ދުވަހުގެ ފަތިހު އަލުން ބުދުތައް ބެހައްޓާފައެވެ.
ބުދުތައް ވައްޓާލައި، އޭގެ މަތީގެ ބައެއް ހަލާކުކޮށްލާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭގައެވެ. ނަމަވެސް، ފުލުހުން ވަނީ އޭގެ އިރުކޮޅެއް ފަހުން އެބުދުތައް އަލުން ހަދައި އިހުހުރި ގޮތަށް ބަހައްޓައި، ބުދުތުކަށް އެރޭ ޙިމާޔަތްދީފައެވެ. އަދި އެމައްސަލައިގައި އެރޭ ދެ ޒުވާނުން ހައްޔަރުކުރިއެވެ. އަދި މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން 7 ދުވަހަށް ގޭބަންދުކޮށްފައި ވެއެވެ.
އޭގެ ފަހުން އެ ބުދުގައި ބަޔަކު ވަނީ އަލިފާން ވެސް ރޯކޮށްލާފައެވެ. އަދި އެ ބުދުގެ މަތީ ބައި މިހާރު ވަނީ ބަޔަކު ގެންގޮސްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...