ދިއިސްލާމް ބުދުތައް ޙިމާޔަތްކުރުމަށް ފުލުހުން މަސައްކަތްކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން : ޝައިޚް ފިކުރީ

ބުދުތައް ޙިމާޔަތްކުރުމަށް ފުލުހުން މަސައްކަތްކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން : ޝައިޚް ފިކުރީ

ބުދުތައް ޙިމާޔަތްކުރުމަށް ފުލުހުން މަސައްކަތްކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން : ޝައިޚް ފިކުރީ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ހިތަދޫގައި ބަހައްޓާފައިވާ ބުދުތައް ހިމެނޭ ބިނާ ޙިމާޔަތްކުރުމަށް ފުލުހުން ފޯރިމަރަނީ - ފޮޓޯ : އެމްވީޔޫތް

ބުދުތައް ޙިމާޔަތްކުރުމަށްޓަކައި ފުލުހުން މަސައްކަތްކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރ ޝައިޚް ފިކުރީ މިހެން ވިދާޅުވީ މިހަފްތާގެ އަންގާރަ ދުވަހުގެ ރޭ ސަން އެފްއެމް އިން ފޮނުވި "ސުވާލަކީ ކޮބާ" ޕްރޮގްރާމްގައި، ބުދުތައް ޙިމާޔަތްކުރުމާ ބެހޭގޮތުން އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝައިޚް ފިކުރީ ވިދާޅުވީ ފުރަތަމަ ކަމަކަށް ބުދުތައް ޙިމާޔަތް ކުރުމަކަށް ދުނިޔަވީ ގޮތުންވެސް ދިވެހިރާއްޖޭގައި ތަނެއް ނުދޭ ކަމަށާއި، ހަމަ އެގަތަށް ޝިރުކުގެ އެ ޢަމަލަކީ މުސްލިމުން އެއާ ދެކޮޅަށް ތެދުވާންޖެހޭ ކަމެއް ކަމަށެވެ.

"ކީރިތި ޤުރުއާނާއި ސުންނަތުން، ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ އެންމެ ފަހުގެ އިރުޝާދުގެ ތެރޭގައި ޞަހާބީން އެކި ކަންކޮޅުތަކަށް ފޮނުވައިގެން ބުދު ތެޅުމަށް އަމުރު ކުރައްވާފައި ވަނީ. އެހެންވީމާ، ޤައުމުގެ ޙިމާޔަތުގައި ތިބި ބަޔަކު އަދި ޤައުމުގެ ޙިމާޔަތަށްޓަކައި ﷲ ގެ ނަންފުޅު ގަންދީ ހުވާކޮށްފައިވާ ބަޔަކު އެކަލާނގެ ނަހީކުރެއްވި ޝިރުކަށް ނަޞްރު ދިނުމަށް ތެދުވުމަކީ ވަރަށް ހިތާމަހުރި ކަމެއް. އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން." ޝައިޚް ފިކުރީ ވިދާޅުވިއެވެ.

މަދަނީ ޖަމްޢިއްޔާ އެއް ކަމަށްވާ ޖަމްޢިއްޔަތުއްސަލަފްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝައިޚް ފިކުރީ ވިދާޅުވީ ފުލުހުންނަށް އެބައިމީހުން ކޮށްފައިވާ ހުވާގެ މަތިން ހަނަދާންކޮށްދޭ ކަމަށެވެ.

ސާކް ސަމިޓަށް ކަމަށް ބުނެ ބެހެއްޓި ބިނާތަކުގައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފް މުޝްރިކުން އަޅުކަންކުރާ ޒާތުގެ ބުދުތައް ފަދަ އެއްޗެހި ހިމެނެއެވެ. މި ބިނާތައް ބެހެއްޓުމަށް ފަހު، ސަމިޓް ނިމެންދެން އެ ތަކެތީގެ ޙިމާޔަތުގައި ފުލހުން ވަނީ ފޯރި މަރާފައެވެ. އަދި ސަމިޓަށް ފަހު ފޯރިމެރުން ހުއްޓާލި އެވެ. ނަމަވެސް، މިފަދަ ލާދީނީ ބައެއް ބިނާތަކަށް ގެއްލުން ދޭތީ ކަމަށް ބުނެ ހުރިހާ ބިނާތަކުގެ ކައިރީގައި ފުލުހުން ވަނީ އަނެއްކާވެސް އިއްޔެއިން ފެށިގެން ފޯރިމަރަން ފަށާފައެވެ.

އެންމެ ގިނަ ރައްޔިތުންގެ ނުރުހުންތެރިކަން އަމާޒުވެފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި ބުދުތަކާ މެދުއެވެ. އެ ބުދުތަކާ ދެކޮޅަށް އެރޭ ރައްޔިތުން ނުކުތުމުން ސަރުކާރުން އެ ބުދުތައް އެތަނުން އެރޭ ނެގިއެވެ. ނަމަވެސް ސަރުކާރުން ވަނީ އަނެއް ދުވަހުގެ ފަތިހު އަލުން ބުދުތައް ބަހައްޓާފައެވެ. އަދި އެ ބުދުތައް ވައްޓާލައި، އޭގެ މަތީގެ ބައެއް މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ހަލާކުކޮށްލާފައި ވެސް ވެއެވެ. ނަމަވެސް، ފުލުހުން ވަނީ އޭގެ އިރުކޮޅެއް ފަހުން އެބުދުތައް އަލުން ހަދައި އިހުހުރި ގޮތަށް ބަހައްޓައި، ބުދުތުކަށް އެރޭ ޙިމާޔަތްދީފައެވެ.

އައްޑޫގައި ބަހައްޓާފައިވާ މި ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ ބުދުތަކެއް ކަމަށް ސަރުކާރަށް އަންގަވާފައިވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ވިދާޅުވެފައި ވެއެވެ. އަދި މިފަދަ ބިނާތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ ކަމާ ބެހޭ އިދާރާކަށް މިއަދު އަންގަވާފައިވާ ކަމަށް މީޑިއާގައި ޑރ. މަޖީދު ވިދާޅުވެފައި ވެއެވެ.

މި ބުދުތަކުގެ މައްސަލަ މައްސަލަ ބަލައިދިނުމަށް އެދި ޢަދާލަތު ޕާޓީން ވަނީ މިހަފްތާގެ ހޯމަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށައަޅާފައެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި ޕީޕީއެމް ކައުންސިލް މެމްބަރު އަޙްމަދު ސަލީމް (މާޒް ސަލީމް) ވަނީ އިއްޔެ ފުލުހުންނަށް ހުށައަޅާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.