ފަލަސްޠީނުގެ ބިމުން އެމީހުން ބޭރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅަނގު އައްސޭރީގެ ސަހަރެއްކަމުގައިވާ "އަރީޙާ" ގެ ސަރަހެއްދެއްގައި ހުރި ފަލަސްޠީނު މީހުންގެ 4 ގެއެއް އިޒްރޭލުގެ ބުލްޑޯޒަރުތަކުން ބިމާ ހަމަކޮށްލައިފިއެވެ.
އިޒްރޭލުގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ބުލްޑޯޒަރުތަކުގެ މިޢުދުވާނަކީ ފަލަސްޠީނުގެ 18 ޢާއިލާއެއް މަގުމަތިކޮށްލުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްގެ ފެށުމެވެ.
އެ ވަޞީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ އިސްތިޢުމާރީ ސިފައިންގެ ޖަމާޢަތެއް ބުލްޑޯޒަރުތަކާ އެހެނިހެން ސުންނާފަތިކުރުމުގެ މެޝިންތަކާއެކު ވަރަށް ކުއްލިގޮތަކަށް އެހިސާބުގަނޑަށް އެރުމަށްފަހު ހަތިޔާރުގެ ބިރު ދައްކައިގެން ފަލަސްޠީނުގެ ޢާއިލާތައް ގެތަކުން ނެރުމަށްފަހު އެމީހުންގެ ކުރިމަތީގައި ގެތައް ވައްޓައި ފުނޑުފުނޑުކޮށްލިއެވެ. އެއްވެސް މީހަކަށް ކައިރިވެލާނެ ފުރުޞަތެއްވެސް ނުދިނެވެ. މި ޖަރިމާ ހިންގުމުގެ ކުރިން އިޒްރޭލުންވަނީ އެއީ ޤާނޫނާ ޚިލާފަށް ޢިމާރާތްކޮށްފައިވާ ގެތަކެއްކަމަށް ބުނެ 18 ޢާއިލާއަކަށް ނޯޓިސް ދީފައެވެ.
މި އަށާރަ ގެ ޢިމާރާތްކޮށްފައިވަނީ ފަލަސްޠީނުގެ ޢާއިލާތަކެއް މަގުމަތިކުރުމަށްފަހު ޔަހޫދީންތަކެއް ކުރިން ގެ އަޅައިގެން އުޅުނު ސަރަހައްދެއްގައެވެ. ނަމަވެސް އޮސްލޯގެ އެއްބަސްވުމުގެ ދަށުން ޔަހޫދީ ވަޒަންވެރިންނަށް އެސަރަޙައްދު ދޫކޮށް ދާންޖެހުނީއެވެ. އެމީހުން ދިއުމުން ފަލަސްޠީނު ޢާއިލާތަކުން ދެވަނަ ފަހަރަށް އެބިމުގައި ޢިމާރާތްކޮށްގެން ދިރިއުޅެން ފެށީއެވެ. ނަމަވެސް ދާދިފަހުން ކުއްލިއަކަށް އިޒްރޭލުގެ ސަރުކާރުންވަނީ އެގެތަކުން ނުކުތުމަށް އެ ޢާއިލާތަކަށް އަންގާފައެވެ.
ފާހަގަކޮށްލަން ޖެހޭކަމަކީ މިއީ މީގެ އެތަކެއް އަހަރެއް ކުރިން ޢިމާރާތްކުރެވިފައިވާ ގެތަކެއްކަމެވެ.
މަޞްދަރު: ދި ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...