ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ރާއްޖޭގެ އަތޮޅަކަށް އަމާޒުކޮށްގެން ބާއްވާ ޚާއްޞަ ދަތުރު "ސަލަފް ރިޙްލާ" ގެ އަންނަ އަހަރުގެ ޕްރޮގްރާމާ ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ސަލަފުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި މި ބައްދަލުވުމުގައި ހއ. އަތޮޅުގެ ފަރާތުން 2 މަންދޫބުންނާ މަޝްވަރާކުރެވިފައިވާ ކަމަށާއި، ހއ. ހޯރަފުށީ ރަށު ކައުންސިލްގެ ރައީސް އަޙްމަދު މަޢުރޫފް ބައިވެރިވެ ވަޑައިގަތް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ދަތުރުގެ ތާރީޚަކާއި، ދަތުރުގެ އިންތިޒާމްތަކާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށް ސަލަފުން ބުންޏެވެ.
ސަލަފުން ބުނީ އަންނަ އަހަރު ދެ ރިޙްލާއެއް ބޭއްވިދާނެކަމުގެ އުއްމީދު ކުރާ ކަމަށާއި، ކުރިން ރިޙްލާ ނުބޭއްވޭ އަތޮޅުތަކުގެ ފަރާތްތަކާއި ގުޅައިގެން އެޖަމްޢިއްޔާ އިން މަޝްވަރާކުރަމުންދާ ކަމަށެވެ.
މި ބައްދަލުވުމުގައި އެ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމާއި، ނާއިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ އާއި ޖަމްޢިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒް އަދި ޖަމްޢިއްޔާގެ ޖެނެރަލް ސެކްރެޓެރީ މުޙައްމަދު ޞަބާޙް ބައިވެރިވެލެއްވިއެވެ.
މިރިޙްލާތަކުގެ އަމާޒަކީ ދީނީ ދަރުސް ސިލްސިލާތަކެއް މުޅިއަތޮޅުގައި ބާއްވައި ދީނުގެ ދަޢުޥަތާއި ޢިލްމާއި ތަފާތު ފައިދާ ހުރި ހުނަރުތައް ކަންކޮޅުތަކުގައި ފަތުރައި ޢާއްމުކުރުމާއި، ރާއްޖޭގެ އެކި ޙިސާބުތަކުގައި ތިބި ދިވެހި ރައްޔިތުންނާ ގުޅުން ބަދަހިކުރުމާއި، ދީނަށް ލޯބިކުރާ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫޙު އުފެއްދުން ކަމަށް ސަލަފުން ބުނެއެވެ.
މި ރިޙްލާތަކުގެ ސިލްސިލާ ފައްޓާފައި ވަނީ 2009 ވަނަ އަހަރު ޅ.އަތޮޅުގައި "އިފްތިތާޙް" ގެ ނަމުގައި ބޭއްވި ޕްރޮގްރާމުންނެވެ. މިދިޔަ އަހަރު ރިޙްލާ ތ.އަތޮޅުގައި ބާއްވާފައިވާއިރު، މިއަހަރުގެ ރިޙްލާ ބާއްވާފައި ވަނީ ނ.އަތޮޅުގައެވެ.
މި ރިޙްލާތަކުގައި ރާއްޖޭގެ ފުންނާބުއުސް ޢިލްމުވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ. އޭގެ ތެރޭގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް އާދަމް ޝަމީމް، އައްޝައިޚް މުޙައްމަދު ޠައްޔިބް، އައްޝައިޚް މުޙައްމަދު އިބްރާހީމް ހިމެނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...