މާފުށީ ޖަލުގައި ޙުކުމް ތަންފީޒްކުރަމުންދާ މީހަކު ދަންޖެހިގެން މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މައިމަރުކަޒުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު ޙަސަން އަފީފް މިއަދު ވިދާޅުވީ މާފުށީ ޖަލުގެ ޔުނިޓް ތިނެއްގެ ފަސް ވަނަ ގޮޅީގައި އެމީހާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު 11:34 ހާއިރު ކަމަށާއި، އެމީހަކީ
ހ. ކޯޒީކޯނަރ، އަބްދުލް މުންނިމް، 35އ.، ކަމަށެވެ. އަދި އެމީހާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ޙުކުމް ތަންފީޒްކުރަމުންދާ މީހެއް ކަމަށް އަފީފް ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީން ބުނީ އޭނާ ދަންޖެިހިިފައި ވަނީ ބެޑްޝީޓެއް ބޭނުންކޮށްގެން ކަމަށެވެ.
އަފީފް ވިދާޅުވީ މުންނިމްގެ އިތުރުން އެހެން މީހަކު ވެސް ޖަލުގެ އެގޮޅީގައި ހުންނަ ކަމަށެވެ. އަދި ވިދާޅުވީ މުންނިމް ދަންޖެހިފައިވަނީ އަނެއް މީހާ ބޭސްފަރުވާ އަކަށް މާލެ ގެނެސްފައިވަނިކޮށް ކަމަށެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ދަންޖެހުނު މައްސަލަ ތަޙްޤީޤް ކުރަމުންދާ ކަމަށާއި، އެކަމުގައި އެހެން ބައެއްގެ އިހުމާލެއް ވާކަމަށް ބެލެވިއްޖެ ނަމަ އެ ބަޔަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.
ޖަލު ބަލަހައްޓާ ޑީޕީއާރުއެސް އިން މިމައްސަލައާ ބެހޭ އިތުރު މަޢުލޫމާތު ނެގުމަށް ނޫސްވެރިންނަށް ފުރުސަތު ދިނުމުން ނޫސްވެރިންގެ ޓީމެއް މިހާރު ވަނީ މާފުއްޓަށް ގޮސްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...