ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީ ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ ބުދުތަކެއް ކަމަށް ސަރުކާރަށް އަންގަވާފައިވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ.
ޑރ. މަޖީދު މީޑިއާ އަށް ވިދާޅުވީ އެތަކެތީގެ މައުލޫމާތު ލިބިވަޑައިގަތުމުން އެތަން ބައްލަވަން ވަޑައިގެންނެވި އިރު އެތަކެތި ވަނީ ނަގާފައި ކަމަށެވެ. އަދި އަލުން ބެހެއްޓި ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ވަޑައިގެން ބެއްލެވި އިރު އެތަކެއްޗަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެ ކުރެވިދާނެ ތަކެތި ކަމަށް ނުވާތީ، ދައުލަތުގެ އިސްފަރާތްތަކަށާއި، ޕާކިސްތާނުގެ ސަފީރަށް އެކަން އަންގަވައި މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.
ސަފީރު ވިދާޅުވީ "އެތަކެތި ބެހެއްޓީ ފޮރިން އެފެއާޒް އާ ވެސް މަޝްވަރާކޮށްފައިކަމުންނާއި މިހާރު ސަމިޓް ފެށިފައިވާތީ އިތުރު ބަދަލެއް ވަގުތުން ވަގުތަށް ގެންނަވަން ދަތި ކަމަށާ ނަމަވެސް ސަމިޓަށްފަހު، މައްސަލައެއް އޮތްނަމަ އެތަކެތި ނަގާނެ ކަމަށް" ކަމުގައި ޑރ. މަޖީދު ވިދާޅުވިއެވެ.
ޑރ. މަޖީދު އަދި ވިދާޅުވީ މިފަދަ ކަމެއް ހިނގީތީ ހިތާމަކުރައްވާ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު މީޑިއާ އަށް ވިދާޅުވީ މިވަގުތު ސާކް ސަމިޓަށް ވަޑައިގެންނެވި އިއްޒަތްތެރިން އައްޑޫ ސިޓީގައި ތިއްބެވުމާއެކު، ރައްޔިތުން ޞުލްހަވެރިކަމާއެކު ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މިކަމާ ގުޅިގެން އެޅުއްވެން ހުރި ފިޔަވަޅުތައް އެޅުއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
ކަންކަން ކުރިމަތިވުމުން ކެތްތެރިވުމަށާ ކަންކަން ޞުލްޙަވެރިކަމާއެކު ޙައްލުކުރަން މަސައްކަތްކުރުމުން ކުރާނެ ފައިދާ ބޮޑުވާނެކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...