
ލާދީނީ ޝިޢާރުތައް ފާޅުކުރުމާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން މިއަދު ޢަދާލަތުގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގެ ތެރެއިން - ފޮޓޯ : ސަން އޮންލައިން
ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ ސަރުކާރުން އައްޑޫ ސިޓީގައާއި ރާއްޖޭގެ ބައެއް އެހެން ތަންތަނުގައި ބަހައްޓާފައިވާ ލާދީނީ ޝިޢާރުތައް ހިމެނޭ ތަކެތި ސަރުކާރުން ނުނަގައިފިނަމަ، ރައްޔިތުން ނުކުމެ އެތަކެތި ނަގަން ޖެހިދާނެ ކަމަށް އިދިކޮޅު 5 ޕާޓީއަކުން މިއަދު ބުނެފި އެވެ.
ސަރުކާރުން ވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ކާފަރުން އަޅުކަންކުރާ ބުދުތައް ހިމެނޭ މޮނިއުމަންޓެއް ބަހައްޓާފައެވެ. އަދި އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި ކްރިސްޓިއަން ދީނުގެ ޝިޢާރުގެ ގޮތުގައި ބޭނުންކުރާ، އީސާގެ ފާނުގެ ސޫރަ ކުރަހާފައިވާ އަދި އެހެނިހެން ލާދީނީ ނިޝާންތައް ހިމެނޭ ބެނާތަކެއް ހަރުކޮށްފައެވެ.
ޕީޕީއެމާއި ޑީއާރްޕީ އާއި އަދާލަތާއި ގައުމީ ޕާޓީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން މިއަދު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީތަކުން ބުނީ ސާކް ސަމިޓްގެ ދުވަސްވަރު ކަމަށް ވިޔަސް މިކަމުގައި ރައްޔިތުންގެ އެދުންތައް ބޮލާލާޖަހައި ސަރުކާރުން ހަރުކަށިކަން ދައްކާނަމަ މަގުމައްޗަށް ނުކުންނަން ފަސް ނުޖެހޭނެ ކަމަށެވެ.
ޢަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ވިދާޅުވީ މި މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައެއް ކަމަށާއި މިއީ ސާކް ސަމިޓުގެ މަގުސަދާ ގުޅުމެއްނެތް، ވަރަށް މަކަރުވެރިކަމާއެކު ސަރުކާރުން ކޮށްފައިވާ ލާދީނީ، ނުރައްކާތެރި ކަންތައްތަކެއް ރާއްޖޭގައި ހިންގުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށެވެ.
އަދި ގައުމީ ދީނީ މައްސަލަތަކުގައި އަޅުގަނޑުމެން ޕާޓީތަކުން އެއްގަލަކަށް އަރައިގެން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް ތިބިކަން ރައްޔިތުންނަށް ހަމަކޮށްދޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
ޕީޕީއެމްގެ ވަގުތީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވީ ސާކް ސަމިޓާ ގުޅުވައިގެން ލާދީނީ ފިކުރުތައް ރާއްޖޭގައި ތައާރަފުކުރަން ސަރުކާރުން ދުރާލާއި ރާވައި ބުދު ބެހެއްޓުމާއި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރާ ބެނާ ބެހެއްޓި ބެހެއްޓުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެހެން ދީންތަކަށް ޕްރޮމޯޓުކުރަން ކުރާ މަސައްކަތްތަކީ އެއްގޮތަކަށް ވެސް ސާކް ސަމިޓާގުޅޭ ކަމެއްނޫން ކަމަށާއި، އެކަމަކީ މި ސަރުކާރުގެ އެޖެންޑާއެއްގެ ގަދަށުން ކުރާކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
"މި ސަރުކާރުން އެހެން ދީންތައް ފެތުރުމަށް ރައީސް އޮފީހުގައި ބައިތިއްބާފައި ތިބޭނެ ދެ މީހުން. އެ ދެ މީހުން ދިރިއުޅޭނީ ޔާގޫތުގޭގައި އެ ދެމީހުން މާ ދުރާލާ މިގޮތަށް ސާކް ސަމިޓާއި ގުޅުވައިގެން މިފަދަ ލާދީނީ ފިކުރުގެ މަސައްކަތް ކުރަމުން އެގެންދަނީ" އުމަރު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...