ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ކުރިން ބޭނުންކުރި އައްޑޫ ސިޓީ ގަމުގެ ދޫގަސް ބަނގުރަލުގެ ހިދުމަތް ލިބޭ ގޮތަށް "ރިސޯޓަކަށް" ހަދައިފި އެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ކަންކަން ހަމަޖައްސާ ގޮތަށް ޝަރުތުކޮށް، ބީލަމަކާ ނުލައި އެމްވީކޭ އަށް ކުއްޔަށް ދިން ދޫގަސް "ގޭން އައިލެންޑް ރިޓްރީޓް" ގެ ނަމުގައި "ރިސޯޓެއްގެ" ގޮތުގައި ހުޅުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެމްވީކޭގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަފީޤް "ސަން" އޮންލައިނަށް ވިދާޅުވެފައި ވަނީ "ރިސޯޓެއްގެ" ގޮތުގައި މިހާރު ދޫގަސް ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، ދޫގަސް ތަރައްޤީކޮށްފައި ވަނީ 50 ކޮޓަރީގެ "ރިސޯޓެއްގެ" ގޮތުގައި ކަމަށެވެ. އެތަން ހުޅުވީ ރިސެޕްޝަން އޭރިއާ އާއި ބާރ އަކާއި ރެސްޓޯރެންޓެއް މުޅިން އަލަށް ހެދުމަށް ފަހުގައި ކަމަށް ވެސް ޝަފީޤް ވިދާޅުވި އެވެ. ޝަފީޤް ވިދާޅުވީ އެހެން ރިސޯޓްތަކެކޭ އެއް ގޮތަށް ދޫގަހުން ވެސް މިހާރު ބަނގުރަލުގެ ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.
ގެސްޓް ހައުސްއެއްގެ ގޮތުގައި ބޭނުން ކުރި އިރު ދޫގަހަކީ ބަނގުރާ ވިއްކުމުގެ ހުއްދަ އޮންނަ ތަނެއް ނޫނެވެ.
އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ އެނޫހަށް ވިދާޅުވީ ދޫގަހަކީ މީހުން ދިރި ނޫޅޭ ރަށެއްގައި ހަދާފައިވާ ތަނަކަށް ވުމުން ރާވިއްކުން ހުއްދަ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
އަދި ދޫގަހާ ޖެހިގެން އޮތް އީކުއޭޓާ ވިލެޖަށް ރާވިއްކުމުގެ ހުއްދަދީފައިވާ އިރު ދޫގަހަށް އެ ހުއްދަ ނުދޭންވީ ސަބަބައް ނެތް ކަމަށް ރާޒީ ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭޑިއޯ ޚިޠާބުގައި ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ދޫގަހަކީ މިހާރު ރީތި ހޮޓަލެއް ކަމަށާއި އެތަން ހިންގަން 140 އަށް ވުރެ ގިނަ ދިވެހިން ހަރަކާތްތެރި ވަނީ އެންމެ 5 ބިދޭސީންނާއެކު ކަމަށް ވިދާޅުވެފައި ވެއެވެ.
ސަރުކާރުން އެމްވީކޭ އަށް ދޫގަސް ކުއްޔަށް ދޫކޮށްފައިވަނީ 50 އަހަރަށެވެ.މިތަން ކުއްޔަށް ދީފައިވަނީ ގާނޫނު އަސާސީ އާއި ޓޫރިޒަމްގެ ގާނޫނާއި މާލިއްޔަތުގެ ގާނޫނާ ޚިލާފަށް ކަމަށްއެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ.
_____
މަސްދަރު : ސަން އޮންލައިން

ކޮމެންޓް (0)
ލޯޑް ކުރަމުން...