ބަގުދާދުގައި އެމެރިކާގެ އެޕާޗޭ ހެލިކޮޕްޓަރަކުން ދިން ހަމަލާއެއްގެ ވީޑިޔޯ ލީކު ކުރި މައްސަލައެއްގައި އެމެރިކާ އާމީގެ ޕްރައިވޭޓް ބްރެޑްލީ މެނިންގާ ދެކޮޅަށް ކޯޓަށް މައްސަލަތަކެއް ހުށައަޅައިފިއެވެ. މީނާގެ ވީޑިޔޯ ލީކު ކޮށްލާފައިވަނީ އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްރު މައުލޫމާތު ލީކު ކުރަމުން އަންނަ މަޝްހޫރު ވެބްސައިޓެއްކަމަށްވާ ވިކި ލީކްސް (wikileaks) މެދުވެރިކޮށެވެ.
ޕްރައިވޭޓް ބްރެޑްލީ މޭނިންގާ ދެކޮޅަށް ދެ މައްސަލައެއް ވަނީ އެމެރިކާއިން ކޯޓަށް ވައްދައިފައެވެ. ފުރަތަމަ މައްސަލެއްގެ ގޮތުގައި ހުށައަޅާފައިވަނީ މީނާ ހުއްދަ ނެތި ،އެޕާޗޭ ހެލިކޮޕްޓަރަކުން 12 ޖުލާއި 2007 ވީ ދުވަހު ދިން ހަމަލާއެއްގެ ވީޑިޔޯ ހޯދުމެވެ. އަދި ދެވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ މި ވީޑިޔޯ ވިކި ލީކްސްއަށް އޭނާ ދީފައި ވާކަމުގެ މައްސަލައެވެ. އެ ވީޑިޔޯ ލީކު ކުރުމުގެ ކުރިން ވިކިލީކްސުން ލީކު ކޮށްފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ގައިދީންނަށް އަނިޔާކުރުން ހައްދުފަހަނަ އަޅާފައިވާ ގުއަންޓަނާމޯ ބޭގައި ބައެއް ކަންކަން ހިނގާ ގޮތުގެ ވީޑިޔޯ އަކާއި އެމެރިކާގެ ރިޕަބްލިކަން ޕާޓީން ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ނެރުނު ނައިބު ރައީސާ، ސާރާ ޕަލިންގެ ޕާސަނަކް އީމެއިލް އެކައުންޓުގައި ހުރި ބައެއް މައުލޫމާތު ހިމެނެއެވެ.
5 އޭޕްރީލް 2010 ވީ ދުވަހު ވިކި ލީކްސުން ވަނީ އެމެރިކާގެ ހެލިކޮޕްޓަރަކުން ބަގްދާދަށް ދިން ހަމަލާގެ ދެ ވީޑިޔޯއެއް ލީކު ކޮށްލައިފައެވެ. އެތަނުން އެއް ވީޑިޔޯއަކީ ސީދާ ހަމަލާދިން ހެލިކޮޕްޓަރުގައި އިން ކެމެރާއަކުން ނަގާފައިވާ 39 މިނެޓުގެ ދިގު ވީޑިޔޯއެކެވެ. މި ވީޑިޔޯއިން އެނގޭ ގޮތުގައި އެ ހަމަލާގައި މުޅިންވެސް މަރުވެފައި ވަނީ އާންމުންގެ ބައެކެވެ. އޭގެ ތެރޭގައި ރޮއިޓާސްގެ ދެ ނޫސްވެރިއެއްގެ އިތުރުން ކުޑަކުދީންވެސް ހިމެނެއެވެ.
މިހާރު ބްރެޑްލީ މެނިންގް ހުރީ ކުވޭތުގައި ބަންދުގައެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭ އޭނާގެ މައްސަލައިގެ އަޑު އެހުމަކަށް ބަގުދާދަށް ގެންދާނެކަމަށް ހަބަރު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...