އިޓަލީގެ ޕްރައިމް މިނިސްޓަރ ސިލްވިއޯ ބަރލުސްކޯނި މަގާމުގައި ހުރުމަށް ގިނަ ގުނަ ފިއްތުންތައް ކުރިމަތިވަމުން އެބަދެއެވެ. ގިނަ ބަޔަކު ދަނީ ސިލްވިއޯ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.
ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި ސިލްވިއޯގެ އިސްތިއުފާއަށް ގޮވާލާފައިވަނީ ގައުމު ދަރާފައިވާ ދަރަނި ކުޑަކުރުމަށާއި ގައުމުގެ ކުރިއެރުމަށް ކަންތައްތައް އަލުން ރާވާ ހިންގުމަށް ބޭއްވި ބައްދަލުވުމުގައި ކެބިނެޓްގެ ރުހުން ހޯދުމަށް ނުކުޅެދީފައިވާތީއެވެ.
މީގެއިތުރުން ި ސިލްވިއޯގެ ކޮލިޝަނުން ވަކިވެފައިވާ ތިން ޑެޕިއުޓީންވެސް ވަނީ ސިޔާސީ އާ ބަދަލަކަށް ބޭނުންވެފައިވާކަމަށާއި އަދި އާ ސަރުކާރެއް ގާއިމުކުރުމަށް ޕްރައިމް މިނިސްޓަރަށް ގޮވާލާފައެވެ.
ގިނަ އިންވެސްޓަރުން ގައުމުގެ ދަރަނި ބޮޑުވެފައިވާތީ ދަނީ އިންވެސްޓުކުރުމަށް ފަސްޖެހެމުންނެވެ. އެހެންކަމުން މިކަން ހައްލު ކުރުމަށްޓަކައި އިގްތާޞާދީ ހެޔޮ ބަދަލުތަކެއް ގެނެއުމަށް ރައްޔިތުން ޕްރައިމް މިނިސްޓަރަށް ދަނީ ޕްރެޝަރ ކުރަމުންނެވެ.
ރައްޔިތުންގެ ފަރާތުން ސިލްވިއޯ އަށް އޮތް މަގުބޫލުކަން މިހާރު ދަނީ ކުޑަވަމުންނެވެ. އަދި މީގެއިތުރުން ކޮރަޕްޝަންގެ ތުހުމަތުތަކާއި ޓެކުހުން މަކަރާއި ހީލަތް ހެދުމާއި އަދި ނުހައްގުން ބާރުގެ ބޭނުންކޮށްފައިވާތީ މިހާރުވެސް ސިލްވިއޯގެ މައްސަލަ ދަނީ ބެލެމުންނެވެ.
މިހުރިހާ ކަމެއް ހުރިއިރުވެސް ސިލްވިއޯ ގެ ފަރާތުން މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް ނިޝާނެއް އަދި ނުފެންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...