ޑރ ޒާކިރު ނައިކު އިނގިރޭސިވިލާތަށް އެރުން 'މަނާ' ކޮށްފިއެވެ.
ހަބަރު ލިބިފައިވާގޮތުގައި ޑރ ޒާކިރު ނައިކު އިނގިރޭސިވިލާތަށް އެރުން 'މަނާ' ކޮށްފައިވަނީ އިނގިރޭސި ހޯމް ސެކްރެޓަރީ އަށް ލިބިދޭ ބާރުގެ ދަށުންނެވެ. އިނގިރޭސި ހޯމް ސެކްރެޓަރ ބުނެފައިވަނީ ޑރ ޒާކިރު ނައިކުގެ “ސުލޫކީ މިންގަނޑު އިނގިރޭސި ވިލާތަށް ޤަބޫލުނުކުރެވޭ" ކަމަށެވެ. އިނގިރޭސި ވިލާތުގެ ވިސާ ޤަވާއިދު ބުނާގޮތުން އެމީހަކު އިނގިރޭސި ވިލާތަށް އެރުމުން އެ ޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ މީހުންނާއި އިނގިރޭސި ވިލާތުގެ އަމަން އަމާންކަމަށް ބުރޫއަރާފާނެ މީހުން އަދި އިނގިރޭސި ވިލާތުގެ އާއްމުންނަށް ނުރައްކާ ކޮށްފާނެ މީހުންނަށް އިނގިރޭސި ވިސާ ނުދީ ހިފެހެއްޓުމުގެ ޙައްޤު އިނގިރޭސި ވިލާތުގެ ހޯމް ސެކްރެޓަރީއަށް ލިބިދެއެވެ.
“އިނގިރޭސި ވިލާތަށް އައުމަކީ ޝަރަފެއް، ލިބިދޭންޖެހޭ ޙައްޤެއް ނޫން. މި ޤައުމުގެ އިނގިރޭސި ވިލާތުގެ އަމަން އަމާންކަމަށް ބުރޫއަރުވާނެ އެއްވެސް މީހަކަށް ވިސާ ދިނުމަކީ އަޅުގަނޑުގެ އުޞޫލެއް ނޫން” ހޯމް ސެކްރެޓަރީ ތެރޭސާ މޭ ވިދާޅުވިކަމަށް ބީ.ބީ.ސީ. އިން ބުނެފައިވެއެވެ. އަދި މީގެ އިތުރުން އޭނާ ބުނެފައިވާގޮތުގައި “ޒާކިރު ނައިކްގެ ވަރަށް ބައިވަރު ކޮމެންޓްތަކަކީ އޭނާގެ ސުލޫކީ މިންގަނޑު އިނގިރޭސި ސަރުކާރަށް ޤަބޫލުކުރެވެން ނެތްކަމުގެ ހެއްކެއް” ކަމަށެވެ.
ހަބަރު ލިބިފައިވާގޮތުގައި ޑރ. ޒާކިރު ނައިކު އިނގިރޭސި ވިލާތަށް ވަޑައިގަތީ ލަންޑަން އަދި ޝެފީލްޑްގައި ތަޤުރީރުތަކެއް ބޭއްވުމަށެވެ. ޑރ. ޒާކިރު ނައިކު އިނގިރޭސި ވިލާތަށް ނޭރުވި މައްސަލައާއި ދެކޮޅު ހެދުމުގެ ގޮތުން އިހުތިޖާޖު ކުރުން ކުރިއަށް ގެންދާނެކަމަށް ހަބަރުތަކުން ބުނެއެވެ.
މިއަންނަ މަހު ކުރީކޮޅު އެމެރިކާގައިވެސް ޑރ ޒާކިރު ނައިކުގެ ވަރަށް ބޮޑު އިވެންޓެއް ބޭއްވުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...