
ވިލިމާލެ ވަލުތެރެއިން ކޯސްޓްދަޅަކަށް ލާފައި އޮއްވާ ފެނުނު ފިރިހެންކުއްޖާގެ މަންމަ އެއްއަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ކުއްޖާގެ މަންމަ ނ. މަނަދޫ ފިނޮޅު، އައިމިނަތު ޝާޢިރާގެ މައްޗަށްވަނީ ދަރިފުޅާ މެދު އިހުމާލުވެފައި ވާތީ އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ ދަޢުވާއެއް ސާބިތުވެފައެވެ. ޝާޢިރާގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނަށް ރިޢާޔަތްކޮށް ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
މީގެ އިތުރުން ކ. ގުރައިދޫ ހީނާމާގޭ، މަރިޔަމް ރިޒްނާގެ މައްޗަށްވަނީ ޝާއިރާ ވިއްސުމުގައި ބައިވެރިވެ، ތުއްތު ކުއްޖާ ކޯސްޓް ދަޅަކަށްލުމަށްފަހު އެއްލާލުމުގައި ބައިވެރިވެފައިވާކަން ސާބިތުވެފައިވާތީ ހަމަސްދުވަހަށް ޖަލަށްލުމަށްވެސް ޙުކުމްކޮށްފައެވެ. އޭނާގެ މައްޗަށްވެސް ޙުުމްކޮށްފައިވަނީ ޤާނޫނޫލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ނަމަވެސް ޝާޢިިރާގެ ދަރިފުޅު ވައްޓާލުމަށް ބޭސް ދިން ކަމަށް ޕީޖީ އިން ދަޢުވާ ކުރި، ކ. ހުރާ ސަކީނާމަންޒިލް، ފާތުމަތު އާނިޔާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ތުއްތު ކުއްޖަކު މަރާލުމަށްފަހު ކޯސްޓްދަޅަކަށްލައިފައި އޮއްވާ ވިލިމާލެ ވަލުތެރެއިން ފެނިފައިވަނީ 2011 މެއި 19 ވަނަ ދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...