ދިއިސްލާމް ސަޢުދީގެ ނޫސްތައް: އިޒްރޭލާ އިދިކޮޅަށް ތުރުކީވިލާތުގެ ހިނގާ ކޯޅުމުގައި ތިޔަބައިމީހުން ވާގިދޭށެވެ! އަދި ތިޔަބައިމީހުންގެ ބައިބައިވުން ނައްތާލައި އެއްބައިވާށެވެ!

ސަޢުދީގެ ނޫސްތައް: އިޒްރޭލާ އިދިކޮޅަށް ތުރުކީވިލާތުގެ ހިނގާ ކޯޅުމުގައި ތިޔަބައިމީހުން ވާގިދޭށެވެ! އަދި ތިޔަބައިމީހުންގެ ބައިބައިވުން ނައްތާލައި އެއްބައިވާށެވެ!

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލްގެ ކަނޑުގެ ސިފައިން މިނިވަން ބޯޓަށް ދިން އުދުވާނީ ޙަމަލައާއި އަދި އިޒްރޭލުން ޣައްޒާ ޙިސާރު ކުރި މައްސަލަ އާއި ގުޅޭގޮތުން އދ. ގެ ޕަލްމަރ ރިޕޯޓުގައިވާ ނާއުއްމީދީ ވާހަކަތަކަށްފަހު ތުރުކީވިލާތުން އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ސިޔާސީ އަދި ޤަޟާއީ ހަނގުރާމާގައި އެދައުލަތާ އެކުގައި ފައިތިލަ ސާބިތުކުރުމަށާއި އަދި ފުރިހަމަ އެއްބާރުލުން ދިނުމަށް ޢަރަބި ދައުލަތްތަކަށް ސަޢޫދީ ޢަރަބިއްޔާގެ ނޫސްތަކުން މިދިޔަ ހޯމަ ދުވަހު ވަނީ ގޮވާލާފައެވެ.

ސަޢޫދިގެ ނޫހެއް ކަމުގައިވާ "އަލްޔަވްމު" ނޫހުގެ އެޑިޓޯރިއަލްގެ ސުރުޚީގައި ވަނީ "ރުކުކީ ޢަރަބީ އެއްބާރުލުން.... އިޒްރޭލަށް ފިލާވަޅެއް" މިހެންނެވެ. މިސުރުޚީގެ ދަށުން އެޑިޓަރ ބަޔާން ކުރައްވާފައި ވެއެވެ. ޢަރަބިންގެ އެއްބާރުލުމާއި ވާގިދިނުން ތުރުކީވިލާތަށް ނުހަނު ބޭނުންތެރި އެވެ. އެއީ އިޒްރޭލްގެ ބޮޑާކަމާއި ނޭއްގާނީ ކަމަށްޓަކައި އެބައިމީހުން ފިލާވަޅެއް ލައިދިނުން ފުރިހަމަވެގެން ދިއުމަށެވެ.

އިޒްރޭލު ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ވުރެ މާމަތީގައި ކަމަށް އިޒްރޭލަށް ކަށަވަރުވެފައި އޮންނަ ކަހަލައެވެ. އެމީހުން ކުރާ ކަންތަކުގެ ޒިންމާ އުފުލަން ޖެހޭ ވަރަށްވުރެ މާ އުހުގައި އެބައިމީހުންވާ ކަމަށް ދެކެއެވެ. ޒިންމާ ނަގަން ޖެހޭނެ ކަމަކަށް އެބައިމީހުން ނުދެކެއެވެ. އަދި އެނޫހުން ކަށަވަރުކޮށްދިން ގޮތުގައި މިފަދަ އެއްބާރުލުމެއް މިވަޤުތު ޢަރަބިންގެ ފަރާތުން ތުރުކީވިލާތަށް ލިބިގެން ހިނގައްޖެ ކަމުގައި ވާނަމަ އެކަން ވެގެން ދާނީ މެދުއިރުމަތީގެ ސިޔާސީ ގުޅުމުގެ ޗާޓް އެކުލަވާލުން އަނބުރާ ގެނެވޭނެ ކަމަކަށެވެ. ބޮޑެތި ދައުލަތްތައް އެކަމުގެ އަގުވަޒަންކުރާ ސިޔާސީ ކަމަކަށް އެކަން ވެގެންދާނެވެ.

އަނެއް ކޮޅުން ސަޢޫދީ ޢަރަބިޔާގެ ނޫހެއްކަމުގައި އަލްޖަޒީރާގެ އެޑިޓޯރިއަލްގައި އެކުވެރި ދައުލަތްތައް (އދ.) އަށް ފާޑުކިޔާ ތަންގީދުކޮށް ވާހަކަ ދައްކާފައިވެއެވެ. އދ. އަށް އެ ނޫހުން ފާޑުކިޔާފައި ވަނީ އެ އޯގަނައިޒޭޝަނުން ޢަދުލުވެރިކަން ގެއްލިގެން ދިއުމާއި ގުޅުވައިގެންނެވެ. އެ ނޫހުން ބަޔާންކުރާ ގޮތުގައި އދ. ބާރުގަދަ ދައުލަތްތައް ކުޅޭ މޮނޮޕޮލީ ގޭމަކަށް ވެއްޖެއެވެ. އެހެނީ އދ. ނިންމުންތަކަކީ މިދެންނެވި ދައުލަތްތަކުގެ އެދުމާ އެއްގޮތަށް އެހެން ފަރާތަކަށް އަނިޔާވެރިވެ ނިންމޭ ނިންމުންތަކަކަށް ވަނީވެފައެވެ.

އެ ޤަރާރުތައް ނޫނީ ރިސޮލިއުޝަންތަކަކީ ބައިނަލްއަޤްވާމީ ސްޓޭންޑަޑެއްގައި އަދި ބައިނަލްއަޤްވާމީ ޢަދުލުވެރިކަމާއި ޤާނޫނީ މިންގަނޑެއްގައި ނެރެވޭ ބަޔާންތަކެއް ނުވަތަ ޤަރާރުތަކެއް ނޫނެވެ.  އަލްޖަޒީރާގެ އެޑިޓޯރިއަލް ބަޔާނުގެ ސުރުޚީ އަކީ "އދ. ގައި ސްޓޭންޑަޑްގެ ހުސްކަން" އެވެ. ނޫސް ބަޔާން ކުރާގޮތުގައި އދ. ގެ ނިންމުންތަކާއި ޤަރާރުތަކުގައި ހަމަހަމަ މިންގަނޑުތަކެއް ނުވެއެވެ. ވަކިން ޚާއްޞަކޮށް ޕަލްމަރ ރިޕޯރޓަކީ ހުރިހާ އުޞޫލަކާއި ހަމައެއް އަދި ޤާނޫނީ މިންގަނޑުތަކެއް ފަހަނައަޅާފައި ގޮސްފައިވާ ރިޕޯޓެކެވެ. ބައިނަލްއަޤުވާމީ އާދަ (ޢުރުފު) ގެ އިން ފަހަނައަޅައިގޮސް މުޅިން އެއްފަރާތަށް ޖެހި އިޒްރޭލަށް އދ. ވިކި ހުސްވެފައިވަ ރިޕޯރޓެއްގެ ގޮތުގައި ސިފަކުރެވޭ ރިޕޯޓެކެވެ.

އަދި ކީއްހެއްޔެވެ. އެހެން ދައުލަތްތަކާއި ޒާތީ ވެރިކަން ކުރާ ތަންތަން ޙިސާރު ކުރުމަކީ ޝަރުޢީ ކަމެއް ކަމަށް އެރިޕޯޓް ކުލަޖައްސައިދެއެވެ. މިގޮތަށް ސިފަކުރުމުން ޢުދުވާނީ ޢަމަލުތަކަށާއި ހަނގުރާމަވެރި ޙާލަތަށް ބާރުއެޅި އެކަމަށް ހިތްވަރު ދެވެއެވެ. މިއީ އދ. ގެ ޤަރާރުތަކާއި ދެކޮޅު ކަމެކެވެ. އަދި އެ އޯގަނައިޒޭޝަން އުފެއްދުމުގެ މަޤުޞަދާ މުޅިން ޚިލާފު ކަމެކެވެ. މި ކަންކަން ކަށަވަރުކޮށްދެނީ އދ. އިޞްލާޙުކުރަން ޖެހިއްޖެކަމެވެ. ބޮޑެތި ބާރުތަކުގެ ވަކިތަކުން އދ. މިނިވަންކޮށް ސަލާމަތްކުރަންވަނީ ޖެހިފައެވެ. އދ. މިހާރު ހިނގަމުން ދަނީ އެބާރުތަކުގެ އެދުމާއި އެއްގޮތަށެވެ. އިންސާފާއި ހަމަކަމުގެ މަގަކުން ނޫނެވެ. އދ. އަކީ އެދައުލަތްތަކުގެ މަސްލަޙަތުތައް ކުރުނީސްކުރާ ވަފާދާރު އަޅެކެވެ.

ސަޢޫދީ އަރަބިޔާގައި ނެރޭ "އަލްބިލާދު" ނޫހަށް ނަޒަރު ހިންގާލާއިރު،  މިދިޔަ ހޯމަ ދުވަހު ނޫހުން ބާރު އަޅާފައި ވަނީ ޢަރަބިންގެ ދެބަސްވުންތަކާއި އިޚްތިލާފުތައް ނައްތާލައި އެބައިވުމުގެ މައްޗަށެވެ. މިގޮތުން  ޢަރަބިންގެ އެއްބައިވަންތަކަން އާކޮށް އެ އެއްބައިވަންތަކަން ޙަޤީޤަތަކަށް ގެނައުމަށްޓަކައި އަވަސް އަދި ހަރުދަނާ ޙަރަކާތްތަކެއް ކުރުމަށް އަރަބިލީގުގެ ކިބައިން އެދެފައިވެއެވެ. އިސްލާމީ އުންމަތުގެ  ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލުމަށްޓކައި ޢަރަބި ޤައުމުތަކުގެ އެއްބައިވަންތަކަން ވަރަށް މުހިންމުވެގެން ވެއެވެ. ވަރަށް ބޮޑު އަދި މެދުކެނޑުމެއް ނެތް މަސައްކަތްތަކެއް ކުރެވިގެން ނޫނީ މިހާރު ޢަރަބިންގެ ޙާލަތު ބަދަލުކޮށް އެއްސަފަކަށް ނުގެނެވޭނެއެވެ. އަރަބިންގެ އެއްބައިވަންތަކަމުގައި އަޅާފައިވާ ރެނދުތައް ބައްދައި އިޞްލާޙު ނުކުރެވޭނެއެވެ.

މިއާއެކު ޢަރަބިންގެ ބަސްމަގުގައި ވެސް އެއްބައިވަންތަކަން ދެމެހެއްޓުމުގެ މައްޗަށް އިޝާރާތް ކޮށްފައިވެއެވެ. ވަކީން ޚާއްޞަކޮށް މިދުވަސްވަރަކީ ފަލަސްޠީނުގެ އަމިއްލަ ވެރިކަން ބައިނަލް އަޤުވާމީ މުޖްތަމަޢު ޤަބޫލުކުރާ މިނިވަން ދައުލަތެއްގެ ސިފަޖެއްސުމަށް ސިޔާސީ ގޮތުން މަސައްކަތް ކުރަމުން ގެންދާ ދުވަސްވަރެވެ. އަދި މިކަމާދެކޮޅަށް އިޒްރޭލް ހަރަކާތްތެރިވަމުންދެއެވެ. މިފަދަ ދަނޑިވަޅުގައި ޢަރަބިދައުލަތްތައް އެކައްޗެއް ކިޔުން ބޭރުގެ ދުނިޔެ ބޭނުންވާނެވެ. އެހެންނޫންނަމަ އެބައިމީހުންވެސް ބައިބައިވެ ގޮސް ފަލަސްތީނުގެ ހުވަފެން ބިލާހަކަށް ވެދާނެވެ. މިހެންވިޔަ ނުދިނުމަށްޓަކައި މިކަމުގައި އަދި އުއްމަތާއި ގުޅިފައިވާ މުހިއްމު ހުރިހާ މައްސަލަތަކެއްގައި އެއް މަވްޤިފެއް ޢަރަބިން ޚިޔާރުކުރުން ލާޒިމުވެގެންވެއެވެ. މި ޙާލަތުގައި އިސްލާމީ އުއްމަތުގެ އިޖްތިމާޢީ އެދުމަށް އިޙްތިރާމު ކުރުމަކީ އެއީއެވެ.

އެންމެ ފަހުން ބަލާލާނީ "އައްރިޔާޟް" ނޫހަށެވެ. އެނޫހުން ބަޔާންކުރާގޮތުގައި ޢަރަބިންގެ ދެބަސްވުންތަކާއި ޚިލާފުތައް އާވެ އާވެ ހުރެއެވެ. އަދި އެކަންވަނީ ޢަރަބިންގެ ޠަބީޢަތުގައި ބިންވަޅު ނެގިފައެވެ. މިކަމުގައި އާދަޔާ ޚިލާފުކަމަކީ ކޮންމެ ދުވަސްވަރެއްގެ ކޮންމެ ޒަމާނެއްގެ ޙާލަތާ އެއްގޮތަށް އެބައިމީހުންގެ ދެބަސްވުންތަކާއި އަރައިރުންތައް ކުލަބަދަލުކުރަމުން ގެންދިއުމެވެ. މިކަން ހާމަކުރުމަށް ބައެއް މިސާލުތައް ނޫހުން ހުށަހަޅާފައިވެއެވެ. މިސަލާކަށް ބަލާއިރު ލީބިޔާ އާއި ޖަޒާއިރުގެ ގުޅުންނަގާށެވެ. ޤައްޛާފީ އަށް ތާއީދު ކުރުމާއި އަދި ކުލީސިފައިން ލީބިޔާ އަށް އައުމަށް މަގުފަހިކޮށްދޭ ކަމުގެ ތުހުމަތު ލީބިޔާގެ އިންތިޤާލީ މަޖިލީހުން ޖަޒާއިރުގެ ބޮލުގައި އަޅުވައެވެ. ނަމަވެސް ޖަޒާއިރު އެކަން ނަފީކުރެއެވެ. އަނެއްކޮޅުން އަލްޖަޒާއިރު ލީބިޔާގެ ޘައުރާއިން ޤާއިމުކޮށްފައިވާ އިންތިޤާލީ މަޖްލިސް އެއީ ލީބިޔާ ތަމްސީލްކުރާ ހަމައެކަނި ޝަރުޢީ އިދާރާ ކަމަކަށް އަދިވެސް ޤަބޫލެއް ނުކުރެއެވެ. ބޭރުގެ ބާރުތަކުގެ އެހީނެގުން އެއީ މިދެ ދައުލަތުގެ ގުޅުން އިތުރަށް ގޯސްކުރި ކަމެއް ކަމުގައި ޖަޒާއިރުން ދެކެއެވެ.

"އައްރިޔާޟު" އިތުރަށް ބަޔާންކުރާ ގޮތުގައި ސޫރިޔާ ވަނީ އަރަބިންގެ މެދުގައި ވެފައިވާ އެއްބަސްވުންތަކުގެ އަގުވައްޓާލާފައެވެ. އޭނާގެ ސިޔާސަތަށް ޚިދުމަތްކުރާ ނުކުތާއެއް ފިޔަވައި ބަލައެއްނުގަނެއެވެ. ބައެއް ފަހަރު މިސްރާ ގުޅުންކަނޑާނެއެވެ. އަނެއްބައިފަހަރު ސަޢޫދީ ޢަރަބިޔާ އާއި އިދިކޮޅުވާނެއެވެ. މިކަން ހިނގަނީ އެއްވެސް ސާފު ސަބަބެއް ނެތިއެވެ. މިހާރު ސޫރިޔާ އެ ޤައުމުގެ ރައްޔިތުންނާ އެކުގައިވަނީ ވަރަށް ނުރައްކާތެރި ޙާލަތަކަށް ފޯރާފައެވެ. ޢަރަބިންގެ ހަނުހުރުމާއި މުއާޠިނުންގެ ހަނުހިމޭންކަން ރިވޮލިއުޝަން އިތުރަށް ފުޅާވެގެން ދަނީއެވެ.

އަނެއްކޮޅުން އެމެރިކާވަނީ އިރާޤު ހިފާފައެވެ. އޭގެ ސަބަބުން އިރާޤުވަނީ ޢަރަބިންނާއި ވަރަށް ދުރަށް ގެންގޮސްފައެވެ. އޭގެ ބަދަލުގައި އީރާންގެ ގާތްކަން އެމީހުން ގެންދިޔައީ ބިނާކުރަމުންނެވެ. ތޫނިސް އަށް ބަލާއިރު އެ ޤައުމުގެ ހުރިހާ ޙަރަކާތެއްވެސް މިހާރު އަމާޒުވެފައި ވަނީ ދާޚިލީ ހަމަޖެހުމާއި ދާޚިލީ ކަންތަކަށެވެ. ލީބިޔާ އާއި އެދައުލަތުގެ ގުޅުން ހަނުހިމޭން ކަމާއެކުގައި ދެމިގެންވެއެވެ. ލީބިޔާގެ އިޟްތިރާރީ ޙާލަތުގައި ވެސް އެގުޅުމަކަށް އިތުރު ބަދަލެއް އައިސްފައެއް ނެތެވެ.

"އައްރިޔާޟް" އަދިވެސް ބަޔާންކުރާ ގޮތުގައި އަރަބި ބަހާރުގެ އަސަރު އެދައުލަތްތަކަށް ފޭދިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދައުލަތްތައް އިންތިޒާރުކުރަމުން ދަނީ އެ ބަހާރުގެ ހެޔޮ ނަތީޖާއަށެވެ. އާދެ! ރިވޮލިއުޝަންތަކުގެ ކާމިޔާބަށެވެ. ރިވޮލިއުޝަންތައް ކާމިޔާބުވެ އޭގެ ނަތީޖާ ހެޔޮކޮށް ދައްކައިފި ނަމަ ވެގެންދާނީ އިސްތިޢާރާކޮށް މިސާލުޖެހޭނެ އެއްޗަކަށެވެ. އެއާ ޚިލާފަށް ކާމިޔާބު ނުވެއްޖެނަމަ އެ ޙުކޫމަތްތަކުގެ ޢުމުރު ދެމިގެންދާނެތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.