ރާއްޖޭގެ ޚަބަރު ރޯދަ އަށް ތިބޭ ކުޅުންތެރިން ކުޅެން އަރުވަން ޤައުމީ ފުޓްބޯޅަ ކޯޗް ބޭނުމެއް ނުވޭ : ޑރ. ޙުސައިން ހަލީމް

ރޯދަ އަށް ތިބޭ ކުޅުންތެރިން ކުޅެން އަރުވަން ޤައުމީ ފުޓްބޯޅަ ކޯޗް ބޭނުމެއް ނުވޭ : ޑރ. ޙުސައިން ހަލީމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު އާޖެންޓީނާގެ ޑިއޭގޯ ކުރްސިއާނީ / ލިޔުނީ : ޙަސަން ޝިޔާޒް

ސީޝެލްސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ރާއްޖޭން ވާދަކުރިއިރު، ކުޅުންތެރިން ރޯދަ ހިފާތީ އެކަމާ ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު އާޖެންޓީނާގެ ޑިއޭގޯ ކުރްސިއާނީ ރުޅި އަންނަ ކަމަށާއި، ރޯދަ އަށް ތިބޭ ކުޅުންތެރިން ކުޅެން އަރުވަން އޭނާ ބޭނުމެއް ނުވާ ކަމަށް ރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ ނައިބް ރައީސް ޑރ. ޙުސައިން ހަލީމް އިއްޔެ ވިދާޅުވެއްޖެއެވެ.

ސީޝެލްސް އިން އެނބުރި މާލެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޙުސައިން ވިދާޅުވީ ރާއްޖެ ގެންނަ ބޭރު ކޯޗުންގެ ވިސްނުމާއި ފިކުރު ރާއްޖޭގެ ޘަޤާފަތާއި ދިމާނުވާ ކަމަށާއި، ފުޓްބޯޅައިގެ ބައެއް ކުޅުންތެރިން ރޯދަ ހިފަން ބޭނުންވާ  ކަމަށާއި އެކަމާ ކޯޗު ރުޅި އަންނަ ކަމަށެވެ. އަދި ރޯދަ އަށް އަށް ތިބޭ ކުޅުންތެރިން އަރުވަން އޭނާ ބޭނުމެއް ނުވާ ކަމަށާއި އެރުވިޔަސް ނުކުޅެވެޔޭ ކިޔާފައި ބާލާ ކަމަށެވެ. އެހެންކަމުން ކޯޗާ ޓީމާ ފުށުއެރުންތަކެއް އެބައުޅޭ ކަމަށް ކުޅިވަރުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ޑރ. ޙުސައިން ވިދާޅުވިއެވެ.

ޑރ. ޙުސައިން ވިދާޅުވީ ކޯޗަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް ފުޓްބޯޅައިގެ ވެރިން އޭނާ ބަހައްޓާފައި ހުރީ އެތުލީޓުންގެ ވިލެޖުން ބޭރުގައި ކަމަށާއި އަބަދުވެސް އިވެނީ އޭނާ ވިލެޖަށް ނާންނަ ވާހަކަ އާއި ރެސްޓޯރެންޓެއްގައި ނުވަތަ ބާރތަކުގައި ކޮންމެވެސް އެއްޗެއް ބޮއެގެން އުޅޭ ވާހަކަ ކަމަށެވެ. އަދި ވިދާޅުވީ ކޯޗުގެ ފަރާތުން އަބަދުވެސް އިވެނީ އެތަން (ސީޝެލްސް) ކަމުނުގޮސްގެން މާލެ އަންނަން ބޭނުންވާ ވާހަކަ ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންނަށް ވެސް ނުރަނގަޅު އަސަރުކުރި ކަމަށެވެ.

ޑރ. ޙުސައިން އިތުރަށް ވިދާޅުވީ ކޮންމެ ކުޅިވަރަކުން ބޭރުގެ ކޯޗެއް ގެނަޔަސް ގެންނަން ޖެހޭނީ ރާއްޖޭގެ ޘަޤާފަތް ޤަބޫލުކުރާ މީހެއް ކަމަށާއި އެމީހަކު ރާއްޖޭގެ ކަންތައްތަކާމެދު ހޭލުންތެރިވާން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޯޗް މަޤާމުން ވަކިކުރަން ޖެހޭ ކަމަށް ޑރ. ޙުސައިންގެ އަމިއްލަ ޙައިޞިއްޔަތުން ޤަބޫލުކުރައްވާ ކަމަށާއި ނަމަވެސް ގޮތެއް ނިންމާނީ ފުޓްބޯޅަ އެސޯސިއޭޝަނުން ކަމަށެވެ.

ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ކަމަށް ޑިއޭގޯ ކުރްސިއާނީ ފުޓްބޯޅަ އެސޯސިއޭޝަނުން ހަމަޖައްސާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ޤައުމީ ފުޓްބޯޅަ ޓީމް ނެރުނު ނަތީޖާއާމެދު ގިނަ ބަޔަކު ދަނީ ކުރްސިއާނީ އަށް ފާޑުކިޔަމުންނެވެ.

_________

މަސްދަރު / ފޮޓޯ  : "ހަވީރު" ނޫސް (11 އޯގަސްޓް 2011)

ޓެގް

ޤައުމީ ފުޓްބޯޅަ ޓީމް ފުޓްބޯޅަ ކުޅިވަރު ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.