ރާއްޖޭގެ ޚަބަރު މުޖުތަމަޢުގައި ބަލާލާ ކޮންމެ ދިމާއަކުންވެސް ފެންނަމުން ދަނީ ހިތްނުތަނަވަސްކަން : ޝައިޚް އިލްޔާސް ޙުސައިން

މުޖުތަމަޢުގައި ބަލާލާ ކޮންމެ ދިމާއަކުންވެސް ފެންނަމުން ދަނީ ހިތްނުތަނަވަސްކަން : ޝައިޚް އިލްޔާސް ޙުސައިން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

މިއަދު ދިވެހި މުޖުތަމަޢުގައި އަޅުގަނޑުމެން ދެކެން ބޭނުންނުވާ ފަދަ ބޮޑެތި ޖަރީމާތައް ފާޅުވަމުންދާ ކަމަށާއި ބަލާލާ ކޮންމެ ދިމާއަކުންވެސް ފެންނަމުން ދަނީ އުދާސް ކަމާއި ހިތްނުތަނަވަސްކަން ކަމުގައި ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ރޭ އަލިމަސް ކާނިވަލުގައި "އުފާވެރި ދިރިއުޅުމަށް އެދޭ މީހާއަށް" މިމައުޟޫއަށް ދަރުސް ދެއްވަމުން ޝައިޚް ވިދާޅުވީ ބައެއް މީހުން ދެކޭ ގޮތުގައި ދުނިޔޭގެ ދިރިއުޅުމުގެ އުފާވެރިކަމުގެ އަޞްލަކީ ފައިސާއާއި މުދަލުގެ ތަނަވަސްކަމާއި، ޖާހާއި މަންސަބާއި އިއްޒަތާއި ޝަރަފް އަދި ވެރިކަން ކަމަށެވެ. އަދި އަނެއް ބަޔަކު ދެކޭ ގޮތުގައި އުފާވެރި ދިރިއުޅުމުގެ އަޞްލަކީ ހިތްހަމަޖެހޭ ގޮތަށް ބޭނުން ކަމެއް ބޭނުން ގޮތަކަށް ކޮށްލުން ކަމަށެވެ. ނަމަވެސް މިކަންތައްތަކަކީ އުފާވެރިކަމުގެ އަޞްލެއް ނޫން ކަމަށް ޤުރުއާނާއި ސުންނަތުގެ އަލީގައި ޝައިޚް ބަޔާންކޮށްދެއްވިއެވެ.

އުފާވެރި ދިރިއުޅުމެއްގެ އަޞްލު ޙަޤީޤީ އަސާސަކީ ދެކަމެއް ކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. ފުރަތަމަ ކަމަކީ ﷲ ޞުބްހާނަހޫ ވަތައާލާ އަށް ފުރިހަމަ ގޮތުގައި އީމާންވުން ކަމާއި ދެވަނަ ކަމަކީ ޞާލިޙް ޢަމަލުތައްކުރުން ކަމަށް ޝައިޚް ބަޔާންކުރެއްވިއެވެ. އަދި ޞާލިޙް ޢަމަލުކުރުމުގެ ތެރޭގައި އެންމެ މުހިންމު ކަމަކީ ފަރުޟު ފަސް ނަމާދު ވަޤުތުގައި ކުރުން ކަން ހަނދާންކޮށްދެއްވިއެވެ.

އީމާންކަން ބަލިކަށިވެގެން ދިއުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކާއި ބެހޭ ގޮތުން ޝައިޚް ވާހަކަފުޅު ދެއްކެވިއެވެ.

"ބަލާލާ ކޮންމެ ދިމާއަކުން އަޅުގަނޑުމެންނަށް އުދާސްކަން ލިބެމުންދަނީ. ހިތްނުތަނަވަސް ކަން ލިބިގެން ދަނީ. ދަރިންނަށް ބަލާލި ކަމުގައި ވިޔަސް ކިޔަމަންތެރިކަމެއް ނެތް. ވެރިންނަށް ބަލާލި ކަމުގައި ވިޔަސް ޢަދުލު އިންޞާފެއް ނެތް. ދޭދޭ ދެ އަފްރާދުންނަށް ބަލާލި ކަމުގައި ވިޔަސް އީމާންކަމުގެ ސަބަބުން ލިބެންޖެހޭ ގުޅުން އަޅުގަނޑުމެންގެ މެދުގައި ނެތް. މުޖްތަމަޢުގައި އަމާންކަމެއް ވެސް ނެތް. މިއީ ކީއްވެތޯ؟ މިއީ އަޅުގަނޑުމެންގެ އީމާންކަން ބަލިކަށިވެގެން ދިއުމުގެ ސަބަބުން ދިމާވި ކަންތައް. އެހެންވީމާ މިކަންތައްތައް ޙައްލު ކުރުމަށްޓަކައި އެބަޖެހޭ ހެޔޮ ޢަމަލުތައް ކުރަން" ޝައިޚް ވިދާޅުވިއެވެ.

ޝައިޚްގެ ވާހަކަފުޅުގައި އުފާވެރި ޙަޔާތަކަށްޓަކައި ދެމަފިރިން އެކަކު އަނެކެއްގެ ޙައްޤުތައް ޢަދާކުރުމާއި ބެހޭ ގޮތުން ދަރުސް ދެއްވިއެވެ. އެގޮތުން އަންހެނުންނަށް އޯގާތެރިވުމާއި އަޅާލުމާއި ޙިމާޔަތްދިނުމުގެ މައްޗަށް ވާހަކަފުޅުދެއްކެވިއެވެ. އަނބިމީހާގެ ފަރާތުން ހިތްހަމަނުޖެހޭ ފަދަ ސިފައެއް ފެނުނަސް ފިރިމީހާ ރުޅިއައިސްގެން ބަދުބަސް ބުނުމުގެ ބަދަލުގައި އޭނަގެ ފަރާތުން ލިބިފައިވާ ރަނގަޅު ކަންތައްތައް ހަނދާންކުރުމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ބަޔާންކުރެއްވި ގޮތުގައި ޝައިޠާނާ އެންމެ ބޮޑަށް އުފާވާ އެއް ކަމަކީ ދެމަފިރިންގެ މެދުގައި ސުލްހަ މަސަލަސްކަން ނަގާލައި އިތުބާރު ގެއްލުވާލުން ކަމަށެވެ. އަދި ދެމަފިރިންގެ ތެރޭގައި ދިމާވާ މައްސަލަތައް ގޭތެރޭގެ ހަތަރު ފާރުން ބޭރުވެގެން ނުވާނެ ކަމަށް ބަޔާން ކުރެއްވިއެވެ.

މީގެ އިތުރުން އުފާވެރި ދިރިއުޅުމަކަށްޓަކައި އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމުގެ މައްޗަށް ޝައިޚް އަލިއަޅުވާލެއްވިއެވެ.

ޝައިޚް ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދެމަފިރިންނަށްވެސް ދޭދޭ އަފުރާދުންނަށްވެސް މައިންބަފައިންނާއި ދަރިންނަށްވެސް ވެރިންނާއި ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ﷲ ގެ ބަސްފުޅުތަކާއި އެއްގޮތަށް އުޅުމާއި ގުޅުން ބިނާނުކުރުން ކަމަށެވެ.

ތިމާގެ ހުރިހާވެސް މަންޒިލަކީ އާޚިރަތް ދުވަސް ކަމުގައި ބަލައިގެން ޙަޔާތުގެ ދުވަސްތައް ﷲ އަންގަވާފައިވާ ގޮތުގެ މަތިން ހޭދަކުރާ ކަމުގައިވާނަމަ އެމީހާ އަކީ މުއްސަނދި މީހެއް ކަމުގައި ލައްވާނެ ކަން ޙަދީޘްގެ އަލީގައި ޝައިޚް ބަޔާންކުރެއްވިއެވެ. އަދި އަޞްލު މުއްސަނދި ކަމަކީ ހިތުގެ މުއްސަނދި ކަން ކަމާއި، ފައިސާގެ މުއްސަނދިކަމެއް ނޫންކަން ބަޔާންކުރެއްވިއެވެ.

ކުރިއަށް އޮތީ ރަމަޟާން މަސް ކަމުން އެމައްސަރާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރަމަޟާން މަހުގައި ނަފްސު އިސްލާހު ކޮށް ހެޔޮގޮތުގައި ހޭދަކުރުމަށް ޝައިޚް ނަޞީހަތްތެރިވިއެވެ.

"ހިނގަމާ އަޅުގަނޑުމެން މިމައްސަރުގައި ހެޔޮކަންތައްތައް ކުރަން. އަޅުގަނޑުމެންގެ މުޖުތަމަޢަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަން، އަޅުގަނޑުމެންގެ މުޖުތަމަޢަށް ދިމާވެފައިވާ ނޭއްގާނީ ހުރިހާ ނޭދެވޭ ކަންތައްތަކުން ސަލާމަތްވުމަށްޓަކައި ނޭދެވޭ ވަބާތަކާއި މުޞީބާތްތަކުން ސަލާމަތްވުމަށްޓަކައި ރަނުގެ ފުރުޞަތެއް މިއީ" ޝައިޚް ވިދާޅުވިއެވެ.

އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަމާއި ބެހޭގޮތުން ޝައިޚް ވާހަކަކޮޅެއް ދެއްކެވިއެވެ. ޝައިޚް ވިދާޅުވީ އެދުވަސްތަކުގެ ހެޔޮކަމާއި ޘަވާބު ހޯދުމުގެ ބަދަލުގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ކަންތައްތައް އިތުރުކުރާ ކަމަށެވެ.

"ޝައިޠާނާ މިރާއްޖޭގައި ކަސްތޮޅު ނޭޅުވޭ. ޝައިޠާނާ އައިސްފައި ބުނަނީ ނޫނެކޭ. "އެހާރާ މިހާރާ" ، ބައިބަލާ އާއި ވާދެމުމާ މިކަންތައްތައް އަދި ޖޯޝާ ފޯރީގައި.... މިވަޤުތުވެސް އަޅުގަނޑުމެން އިޞްލާޙް ނުވެއްޖެނަމަ ކޮން ވަޤުތަކުތޯ އިޞްލާޙުވާނީ؟" ޝައިޚް ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ޝައިޚް ދެއްވި ދަރުސްގައްޔާއި މީގެ ކުރިން ދެއްވާފައިވާ އެހެން ދަރުސްތަކުގައިވެސް އިލްތިމާސްކުރައްވާފައިވާ ފަދައިން ރަމަޟާން މަހުގެ ޙުރުމަތަށްޓަކައި މީޑިއާތަކުން ޙަރާމް ފާޙިޝް ކަންތައްތަކަށް މަގުފަހިކުރުވާ ޕްރޮގްރާމްތައް ނުފޮނުވުމަށް ރޭގެ ދަރުސްގައިވެސް ޝައިޚް ގޮވާލެއްވިއެވެ.

މިދަރުސްގެ ރެކޯޑިންގ ޖުލައި 25 ވާ ހޯމަ ދުވަހުގެ ރޭ އެމްއެންބީސީ ވަން އިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް

ޓެގް

ދަރުސް ވީޑިއޯ ޝައިޚް އިލްޔާސް ޙުސައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.