ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ "ނަމާދު ވޯކްޝޮޕް" ގެ ފިރިހެން ބައިވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ރޭ ބާއްވައިފި އެވެ.
މާފަންނު މަދަރުސާގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ޖަމްޢިއްޔަތުއްސަލަފްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް އާއި އެޖަމްޢިއްޔާގެ ބައެއް އޮފިޝަލުން އަދި ވޯކްޝޮޕްގައި ކިޔަވައިދެއްވާ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ބައިވެރިވެލެއްވިއެވެ.
ބައިވެރިންނާ މުޚާތަބްކޮށް ޝައިޚް އާދަމް ޝަމީމް ދެއްކެވި ވާހަކަފުޅުގައި ނަމާދުގެ މަޤާމާއި މާތްކަން އަދި ނަމާދުތަކަށް ރައްކާތެރިވުމުގެ މުހިންމުކަމާ ބެހޭގޮތުން ކުރުގޮތަކަށް އަލިއަޅުވާލެއްވިއެވެ. ޝައިޚް ވިދާޅުވީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތާ އެއްގޮތަށް ނަމާދުކުރުމަށާއި ނަމާދުގެ ގިނަ މައްސަލަތަކާ ބެހޭ ގޮތުން ވަރަށް ގިނަ މުސްލިމުންނަށް ނޭނގޭ ކަމަށެވެ. އަދި ނަމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި ދަތުރުމަތީ ނަމާދުކުރާނެ ގޮތާއި، ހަނގުރާމަ މަތީ ނަމާދުކުރާނެ ގޮތާއި މިފަދަ ކަންތައްތައް އުނގެނި ދަސްކުރަންޖެހޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.
އިތުރަށް ޝައިޚް ވިދާޅުވީ މިވޯކްޝްޕްގައި ލިބިގެންދާނީ ނަމާދާބެހޭ އާދައިގެ މަޢުލޫމާތުތަކެއް ނޫންކަމަށާއި ޝައުޤުވަނިވި އަދި ފައިދާކުރުވަނިވި މަޢުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ. އަދި ނަމާދާ ބެހޭ ތަޢުލީމް ޢާއިލާ މީހުންނަށާއި އަނބިދަރިންނަށާއި ރައްޓެހިންނަށް ދެވޭވަރަށް ބައިވެރިންނަށް މަޢުލޫމާތު ލިބިގެންދާނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޖަމްޢިއްޔަތުއްސަލަފްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވޯކްޝޮޕްގެ ޤަވާއިދު ކިޔައިދެއްވިއެވެ. އެގޮތުން ވޯކްޝޮޕަށް އަންނައިރު ރީތިކޮށް ހެދުން އެޅުމަށާއި، ބައިވެރިން ވޯކްޝޮޕްގެ ހުރިހާ ސެޝަންތަކަށް ގަޑިއަށް ޙާޟިރުވުމަށް ފަރުވާތެރިވުމަށް ވިދާޅުވިއެވެ. އަދި ޞަބާހް ވިދާޅުވީ ވޯކްޝޮޕް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނީ ހުރިހާ ސެޝަންތަކަށް ޙާޟިރުވާ ބައިވެރިންނަށް ކަމަށެވެ.
ސަލަފުން ހިންގާ "ނަމާދު ވޯކްޝޮޕް" ގެ މިއަދާއި މާދަމާ ޚާއްޞަ ކުރެވިފައިވަނީ ހަމައެކަނި ފިރިހެން ބޭފުޅުންނަށެވެ. އަދި މިމަހު 15 އާއި 16 ވަނަ ދުވަހުގެ ވޯކްޝޮޕް ޚާއްޞަ ކުރެވިފައި ވަނީ ހަމައެކަނި އަންހެން ބޭފުޅުންނަށެވެ. މިވޯކްޝޮޕް އޮންނާނީ ކުއްލިއްޔަތުއްދިރާސަތިލް އިސްލާމިއްޔާގެ 4 ވަނަ ފަންގިފިލާގައި ކަމަށް ސަލަފުން މަޢުލޫމާތު ދެއްވައެވެ.
މިވޯކްޝޮޕްގައި ކިޔަވާދެވޭ ބައިތަކުގެ ތެރޭގައި ޠަހާރަތު، ނަމާދުކުރާނޭ ގޮތް އަދި އުޒުރުވެރިންގެ ނަމާދު ހިމެނެއެވެ.
މިވޯކްޝޮޕްގެ މިއަދުގެ ސެޝަންތައް ރޭވިފައިވަނީ ހަވީރު 16:15 ން 18:15 ށް އަދި ރޭގަނޑު 20:30 ން 22:30 ށެވެ. މާދަމާގެ ސެޝަންތައް ރޭވިފައިވަނީ ހެނދުނު 09:30 ން 12:00 ށް ، ހަވީރު 16:15 ން 18:15 ށް އަދި ރޭގަނޑު 20:30 ން 22:30 ށެވެ.
މީގެ ކުރިން "އަޤީދާ ވޯކްޝޮޕް" ގެ ނަމުގައި ވެސް ސަލަފުން ވޯކްޝޮޕްތަކެއް ހިންގާފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...