މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ އެއް ކަމަށްވާ ސޮސައިޓީ ފޯރ ވިމެން އެގެއިންސްޓް ޑްރަގްސް (ސްވޮޑް) އިން އިސްނަގައިގެން މިމަހު 26 ވާ އާދީއްތަ ދުވަހުގެ ރޭ ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިދަރުސް ބޭއްވެނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީ.ޑީ.ޕީ.އާރު.އެސް) އާއި އިސްލާމިކް މިނިސްޓްރީ އާއި މަދަނީ ޖަމްޢިއްޔާ އެއް ކަމަށްވާ "ޖާނީ" ގެ އެއްބާރުލުމާއެކު އެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން "ސްވޮޑް" ޖަމްޢިއްޔާގެ އެޑްމިނިސްޓްރޭޓަރ ނަޖްމާ އިބްރާހީމް ވިދާޅުވި ގޮތުގައި އެރޭ 21:00 ގައި އާޓިފިޝަލް ބީޗްގައި ޝައިޚް އިލްޔާސް ދަރުސް ދެއްވާނީ "ޙަޤީޤީ އުފާ ލިބެނިވި މަގަކީ..." މިމައުޟޫއަށެވެ. މިފަދަ ޙަރަކާތެއް ހިންގަނީ މަސްތުވާތަކެތީގެ ވަބާއިން މުޖްތަމަޢުގެ މީސްތަކުން ސަލާމަތްކުރުމަށްޓަކައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މުޙިންމުކަން ބޮޑުވެފައިވާތީ ކަމަށް ނަޖްމާ ވިދާޅުވިއެވެ.
ނަޖްމާ ވިދާޅުވީ މިދަރުސް އަށް ޢާއްމުންގެ ވީހާވެސް ގިނަ ބަޔަކަށް ދަޢުވަތު ދިނުމުގެ ގޮތުން ސިޔާސީ ޕާޓީތަކަށާއި، މަދަނީ ޖަމްޢިއްޔާތަކަށް ސިޓީ ފޮނުވުމުގެ އިތުރުން އެކި ގޮތްގޮތުން މިދަރުސް އިޝްތިހާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިދަރުސް ރޭޑިއޯ އެޓޯލް އިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ޓީވީ އިން ވެސް ލައިވް ކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ނަޖްމާ ވިދާޅުވިއެވެ.
މިދަރުސަކީ "ސްވޮޑް" ޖަމްޢިއްޔާ އިން އިސްނަގައިގެން ބޮޑު ޙަރަކާތެއްގެ ގޮތުގައި ބޭއްވޭ މިފަދަ ފުރަތަމަ ދަރުސެވެ. ނަޖްމާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ގޮތުން ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިން މެދުވެރިކޮށް އެފަދަ މީހުންނަށް ނަޞީހަތް ދިނުމުގެ ސެޝަންތައް އެޖަމްޢިއްޔާ އިން ހިންގަމުން ގެންދާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...