ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި އުޅެމުން އަންނަ ހައްދުފަހަނަ އެޅި ޔަހޫދީންތަކެއް ފަލަސްޠީނުގެ އަލް މުޢައްޔިރު އަވަށުގެ މިސްކިތެއްގައި ހުޅުޖަހާ ރޯކޮށްލައިފިއެވެ.
މަންޒަރު ދުށް ފަރާތަކާ ހަވާލާދީ ޕަލެސްޓައިން ޑެއިލީން ހާމަކުރާ ގަތުގައި، ހައްދުފަހަނަ އެޅި ޔަހޫދީންތައް މިސްކިތުގައި ރޯކޮށްލާފައިވަނީ މެންދަމު 3 ޖަހާ ކަށް ހާއިރުއެވެ. މިސްކިތުގައި ރޯކޮށްލުމަށް ފަހު ބައެއް ފާރުތަކުގައި ގްރަފިޓި ކުރަހާފައި ހުރިކަމަށްވެސް ޕަލެސްޓައިން ޑެއިލީން ހާމަކުރެއެވެ.
ބެލެވޭ ގޮތުގައި މިސްކިތުގައި ރޯކޮށްލި މީހުން އައިސްފައިވަނީ، މިސްކިތާ އެންމެ 3 ކިލޯމީޓަރު ދުރުގައި އޮންނަ، އަދިއް ޖިލާދުގެ ނަމުގައި، ގަވާއިދާ ޙިލާފަށް ފަލަސްޠީނުގެ އަމިއްލަ ބިންތަކުގައި އާބާދުކުރަމުން ދާ ހިސާބުންނެވެ. ފަލަސްޠީނުގެ ރައްޔިތެއް ކަމަށްވާ ޖިހާދު އަލް ނައުސަމް އާ ހަވާލާ ދީ އޭއެފްޕީން ބުނާ ގޮތުގައި، ފަތިސް ނަމާދު ކުރަން މީސްތަކުން ދިޔަ އިރު މިސްކިތުގެ ތެރެއިން ދޮރުތަކުން ހުޅުގަނޑު ބޭރަށް ނުކުމެ ހުއްޓެވެ. އަދި، މިސްކިތުގައި އެމީހުން ރޯކޮށްލާފައިވަނީ، މިސްކިތުގެ ތެރެއަށް ކާރު، ޕިކަޕް ފަދަ ތަކެތީގެ ޓަޔަރު އެޅުމަށް ފަހުގައި ކަމަށް ނައުސަމް ހާމަކުރިއެވެ.
ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން، މިސްކިތްތަކުގައި ހުޅު ޖެހުމަކީ ފަލަސްޠީނުގައި ވަރަށް ގިނައިން ހިންގަމުން ދާ ކަމެކެވެ. އެގޮތުން މިދިޔަ މަހުވެސް އެމީހުން ވަނީ، ރާމަﷲގެ މިސްކިތެއްގައި ހުޅުޖަހައިފައެވެ. އަދި، މިދިޔަ އަހަރު ވަނީ ބެތްލެހެމްގެ މިސްކިތެއްގެ އިތުރުން، ނާބުލުސްގެ މިސްކިތެއްގައިވެސް ހުޅު ޖަހާ ރޯކޮށްލާފައެވެ. އަދި 2009 ވަނަ އަހަރު ޔަހޫދީން ވަނީ، ހުޅަނގު އައްސޭރީގެ ސަލްފިތުގެ މިސްކިތެއްގައިވެސް ހުޅުޖަހާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...