މިސްރުން ހޮނިހިރު ދުވަހު، ރަފަހަ ބޯޑަރު ދާއިމީކޮށް ހުޅުވާލުމާ ގުޅިގެން އިޒްރޭލުގެ އިދިކޮޅު ކަދީމާ ޕާޓީން، އެ ކަމަކީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ފެއިލްވެފައިވާ ކަމުގެ ހެއްކެއްކަމަށް ބުނެ، ވަރަށް ބޮޑަށް އޭނައަށް ފާޑު ކިޔައިފިއެވެ.
ރަފަހަ ބޯޑަރު ހުޅުވާލުމާ ދެކޮޅު ހެދުމުގެ ގޮތުން ކަދީމާ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ބޯޑަރު އިޒްރޭލުގެ އެއްވެސް ދައުރެއް ނެތި ހުޅުވިގެން ދިޔުމަކީ އެމީހުން އެދޭ ގޮތާ ސީދާ ދެކޮޅަށް ނިމިގެން ދިޔަ ނިމުމެއް ކަމަށާއި، ބޯޑަރު ހުޅުވުން މަނާކުރުމަށް ބައިނަލް އަޤްވާމީ ޖަމާއަތްތަކާ ގުޅިގެން ސަރުކާރަށް މަސައްކަތް ކުރެވުނީސް ކަމަށެވެ. ނަމަވެސް މިކަމުގައި ބެންޖަމިން ނަތަން ޔާހޫގެ މުޅި ކެބިނެޓް ވަނީ ފެއިލްވެފައި ކަމަށެވެ.
2007 ވަނަ އަހަރު ހަމާސުން ގައްޒާގެ ވެރިކަމާ ހަވާލުވުމާއެކު، އިޒްރޭލުން މިސްރާއެކު އޮންނަ ސިޔާސީ ގާތް ގުޅުމުގެ ބޭނުން ހިފައި ރަފަހަ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. އަދި ހޮނިހިރު ދުވަހާ ހަމައަށްވެސް އެ ބޯޑަރު ވަނީ މިސްރުގެ އެއްބާރުލުމާއެކު އެ ގޮތުގައި ބާއްވާފައެވެ. ނަމަވެސް ދާއިމީގޮތަކަށް އެ ބޯޑަރު ހުޅުވާ ލުމާއެކު، ގައްޒާގެ ރައްޔިތުންގެ ތެރެއިން، އަންހެނުންނާއި، 18 އަހަރު ނުފުރޭ ކުދިންނާއި، އަދި 40 އަހަރުން މަތީގެ ފިރެހެނުންނަށް އެއްވެސް ދަތިކަމަކާ ނުލާ އެ ބޯޑަރު ހުރަސްކޮށް މިސްރަށް އެތެރެވެވޭގޮތް ވަނީ ވެފައެވެ. ނަމަވެސް އަދިވެސް އުމުރުން 18 އަހަރާ 40 އަހަރާ ދެމެދުގެ ފިރެހެނުންނަށް ބޯޑަރ ހުރަސްކޮށްދެވެނީ ވިސާ ހޯދައިގެންނެވެ.
2008 ވަނަ އަހަރު އިޒްރޭލުން ގައްޒާއަށް ދިން ލާއިންސާނީ ހަމަލާތަކަށްފަހުވެސް މިސްރުގައޮ އޭރު އޮތް ހުސްނީ މުބާރަކްގެ ސަރުކާރުންވަނީ ރަފަހަ ބޯޑަރު ހުޅުވުމަށް އިންކާރުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން މިސްރާއި، އަވަށްޓެރި އަރަބި ޤައުމުތަކާދެމެދު އޮންނަ ގުޅުމަށްވެސް ވަނީ އަސަރުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...