
ނ.އަތޮޅުގައި ދީނީ ދަޢުވަތު ދިނުމުގައި ހަރަކާތްތެރިވާ ޒުވާނުންނާއި "ނޫނު ރިޙްލާ" ގައި ބައިވެރިވެލައްވާ ޝައިޚުން ބައްދަލުކުރައްވަނީ – ފޮޓޯ : ރާއްޖެއިސްލާމް
ނ.އަތޮޅު މަދަރުސާގެ ދަރިވަރުންގެ ބެލެނިވެރިންނާއި އަދި އެ އަތޮޅުގައި ދީނީ ދަޢުވަތު ދިނުމުގައި ހަރަކާތްތެރިވާ ޒުވާނުންނާއި "ނޫނު ރިޙްލާ" ގައި ބައިވެރިވެލައްވާ ޝައިޚުން މިއަދު ބައްދަލުކުރައްވައިވިފިއެވެ.
ބެލެނިވެރިންނާއި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު 10:00 އާއި 11:00 އާއި ދެމެދުގައި ނ.އަތޮޅު މަދަރުސާގައެވެ. މިބައްދަލުކުރެއްވުމުގައި ރިޙްލާ ޓީމްގައި ހަރަކާތްތެރިވެލައްވާ 4 ޝައިޚުން ކަމަށްވާ ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި، ޝައިޚް އަޙްމަދު ސަމީރު އާއި ، ޝައިޚް އާދަމް ޝަމީމް އާއި، ޝައިޚް މުޙައްމަދު އިބްރާހީމް ގެ އިތުރުން އެ މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް ޙަސަން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޝައިޚުން ދެއްކެވި ވާހަކަފުޅުތަކުގައި ބެލެނިވެރިންގެ ޒިންމާތަކާއި އެ ޒިންމާތައް އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޝައިޚް އާދަމް ޝަމީމް ވިދާޅުވީ މައިންނަކީ އުންމަތުގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު މަދަރުސާ ކަމަށެވެ. ޝައިޚް މުޙައްމަދު އިބްރާހީމް ވިދާޅުވީ ބެލެނިވެރިން އެމީހުންގެ ދަރިންގެ އަޚްލާޤް ގޯސްވެގެން ވަރަށް ގިނަ ޝަކުވާތައް ހުށަހަޅަމުންދާ ކަމަށާއި، އެހެންނަމަވެސް މި ޝަކުވާތައް މި ބެލެނިވެރިން ކުރަނީ އެކުދިންގެ ޅަޢުމުރުގައި އަޅާލަންވާ ވަރަށް އަޅާނުލެވި އެ ކުދިން ނުރަނގަޅު އަޚްލާޤެއްގައި ބޮޑެތިވުމުން ކަމަށެވެ.
ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ ދަރިންނަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް ކަމާއި ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް އެކުދިންނަށް ހެޔޮ ތަޢުލީމު ފޯރުކޮށްދޭން ޖެހޭކަމަށެވެ.
ނ.އަތޮޅުގެ ރަށްރަށުގައި ދީނީ ދަޢުވަތު ދިނުމުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ރިޙްލާ ޓީމްގައި ބައިވެރިވެލައްވާ 4 ޝައިޚުން ބައްދަލުކުރެއްވުން އޮތީ މިއަދު 11:15 ހާއިރު ނ.އަތޮޅު މަދަރުސާގައެވެ.
އަތޮޅުގެ ވަރަށް ގިނަ ރަށް ރަށުގެ ޒުވާނުން ބައިވެރިވި މި ބައްދަލުކުރެއްވުމުގައި ދީނީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުން ކަންތައްތައް ކުރިއަށް ގެންދަންވާ ގޮތުގެ ތަފްޞީލް ޝައިޚުން ކިޔައިދެއްވިއެވެ. އެގޮތުން ކެތްތެރިކަމާއި ޙިކްމަތްތެރިކަމާއިއެކު ދަޢުވަތު ކުރިއަށް ގެންދިއުމަށާއި އެއްވެސް ޙާލެއްގައި ކަންތައްތަކުގެ ބަދަލުހިފުން ނުބޭއްވުމަށް ނަޞޭޙަތްތެރިވެލައްވާފައި ވެއެވެ.
މިބައްދަލުކުރެއްވުން މެންދުރު ނަމާދަށް މެދުކަނޑާލުމަށްފަހު، ނަމާދުގެ ފަހުން ކުރިއަށް ގެންދަވާފައިވަނީ ރަށުގެ ހުކުރު މިސްކިތުގައެވެ. ދަޢުވަތުގެ މައިދާނުގައި ދިމާވާ ހުރަސްތަކާއި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން ޒުވާނުންގެ ފަރާތުން ވާހަކަދައްކާފައިވެއެވެ. އެކަމުގައި ޖަމްޢިއްޔަތުއްސަލަފުން ކޮށްދެއްވިދާނެ ކަންތައްތަކާއި ގުޅޭގޮތުން އަދި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވައި އެޖަމްޢިއްޔާގެ ފަރާތުން ވަނީ ވާހަކަދައްކަވާފައެވެ.
މަސްދަރު : ރާއްޖެއިސްލާމް

ކޮމެންޓް (0)
ލޯޑް ކުރަމުން...